Advertisement

ކުރީގެ ސަރުކާރުން ހުރިހާ ކަމެއް ނިންމާފައި އޮތް ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

15 އޭޕްރީލް 2024 - 23:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ ސަރުކާރުގެ ޑިޒައިނާ އެއްގޮތަށް ހަންކެޑެ ތަރައްގީ ކުރަން ރާވަފައިވާ ގޮތުގެ ކުރެހުމެއް --- ފޮޓޯ: އެމްއެފްްއެމްސީ


ކުރީގެ ސަރުކާރުން ހުރިހާ ކަމެއް ނިންމާފައި އޮތް ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

15 އޭޕްރީލް 2024 - 23:00 0

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ އިފްތިތާހުކޮށްފި އެވެ.

ހަންކެޑެ ތަރައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. މި ކުންފުންޏާއެކު ޖުމްލަ 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މާޗު 30، 2023 ގަ އެވެ.

އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021 ގަ އެވެ.

މާޗު 2023, ގައި ސޮއިކުރި ހަންކެޑެ މަޝްރޫއުގެ ފައިނޭންސިންއަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ބޭންކް އޮފް ޗައިނާއާއެކު ސޮއިކޮށްފައިވަނީ ނޮވެމްބަރު 6، 2023 ގަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއްހެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގެ ދަށުން ހަންކެޑެގައި 2082 ޓޫރިސްޓު އެކި ފަންތީގެ ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކެއް ގޮތަށް ގާއިމުކުރާނެ އެވެ. އެއީ;

  • ދެ ގްރޭންޑް ހޮޓެލް - 600 އެނދު
  • ދެ ޑިލަކްސް ހޮޓެލް - 320 އެނދު
  • އަށް ބުޓީކް ހޮޓެލް - 560 އެނދު
  • އަށް ސާވިސްޑް އެޕާޓްމަންޓު - 560 އެނދު
  • އަށް ބީޗް ވިލާ, ދެ ކޮޓަރީގެ - 32 އެނދު
  • ނުވަ ބީޗް ވިލާ, ހަތަރު ކޮޓަރީގެ - 72 އެނދު

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.