Advertisement

މަސް ފެކްޓަރީ އަޅަން ޗައިނާއާ ހަވާލު ކުރި މާދެލި އޮތީ ލަގްޒަރީ ރިސޯޓެއް ހަދަން ކުރިން ދީފައި

15 އޭޕްރީލް 2024 - 14:01 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދ. މާދެލި: އެ ރަށުގެ އިކުއިޒިޝަން ކޮސްޓު ވެސް އޮތީ ދައްކައި ހަލާސްކޮށްފައި -- ފޮޓޯ: މާކަނާ / ފޭސްބުކް


މަސް ފެކްޓަރީ އަޅަން ޗައިނާއާ ހަވާލު ކުރި މާދެލި އޮތީ ލަގްޒަރީ ރިސޯޓެއް ހަދަން ކުރިން ދީފައި

15 އޭޕްރީލް 2024 - 14:01 2

މަސް ފެކްޓަރީއެއް އަޅަން ޗައިނާއާ އިއްޔެ ދ. މާދެލި ހަވާލު ކުރިއިރު، އެ ރަށް އޮތީ ލަގްޒަރީ ރިސޯޓެއް ހަދަން ބަޔަކާ މިދިޔަ އަހަރު ހަވާލުކޮށްފަ އެވެ.

މާދެލީގައި ރިސޯޓެއް ހަދަން ޖުލައި 5، 2023، ގައި ސޮއި ކުރީ އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެއީ ސެއިންޓް ރެޖިސްގެ ވޮއްމުލި ހިންގާ ކުންފުންޏެވެ. ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ.

މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އިއްޔެ ހަވާލު ކުރިއިރު، އެ ރަށުގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7.2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.

މާދެލީގެ ރިސޯޓު އެޅުމަށް އެސްއޭއެސް ކުންފުނިން ހެދި މާސްޓާޕްލޭން ވެސް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ އޮތީ އެޕްރޫވްކޮށްފަ އެވެ. އަދި އެ ރަށުގެ އީއައިއޭ ހެދުމުގެ ޓާމްސްތައް، އީޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.

އެސްއޭއެސްއާ ސަރުކާރުން މާދެލި ހަވާލު ކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ފައިސާ ހަމަޖައްސައިދޭ މަތިންނެވެ. ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް ދިނުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ލިސްޓުގައި އަދިވެސް މާދެލި އެބަ އޮތެވެ.

އެ ރަށުގައި މަސް ފެކްޓަރީއެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދޫގައި ވާހަކަ ދައްކަވަމުން، މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިގަތީ އޯގަސްޓު 17، 2023، ގަ އެވެ. އެއީ އެސްއޭއެސްއާ މާދެލި ހަވާލު ކުރިތާ ދޮޅު މަސް ފަހުންނެވެ.

"އާދެ، ކޭނިން ފެކްޓަރީ ނޫނިއްޔާ މަސް ކިރާ އަދި މަސް ބަންދު ކުރުމުގެ ފެކްޓަރީ ރާއްޖޭގެ މި ސަރަހައްދުގައި، މެދު ރާއްޖެތެރެއަކު ނެތް. އެހެންވީމާ މިކަމަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ އަދި އަޅުގަނޑަށް މަޝްވަރާ ވެސް ލިބިފައި އެބަހުރި މިކަމަކީ، މި ސަރަހައްދުގެ ތަރައްގީއަށް، މަސްވެރިކަމުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްކަން. އެގޮތުން ދ. އަތޮޅުގެ މާދެލިއަކީ މަސް ކިރުވާ އަދި މަސް ބަންދުކުރާ ސަރަހައްދީ ކާރުހާނާއެއް ގާއިމްކުރާނެ ރަށެއް ކަމުގައި އަޅުގަނޑު އިއުލާނު ކުރަން،" ރައީސް އެއިރު ވިދާޅުވެފައިވެ އެވެ.

މާދެލީގައި މަސް ފެކްޓަރީ އެޅުމުގެ އެމްއޯޔޫގައި ސަރުކާރުން އިއްޔެ ސޮއި ކުރުމަށްފަހު ސަރުކާރުން ބުނީ އެ ރަށް ތަރައްގީ ކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި އެ ރަށުގައި ބަނދަރެއް ހެދުން ވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން، އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް ވެސް އަޅާނެ ކަމަށްވެ އެވެ.

މާދެލި ޕްރޮޖެކްޓުގެ ފަހު މަރުހަލާގައި ބިނާ ކުރަނީ 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެކެވެ.

މާދެލީގައި މަސް ފެކްޓަރީ އަޅަން ސަރުކާރުން ނިންމިއިރު އެ ރަށަކީ ކުރިން ޕޯލްޓްރީ އަދި މަސް ކާރުހާނާއެއް އަޅަން މާދެލި ޕޯލްޓްރީ އެންޑް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދީފައި އޮތް ރަށެވެ. އެއީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ކުންފުންޏެވެ. ގާސިމްއާ އެ ރަށް ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރެވެ.

ނަމަވެސް ޖޫން 28، 2017، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށް އަނބުރާ ސަރުކާރަށް ނެގި އެވެ. ރަށް ނެގިއިރު އެއްވެސް މަސައްކަތެއް ފަށާފައެއް ނެތެވެ. ރަށް އަތުލީ ވަރުވާގެ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އެވެ.

އޭގެ ފަހުން އެ ރަށް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު 2020 ވަނަ އަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އޭނާގެ ޔޮޓް ޓުއާސް ކުންފުނިން ސަރުކާރުން އަތުލި ހދ. ހޮނޑައިދޫގެ ބަދަލުގައި ޖާބިރު ބޭނުންވީ މާދެއްޔެވެ. އޭނާ ވެސް ވިސްނީ އެ ރަށުގައި މަސް ފެކްޓަރީއެއް އަޅާށެވެ. އެކަމަކު ސަރުކާރުން ޖާބިރާ އެ ރަށް ހަވާލުކޮށްފައެއް ނެތެވެ.

މާދެއްޔަކީ މުއްސަނދި ތާރީހެއް ވެސް އޮތް ރަށެކެވެ. އެއީ ދިވެހިން އިސްލާމްވުމުގެ ކުރިން ބުދު ހެދުމަށް މަޝްހޫރު ރަށެއް ކަމަށްވެ އެވެ. ރާއްޖެ އިސްލާމްވި ފަހުން މަޝްހޫރު މިސްކިތްތައް ވެސް އެ ރަށުގައި ބިނާ ކުރި އެވެ. އެ ރަށުގެ ރައްޔިތުން ފަހުން ބަދަލުވީ ކައިރީގައި އޮތް ދ. ހުޅުދެއްޔަށެވެ. މާދެލި ފަޅުވި ކަމަށް ބުނަނީ އަންހެނެއްގެ މައްސަލައިގައި މީހަކު ހެދި ފަންޑިތައަކުން ކަމަށް ބުނެ އުޅެ އެވެ.