Advertisement

ޔޫރަޕުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ފުރަތަމަ ޕާލިމެންޓު އައިސްލޭންޑުގައި

27 ސެޕްޓެންބަރު 2021 - 06:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިސްލޭންޑުގެ ބޮޑު ވަޒީރު ކެޓްރިން ޖަކޮބްސްޑޮޓިރް.-- ފޮޓޯ: އޭއެފްޕީ


ޔޫރަޕުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ފުރަތަމަ ޕާލިމެންޓު އައިސްލޭންޑުގައި

27 ސެޕްޓެންބަރު 2021 - 06:03 0

އައިސްލޭންޑުގެ އާއްމު އިންތިހާބަށް ފަހު ޔޫރަޕުގެ ޕާލިމެންޓަކަށް ފުރަތަމަ ފަހަރަށް ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން އިންތިހާބުވެއްޖެ އެވެ.

އައިސްލޭންޑު ޕާލިމެންޓުގެ 63 ގޮނޑީގެ ތެރެއިން 33 ގޮނޑި ލިބުނީ އަންހެނުންނަށެވެ. އެއީ 52 ޕަސެންޓެވެ. ޔޫރަޕުގެ އެހެން އެއްވެސް ގައުމެއްގައި މިހާތަނަށް 50 ޕަސެންޓަށް ވުރެ ގިނަ ގޮނޑި އަންހެނުންނަށް ލިބިފައެއް ނުވެ އެވެ.

ވޯލްޑު ބޭންކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ސްވިޑަން ޕާލިމެންޓުގެ 47 ޕަސެންޓަކީ އަންހެނުންނެވެ. އެހެންކަމުން ޔޫރަޕުގައި މިހާރު އެންމެ ގިނަ އަންހެން މެމްބަރުން ތިބި ޕާލިމެންޓު އޮތީ އައިސްލޭންޑުގަ އެވެ.

އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ބުނާ ގޮތުގައި ދުނިޔޭގެ ފަސް ގައުމެއްގެ ޕާލިމެންޓުގައި މަދުވެގެން 50 ޕަސެންޓުގެ ގޮތުގައި މި ވަގުތު އަންހެނުން ތިބެ އެވެ.

އެއީ ރުވާންޑާގެ 61 ޕަސެންޓް، ކިޔުބާގެ 53 ޕަސެންޓް، ނިކަރަގުއާގެ 51 ޕަސެންޓް އަދި މެކްސިކޯ އާއި ޔޫއޭއީގެ 50 ޕަސެންޓެވެ.

ބައެއް އެހެން ގައުމުތަކާ ހިލާފަށް އައިސްލޭންޑުގެ ޕާލިމެންޓުގައި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރަން ގާނޫނުން ލާޒިމެއް ނުކުރެ އެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުގެ އުސޫލުގައިވާ ގޮތުން ވަކި އަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރެން ޖެހެ އެވެ.

އުތުރު ޔޫރަޕުގައި އޮންނަ އައިސްލޭންޑަކީ ޒަމާނުއްސުރެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އިސްކަންދޭ ގައުމެކެވެ. ފާއިތުވި 12 އަހަރު ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެންމެ ހަމަހަމަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ އައިސްލޭންޑެވެ.

މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ އަންހެން ރައީސަކު އިންތިހާބު ކުރީ ވެސް 1980 ގައި އައިސްލޭންޑުންނެވެ.

ބޮޑު ވަޒީރު ކެޓްރިން ޖޭކޮބްސްޑޮޓިރްގެ ކޯލިޝަނަށް މެޖޯރިޓީ ގޮނޑި ކާމިޔާބު ކުރެވުނު ނަމަވެސް، އެ ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީ އެކުގައި މަސައްކަތް ކުރެވޭނެ ކަމާ މެދު ޝައްކުތަކެއް އެބަ ހުއްޓެވެ.