Advertisement

ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމަށްފަހު ވަކިކުރި މުންއިމް އަނެއްކާވެސް އެ މަގާމަށް އައްޔަނުކޮށްފި

23 އޭޕްރީލް 2024 - 11:26 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މުންއިމް އަނީސް ސްޓޭޓް މިނިސްޓަރުކަމަށް އައްުޔަން ކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރު މަގާމުގެ ފަތްކޮޅު އަރުވަނީ. އޭގެ ތިން ދުވަސް ފަހުން އެފަހަރު އޭނާ މަގާމުން ވަކިކުރި. ފޮޓޯ:ރައީސް އޮފީސް


ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމަށްފަހު ވަކިކުރި މުންއިމް އަނެއްކާވެސް އެ މަގާމަށް އައްޔަނުކޮށްފި

23 އޭޕްރީލް 2024 - 11:26 1

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ނޮވެމްބަރު މަހު އައްޔަންކުރިތާ ތިން ދުވަސްފަހުން ވަކިކުރި ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަނެއްކާވެސް އެ މަގާމަށް އައްޔަންކޮށްފި އެވެ.

މުންއިމް މަގާމަށް އައްޔަންކުރީ ނޮވެމްބަރު 21، 2023 ގަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.

އޭރު އެކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ހަލީލު ވަނީ މުންއިމް މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެހާ އަވަހަށް މަގާމުން ވަކިިކުރި ސަބަބެއް ވިދާޅެއްނުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި މުންއިމް އަށް މަރުހަބާ ކިޔާފަ އެވެ. އައްޔަންކުރި ތާރީހެއް ބުނެފައެއް ނެތެވެ.

އެ މިނިސްޓްރީގެ މިނިސްޓަރަކީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް އެވެ.

މީގެކުރިން ވަކިކޮށްފައްވާ ބޭފުޅަކު އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައި މިވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން މައްޗަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް، އެ ނަމްބަރުތައް ދޭން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ޕަބްލިކް ޑޮމެއިން އިން ފެންނަން ހުރި ނަމްބަރުތަކަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންގެ ހިސާބުން މަތީގައި އެކަނިވެސް 300 އަށްވުރެ ގިނަ ސިޔާީ މަގާމުތައް އެބަހުއްޓެވެ.