Advertisement

ފިޔަވަތީގެ ހަމަނުޖެހުމުގެ އަސްލު ހޯދަން މަޖިލީހުގެ ކޮމިޓީން އިސް ނަގައިފި

18 ސެޕްޓެންބަރު 2021 - 12:21 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިޔަވަތީގެ ފުރާޅުމަތީ ކުދިންތަކެއް: އެތަނުގައި މިރޭ ވަނީ ހުޅު ޖަހާފައި


ފިޔަވަތީގެ ހަމަނުޖެހުމުގެ އަސްލު ހޯދަން މަޖިލީހުގެ ކޮމިޓީން އިސް ނަގައިފި

18 ސެޕްޓެންބަރު 2021 - 12:21 2

ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގައި ރޭ ހިނގި ހަމަނުޖެހުންތަކުގެ އަސްލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އިސްނަގައި، މަސައްކަތް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ބޮޑުވެފައިވަނީ އެތަނުގައި ތިބި ފިރިހެން ކުދިން ބޭރަށް ދިޔަ ނުދީ ހިފަހައްޓާތީ, އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ހިތްހަމަނުޖެހުންތައް ބޮޑުވެ, ރޭ އެންމެ ފަހުން ފިޔަވަތީގައި ތިބި ކުދިން ވަނީ އެ ތަނުގައި ރޯކޮށްލާފަ އެވެ. ނަމަވެސް, އެއްވެސް ކުއްޖަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

އަދި, އަލިފާންގަނޑު ފެތުރިގެން ނުދަނީސް އެތަނުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ވަނީ އެ ނިންވާލާފަ އެވެ.

އެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު "އަދަދު"އަށް މިއަދު ވިދާޅުވީ ކޮމިޓީން އަންނަނީ ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިތުރުން ޗިލްޑްރަންސް އޮމްބުޑްސްޕާސަންގެ އޮފީހާއެކު ވަރަށް ގާތުން އެ ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެ އިދާރާތަކުގައި މިހާރު އެދިފައިވާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ފުރިހަމަ ތަހުގީގު ނުނިމުނަސް ކުއިކް ރިޕޯޓަކަށް އެދިފަވާނީ. ދެން އަޅުގަނޑުމެން މި ބަލަނީ އެ މައުލޫމާތާއެކު އެ ތިން މުއައްސަސާއަކު ކޮމިޓީން އެންމެ ލަސްވެގެން އަންނަ ހޯމަ ދުވަހު ބައްދަލުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން އެ ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް


ޖީހާން ވިދާޅުވި ގޮތުގައި، ފިޔަވައްސަކީ މީގެ ކުރިން ވަރަށް އަމާންކަމާއެކު ހިނގަމުން އައި ތަނެއް ކަމަށެވެ. އެހެންކަމުން، އޭރު އޮތް އަމާން ހާލަތު ކުއްލިއަކަށް ބަދަލުވާން މެދުވެރި ސަބަބު ދެނެގަތުމަކީ ޖެންޑާ ކޮމިޓީން އެންމެ އިސްކަމެއް ދޭނެ މައްސަލަ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ސަބަބުތަކެއް ހުންނާނެ މިކަން މެދުވެރިވުމަށް. އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ މި ހާދިސާ ހިނގަން މެދުވެރިވި ރޫޓް ކޯޒް ދެނެގަނެ އެކަމަށް ހައްލުތަކެއް ހޯދުން،" ޖީހާން ވިދާޅުވި އެވެ.

މީގެކުރިން ވެސް ކުޑަކުދިންގެ ހިޔާގައި މިފަދަ ހަމަނުޖެހުންތައް ހިނގަ އެވެ. އެގޮތުން, ވިލިމާލޭގައި ހުންނަ ހިޔާގައި ވެސް އެކި ފަހަރު މަތިން ރޯކޮށްލާފައިވެ އެވެ.