Advertisement

ފިއްލަދޫއަށް މެމްބަރު ދިއުމުން ދައްޕަރު ދިނުމަށް ގޮވާލައިފި

19 ސެޕްޓެންބަރު 2021 - 15:31 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: އޭނާ ފިއްލަދޫއަށް ދިއުމުން ވަނީ އިހުތިޖާޖު ކޮށްފައި-- ފޮޓޯ: މަޖިލިސް


ފިއްލަދޫއަށް މެމްބަރު ދިއުމުން ދައްޕަރު ދިނުމަށް ގޮވާލައިފި

19 ސެޕްޓެންބަރު 2021 - 15:31 0

ހއ. ފިއްލަދޫ ވެސް ހިމެނޭ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށާ އިންވެގެން އޮންނަ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސްގެ ދަށަށް ގެނައުމަށް ގޮވާލައި އެރަށުގައި އިހުތިޖާޖު ކޮށްފި އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ނެގިއިރު ކައުންސިލުން ދިޔައީ ލޭންޑް ޔޫސް ޕްލޭންގެ ތެރެެއަށް ލައިގެން ދައްޕަރުން ނަފާ ހޯދުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ. އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ޝަރީފް މިއަދު ހެނދުނު ފިއްލަދޫއަށް ވަޑައިގަތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިންއަށެވެ. އެ ރަށަށް ވަޑައިގެން ކެފޭއެއްގައި އިންނަވަނިކޮށް ޒުވާނުންތަކެއް އެތަނަށް ގޮސް ދައްޕަރު އަލުން ދިނުމަށާއި ޝަރީފްގެ އިސްތިއުފާއަށް ގޮވައިލި އެވެ. އަދި އެ ރަށުން އޭނާ ފޭބުމަށް ގޮވައިލި އެވެ.

އެގޮތަށް އަޑު އުފުލަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް މެމްބަރު ޝަރީފް ވަނީ އެ ރަށުން ވަޑައިގެންފަ އެވެ.

އެކަމާ ގުޅޭގޮތުން ޝަރީފް "އަދަދު"އަށް ވިދާޅުވީ ބަޔަކު އެއްވެ ދައްޕަރު އަލުން ފިއްލަދޫއަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައި ދިނުމަށް އެދުނު ކަމަށެވެ. އަދި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެރަށުން ވަޑައިގަތީ، ރައްޔިތުން އެގޮތަށް ގޮވުމުން ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، އޭނާ އެކަން ދޮގުކުރެއްވި އެވެ.

"އަޅުގަނޑު ރަށުން ބޭލީކީއެއް ނޫން. އަޅުގަނޑު ހަމަ އަމިއްލައަށް ފޭބީ،" ޝަރީފް ވިދާޅުވި އެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޯގަސްޓް 29 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ އެ ރަށުގައި ސެކަންޑް ހޯމް ރެޒިޑެންޓް ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެ މަޝްރޫއަށްވެސް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.