Advertisement

ކުދި ޖަޒީރާ ގައުމުތަކުގެ އެއް ތަސައްވުރުން ބަދަލު ގެނެވޭނެ: ރައީސް

23 ސެޕްޓެންބަރު 2021 - 09:49 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް


ކުދި ޖަޒީރާ ގައުމުތަކުގެ އެއް ތަސައްވުރުން ބަދަލު ގެނެވޭނެ: ރައީސް

23 ސެޕްޓެންބަރު 2021 - 09:49 0

ކުދި ޖަޒީރާ ގައުމުތަކަކީ މާ ދުރުދުރުގައި ވަކިވަކިން ހުރި، ކުދި ގައުމުތަކެއް ނަމަވެސް މި ގައުމުތަކުގެ ބަދަހިކަމާއި ގުޅިފައިވާ ތަސައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރަކަށް، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އިން ހަދައިދިން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު އެއޯސިސްގެ ލީޑާސް ސަމިޓުގައި ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްގީއާއި ފަދަ ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއްކަން ފާހަގަކުރައްވައިފަ އެވެ.

އަދި ކޮވިޑުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު އިގުތިސޯދުތަކަށް، ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވެސް ކޮށްފައިވާކަން އެމަނިކުފާނު ވިދާޅުވި އެވެ.

އެއާއެކު މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިވެ ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

އަދި ވަކިން ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ގައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އަދި ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ "ލީޑާސް ޑެކްލެރޭޝަން" ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަން ހާމަވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓާގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އެހެންކަމުން، މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ގޮވައިލެއްވި އެވެ.

އޭގެ އިތުރުން، އެމަނިކުފާނު ވަނީ ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމަށް ގިނަ ގައުމުތައް އެކުވެގެން ކުރަމުންގެންދާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށްޓަކައި ހާއްސަ ބައިނަލްއަގުވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް އަކީ ކޮބާ؟

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާޢަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފަ އެވެ.

އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާއަތްކަމުގައިވާ "އެއޯސިސް" އުފެދުނީ 1990 ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ.

އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އާއި ބައިނަލްއަގުވާމީ އެންވަޔަރަންމަންޓް ޕޮލިސީއަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހާއްސަ ސަމާލުކަމެއްދޭ ޖަމާއަތެކެވެ.