Advertisement

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ ކުޑަކުރުމުގެ މަސައްކަތަށް ކުރިއެރުން

27 ސެޕްޓެންބަރު 2021 - 11:23 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ ކުޑަކުރުމުގެ މަސައްކަތަށް ކުރިއެރުން

27 ސެޕްޓެންބަރު 2021 - 11:23 0

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލައިގައި އެ ޔޫނިއަންއާ އެކު ދިވެހި ސަރުކާރުން ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމުކޮށް ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސެއިން މަޖިލީހަށް ހާޒިރުވެ ވިދާޅުވީ މަހަށް ހަމަ އަގު ލިބޭނީ ބޮޑު އަގުގައި މަސް ގަންނަ މާކެޓުތަކަށް ދިވެހި މަސް ފޯރުކޮށް ދެވިގެން ކަމަށެވެ.

އެގޮތުން، ދިވެހި މަހުގެ މުހިންމު މާކެޓެއް ކަމަށްވާ އީޔޫއިން ދިވެހި މަހަށް ބޮޑު ޑިޔުޓީއެއް ނަގާތީ، އެ މާކެޓަށް މަސް ބޭރުކުރަން ދިމާވާ ދަތިތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ދާދި ފަހުން އީޔޫއާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ދިވެހި ވަފުދުން މަހުން ނަގާ ޑިޔުޓީއާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށް އޭނާ އަލިއަޅުވާލެއްވި އެވެ.

"އެމީހުން [އީޔޫން] މިހާރު ޕްރޮޕޯޒްކޮށްފައި އެބަހުރި ތިމާވެށީގެ ކަންކަމުގައި ސަސްޓެއިންޑްކޮށް މަސައްކަތްކުރާ ގައުމުތަކާއި ދެމެހެެއްޓެނެވި ތަރައްގީއަށް މަސައްކަތްކުރާ ގައުމުތަކަށް އިސްކަން ލިބޭ ގޮތަށް ޑިޔުޓީ އެކްޒެމްޕްޝަން ފަރުމާކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް ކާމިޔާބު ކުރެވުމުން، އީޔޫއަށް މަސްބޭރުކުރުން އިތުރުކުރެވި، މަހުގެ އަގު އުފުލިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އީޔޫން ބޮޑު ޑިޔުޓީއެއް ނަގަނީ ކީއްވެ؟

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ޔޫރަޕަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން އެއްވެސް ޑިޔުޓީ އެއް ނުނަގަ އެވެ.

ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ. އެއާއެކު ޔޫރަޕަށް ބޭރުކުރާ މަހަށް ރާއްޖޭން މިހާރު 28 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެ އެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވެ އެވެ.

އެއީ، އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ އެވެ. އެކަމުގައި އިސްތިސްނާއެއް ހޯދުމަށް ވެސް ދިވެހި ސަރުކާރުން އަންނަނީ ކެނޑެނޭޅި މަސައްކަތް ކުރަމުންނެވެ.

ނައިފަރުގައި އައިސްޕްލާންޓެއް އަޅަން ވައުދެއް ނުވޭ

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ނައިފަރުގައި އައިސް ޕްލާންޓެއް އެޅުމަށް ރައީސް ސޯލިހު އެއް އިރެއްގައި ވެސް ވައުދުވެވަޑައިގެންފައެއް ނުވާއިރު، އެކަމަށް އެ ރަށުގެ މަސްވެރިން އެދިފައި ވެސް ނުވާ ކަމަށެވެ.

"ދެން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ކަންކަމަކީ ސްލިޕްވޭއެއް އެޅުން، އިންޖީނު ރިޕެއާ ސެންޓަރެއް ހެދުން، ޑައިވްކޮށްގެން އެން ހިފުން ފާދިއްޕޮޅުގައި މަނާކުރުން، ލޭނު އަޅައިގެން މަސް ބޭނުމާއި ދާ އަޅައިގެން މަސް ހިފުން ރާއްޖޭގައި މަނާކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ކޮށްދެވިފައިވާކަން ވިދާޅުވަމުން، ހުސެއިން އިތުރަށް ވިދާޅުވީ ނައިފަރުގެ މަސްވެރިން އެދުނު ގޮތަށް، އެ ރަށާ ތިން ކިލޯމީޓަރު ދުރުގައި އޮންނަ ފެލިވަރުން އައިސް ލިބޭ އަގު ހެޔޮކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން، ކުރިން 1،060ރ. އަށް ލިބުނު އައިސް ޓަނު، މިހާރު 750ރ. އަށް ފެލިވަރުން ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ފެލިވަރުގެ މަސް ކާރުހާނާގެ އިތުރުން ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މަސްވެރިކަމަށް ހެޔޮ އިންގިލާބީ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އެ މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނު މަސް ގަނޑުކުރާނެ ބްރައިން ފްރީޒިން އާއި، ދުވާލަކު 80 ޓަނު ފިނި ކުރާނެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ރަށުގައި 100 ޓަނުގެ އައިސް ޕްލާންޓެއްގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ކުރިން 50 ޓަނުގެ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.