Advertisement

ތާލިބާނުން ބަޑިޖަހައި މަރާލި ހަތަރު މީހެއްގެ ހަށިގަނޑު އާންމުކޮށް ފެންނާނެހެން ކެރޭނުތަކެއްގައި އެލުވައިފި

26 ސެޕްޓެންބަރު 2021 - 05:11 4

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތާލިބާން ހަނގުރާމަވެރިންގެ ބަޔަކު


ތާލިބާނުން ބަޑިޖަހައި މަރާލި ހަތަރު މީހެއްގެ ހަށިގަނޑު އާންމުކޮށް ފެންނާނެހެން ކެރޭނުތަކެއްގައި އެލުވައިފި

26 ސެޕްޓެންބަރު 2021 - 05:11 4

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 25) - އަފްގާނިސްތާނުގެ ހުޅަނގު ހިރާތު ސިޓީގައި ހަތަރު ކުށްވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމަށް ފަހު، އާއްމުކޮށް ފެންނާނެހެން އެ މީހުންގެ ހަށިގަނޑު ކެރޭނުތަކެއްގައި އެލުވައިފި އެވެ.

ތާލިބާނުން ބަޑި ޖަހައި މަރާލި ހަތަރު މީހުންނަކީ ރަހީނު ކުރުމުގެ ތުހުމަތުވާ ބަޔެކެވެ. ހިރާތު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު މައުލާވީ ޝީރް އަހްމަދު މުޖާހިރު ބުނީ މަރާލުމަށް ފަހު އާއްމު ތަންތަނުގައި އެ މީހުންގެ ހަށިގަނޑު ފެންނާނެހެން އެލުވީ ރަހީނު ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމުގެ "ފިލާވަޅު" ދޭން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އަނިޔާވެރިކޮށް މަރާލާފައިވާ ބަޔަކު ޕިކަޕެއްގައި ގެންގޮސް، ކެރޭނެއްގެ އެހީގައި މައްޗަށް އުފުލާ މަންޒަރެވެ. ތާލިބާން ހަނގުރާމަވެރިން ޕިކަޕް ވަށައިގެން ތިބޭއިރު، ގިނަ ބަޔަކު އެ މަންޒަރު ބަލަން ޖަމާވެފައި ތިއްބެވެ.

މީގެ ކުރިން 1996 އިން 2001 އަށް ވެރިކަން ކުރިއިރު ވެސް މިފަދަ ބޮޑެތި އަދަބުތައް ތާލިބާނުން ދީފައި ވެ އެވެ. އެކަމަކު އެ މީހުން ބުނެފައި ވަނީ މި ފަހަރު ވެރިކަން ކުރާނީ ތަފާތުކޮށް ކަމަށެވެ. ނަމަވެސް ވެރިކަމަށް އައިތާ މަހެއް ފަހުން މިހާރު ފެންނަމުން ދަނީ ކުރިން ގެންގުޅުނު އުސޫލުތައް ތަންފީޒު ކުރާ މަންޒަރެވެ.

މުޖާހިރު ބުނީ ހިރާތު ސިޓީގައި ވިޔަފާރިވެރިޔަކާ އޭނާގެ ދަރިފުޅު ރަހީނު ކުރި ކަމުގެ ރިޕޯޓު ލިބުނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށެވެ. އެހެންވެ، ފުލުހުން މަގުތައް ބަންދުކޮށް، ހިންގި އޮޕަރޭޝަނުގައި ތުހުމަތުވާ ހަތަރު މީހުން ހިފެހެއްޓީ ޗެކް ޕޮއިންޓަކުންނެވެ.

"އެ ހިސާބުން ބަޑީގެ ހަމަލާތަކެއް ބަދަލު ކުރި،" މުޖާހިރު ބުންޏެވެ.

"ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ތާލިބާން މުޖާހިދަކަށް އަނިޔާވި. އަދި ތުހުމަތުވާ ހަތަރު މީހުން މަރާލި،" މުޖާހިރު ބުންޏެވެ.

"މިއީ އިސްލާމީ ދައުލަތެއް. މި ދައުލަތަށް އެއްވެސް މީހަކު ގެއްލުމެއް ދީގެން ނުވާނެ. އެއްވެސް މީހަކު ރަހީނުކޮށްގެން ނުވާނެ،" ވީޑިއޯ މެދުވެރިކޮށް މުޖާހިރު ދިން ބަޔާނުގައި ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް ހިރާތު ސިޓީގައި ރަހީނު ކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށާއި ތާލިބާނުންގެ މަސައްކަތުން ކުޑަ ފިރިހެން ކުއްޖަކު ރަހީނުންގެ އަތް ދަށުން ސަލާމަތް ކުރި ކަމަށެވެ. ތުހުމަތުވާ އެކަކު މަރާލައި، އިތުރު ތިން މީހަކު މީގެ ކުރިން ހައްޔަރު ކުރި އެވެ.

ނަމަވެސް އެހެން ކޭސްއެއްގައި ތާލިބާނުން ފެއިލްވެ، ރަހީނު ކުރި މީހުންނަށް ފައިސާ ލިބުނު ކަމަށް މުޖާހިރު ބުންޏެވެ.