Advertisement

އާޝާގެ "ޝިކާރަ" މާ ބޮޑަށް ވެސް ރަނގަޅު

27 ސެޕްޓެންބަރު 2021 - 06:48 1

ޝިކާރަ ލަވައިގެ މަންޒަރެއް


އާޝާގެ "ޝިކާރަ" މާ ބޮޑަށް ވެސް ރަނގަޅު

27 ސެޕްޓެންބަރު 2021 - 06:48 1

މި މަހުގެ 16 ވަނަ ދުވަހު ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ) ނެރުނު "ޝިކާރަ" ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އާޝާ އަމިއްލަ އަށް ޕްރޮޑިއުސްކޮށް އޭނާގެ އުފަން ދުވަހާ ދިމާކޮށް ނެރުނު މި ލަވަ އަށް ޔޫޓިއުބްގައި ވަނީ 80،000 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

އާޝާ ބުނީ ލަވަ ތައްޔާރުކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވިސްނީ ތަފާތު ކޮންސެޕްޓަކަށް ކަމަށެވެ. ލަވައިގެ ޑައިރެކްޓާ ސޭންޑީއާ ކުރެވުނު މަޝްވަރާތަކަށް ފަހު ލިރިކްސް ވެސް ތައްޔާރުކުރެވިފައި ވަނީ ސީދާ އެ ކޮންސެޕްޓްގެ މައްޗަށް ކަމަށް އާޝާ ބުންޏެވެ. .

އަމިއްލަ ރާގަކަށް ޝަލަބީ އާއި އަޝްފާ ކިޔައިފައިވާ މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ އާޝާގެ އިތުރުން، ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަހުމަދު އީސަ (އަނަންދު) އަދި މި ދާއިރާއަށް މިފަހުން ތައާރަފްވި ހުނޫ އެވެ.

ލަވައިގައި ފެނިގެން ދަނީ، ދެ އަންހެން ކުދިންގެ އެކުވެރިކަމާއި އަދި ލޯބިވެރިއަކު އެންމެ ހާލުގައި ޖެހޭ ދުވަހު ދޫކޮށްފަައި ދިއުމުން ހިނގައިދާ ކަންތައް ތަކެކެވެ.

ޖުމްލަ ހަ ދުވަސް ޝޫޓިން ނިންމި މި ލަވައިގެން މަންޒަރުތައް ނަގާފައިވަނީ ކ.މާފުށި އަދި މާލޭގެ އިތުރުން ހުޅުމާލޭގަ އެވެ.

ލަވަ ރިލީޒްކުރުމާއި ހަމައަށްވެސް ލަވައިގެ ފިރިހެން ކާސްޓްގެ ނަން ސިއްރުކޮށްފައި ވާއިރު، އަނަންދުގެ އެކްޓިންއާއި ފެނިލުން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

މި ލަވައަށް އޭނާ އެއްބަސްވީ ލަވައިގެ ގޮތުން ބެލުންތެރިންނަށް ކަމުދާނޭ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ.

"ކޮންސެޕްޓް އެނގި ތަފާތު ސްޓައިލެއްގެ ލަވައަކަށް ވީމަ ޝައުގުވެރިވީ. ތިން ސީރީޒެއްގެ މަސައްކަތްކުރަމުން އޭރު ދިޔައީ. އެކަމަކު ލަވަ އަޑުއަހާފައި، އާޝާމެން މީގެ ވާހަކަ ކިޔައިދިނީމަ އެ ކެރެކްޓާ ވަރަށް ބޮޑަށް ވިޝުއަލައިޒް ވި. އެހެންވެ އެންމެ ރަނގަޅަށް އެކްޓިން ދެއްކޭތޯ މަސައްކަތްކުރިން. ހިތްހަމަޖެހޭ މަސައްކަތަށް،" އަނަންދު ބުންޏެވެ.

ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއްކަމަކީ ލަވައިގައި ފެނިގެންދިޔަ އާޝާގެ ލުކްސްއާއި މޭކަޕް އެވެ. އާޝާ ބުނި ގޮތުގައި އެ ހުރިހާ ކަމެއްވެސް އޭނާ ދޫކުރީ ސޭންޑީ އަށެވެ.

މިއީ އާޝާ އޭނާގެ އުފަން ދުވަހާ ދިމާކޮށް ނެރުނު ދެ ވަނަ ލަވައަށް ވާއިރު، މިދިޔަ އަހަރު ނެރުނު 'ގުނަމުން މިދާ' ލަވައަށްވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފަ އެވެ.