Advertisement

ރާއްޖެއާ ސްވިޒަލޭންޑާ ދެމެދު ކޮވިޑް ޓްރެވެލް ސެޓްފިކެޓް ނިޒާމެއް ގާއިމުކުރަން މަޝްވަރާ ތަކެއް

22 ސެޕްޓެންބަރު 2021 - 10:48 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސް ސޯލިހު އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ސްވިޒަލޭންޑްގެ ރައީސް ގައި ޕާމެލިން އާއެކު ބޭއްވި ބައްދަލުވުން. -ފޮޓޯ: ރައީސް އޮފީސް


ރާއްޖެއާ ސްވިޒަލޭންޑާ ދެމެދު ކޮވިޑް ޓްރެވެލް ސެޓްފިކެޓް ނިޒާމެއް ގާއިމުކުރަން މަޝްވަރާ ތަކެއް

22 ސެޕްޓެންބަރު 2021 - 10:48 0

ދިވެހިރާއްޖެއާ ސްވިޒަލޭންޑާ ދެމެދު ކޮވިޑް-19 ޓްރެވަލް ސެޓްފިކެޓްގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާތަކެއް ބާއްވައިފި އެވެ.

އެ މަޝްވަރާތައް ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ސްވިޒަލޭންޑްގެ ރައީސް ގައި ޕާމެލިން އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އދ. ގެ މައި އިދާރާގައި ބޭއްވި އެ ބައްދަލުވުމުގެ ތެރެއިން ޓްރެވެލް ސެޓްފިކެޓްގެ މަޝްވަރާގެ އިތުރުން ދެ ލީޑަރުން ވަނީ މުހިންމު އެހެން ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ވާހަކަތައް ދެކެކެވުނެވެ.

ސްވިސް މާކެޓާކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު މާކެޓެކެވެ. މި އަހަރު މިހާތަނަށް ސްވިޒްލޭންޑުން ރާއްޖެއަށް 12,454 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ސްވިޒަލޭންޑަކީ 13 ވަނަ އަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ސްވިޒަލޭންޑްގައި މިވަގުތު ކޮވިޑްގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސްވިޒަލެންޑްގެ ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

ޓްރެވެލް ސެޓްފިކެޓަކީ ކޮބާ؟

ޓްރެވެލް ސެޓްފިކެޓަކީ ކޮވިޑާއެކު ގިނަ ގައުމުތަކަކުން ދަތުރުފަތުރުކުރުމަށް ފަސޭހަތަކެއް ދިނުމުގައި ބޭނުންކުރާ އުކުޅެކެވެ. ގޮތަކަށް ބުނާނަމަ އެއީ، އެމީހާއަކީ ދަތުރުކުރަން ހެޔޮ ހާލުގައި ހުރި، އަދި ކޮވިޑަށް ވަރަށް ފަހުން ނެގެޓިވްވެފައި ހުރި، ނުވަތަ ވެކްސިން ފުރިހަމަކޮށްފައި ހުރި ފަރާތެއްކަން ކަށަވަރުކޮށްދޭ ރަސްމީ ޑޮކިއުމެންޓް އެކެވެ.

އޭގެ އިތުރުންވެސް އެ ޑޮކިއުމެންޓްގައި އެމީހަކާ ގުޅޭ ގޮތުން އިތުރު ބައެއް މައުލޫމާތު ހިމެނިފައި ހުރެ އެވެ. އެހެންނަމަވެސް ރާއްޖެއާ ސްވިޒަލޭންޑާ ދެމެދު ގާއިމުކުރަން މަޝްވަރާކުރި ސެޓްފިކެޓް ނިޒާމަކީ މިފަދަ ގޮތަކަށް މަސައްކަތްކުރާނެ ނިޒާމެއްކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އިތުރު މަޝްވަރާތައް

ބައްދަލުވުމުގައި ދެން މަޝްވަރާ ކުރި ކަަންކަމަށް ބަލާއިރު، ކޮވިޑް-19، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ހިމެނެ އެވެ. އަދި ރާއްޖެއިން ޕްލާސްޓިކާ ބޭނުންކުރުން ހުއްޓަން ކުރާ މަސައްކަތްތައް ވެސް ރައީސް ސޯލިހު އެ ބައްދަލުވުމުގައި ތަފްސީލުކޮށްދެއްވި އެވެ.

ރައީސް ސޯލިހު ވަނީ ކްލައިމެޓް އިމަޖެންސީއާ ކްލައިމެޓް ފައިނޭންސިންގެ މައްސަލަ ހައްލުކުރުމަށް ޔޫރަޕުގެ ޢިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރައްވާފަ އެވެ.

ސްވިޒަލެންޑްގެ ރައީސްގެ ވާހަކަފުޅުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030ގެ ނިޔަލަށް 45 އިންސައްތަ ދަށްކުރުމާއި، އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ހާސިލުކުރުމުގެ އަމާޒަށް ގައުމުތަކުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމުގެ އަމަލުތައް ހުއްޓުވުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ.