Advertisement

މި މަހު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

27 ސެޕްޓެންބަރު 2021 - 14:23 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި. -- ފޮޓޯ:ހުސެއިން ޝަޔާހް/އަދަދު


މި މަހު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

27 ސެޕްޓެންބަރު 2021 - 14:23 0

މި މަހުގެ މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު މިހާތަނަށް ޖުމްލަ 858,711 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މި އަމާޒަށް ވަރަށް ފަސޭހައިން ވާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ސެޕްޓެމްބަރު 26 ގެ ނިޔަލަށް 102,745 ފަތުރުވެރިން ރާއްޖެ އަ އެވެ. މިއީ ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 100,221 ފަތުރުވެރިންނާ ބަލާއިރު 2.5 އިންސައްތަ އިތުރުވުމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިން އާންމުކޮށް ރާއްޖޭގައި އަށެއް ނުވަތަ ނުވަ ދުވަސް ހޭދަކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3,952 ފަތުރުވެރިން ރާއްޖެ އާދެ އެވެ. އަދި މިމަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއް ދުވަހު ރާއްޖެ އައިސްފައި ވަނީ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 4,862 ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އޮތީ އަވައްޓެރި އިންޑިއާ އެވެ. މި ލިސްޓުގައި ރަޝިއާ، ޖަރުމަން، އެމެރިކާ އަދި ސައުދު އަރަބިއްޔާ ހިމެނެ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދޭ 883 ފެސިލިޓީގައި 51,056 އެނދު މިހާރު އޮޕަރޭޓް ކުރެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައި ވަނީ ޖުލައި މަހު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުންނެވެ. އަދި މިހާރު އިނގިރޭސި ވިލާތުގެ ގްރީން ލިސްޓަށް ރާއްޖެ އަރާފައިވާ އިރު، މީގެ ސަބަބުން ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން ވެސް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.