Advertisement

އެމްއެންޕީ ރެޖިސްޓާކުރަން ހުށަހަޅައިފި، އަމާޒަކީ މިއަހަރުގެ ނިޔަލަށް 10،000 މެމްބަރުން

15 ސެޕްޓެންބަރު 2021 - 12:58 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެމްއެންޕީ ރެޖިސްޓާ ކުރުމަށް އީސީއަށް ފޯމުތައް ހުށަހަޅަނީ -- . ފޮޓޯ/އެމްއެންޕީ


އެމްއެންޕީ ރެޖިސްޓާކުރަން ހުށަހަޅައިފި، އަމާޒަކީ މިއަހަރުގެ ނިޔަލަށް 10،000 މެމްބަރުން

15 ސެޕްޓެންބަރު 2021 - 12:58 0

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާ ކުރަން ބޭނުންވާ 5،000 މެމްބަރުންގެ ފޯމާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް (އީސީ) މިއަދު އެ ޕާޓީން ހުށަހަހަޅައިފި އެވެ.

އެމްއެންޕީ ރެޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޕާޓީ ރެޖިސްޓްރީ ކުރަން ހުށަހެޅިކަން އިއުލާންކުރަމުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީ އުފައްދަން ޖުލައި 15 ވަނަ ދުވަހު އީސީން ހުއްދަދިންއިރު، މިދިޔަ ދެ މަސް ދުވަސްތެރޭ ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ސޮއިކުރަމުން އައިސްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، މަޝްހޫރު ފިލްމީ ތަރިން އަދި ބައެއް އާންމު ޝަހްސިއްޔަތުތައް ވެސް ވަނީ އެ ޕާޓީއަށް އެ މުއްދަތުގެ ތެރޭގައި ސޮއިކުރައްވާފަ އެވެ.

ޕާޓީ ރެޖިސްޓްރީ ކުރުމާ ގުޅޭގޮތުން ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތެރިވެވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް "އަދަދު" އަށް ވިދާޅުވީ އެމްއެންޕީން މި ހޯދީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެކަން އީސީން ވެސް ފާހަގަކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ދުނިޔޭގެ ޑިމޮކްރެސީ ދުވަހާ ގުޅުވައި މި ފޯމް ހުށަހެޅީ، ރާއްޖޭގެ ތާރީހުގަވެސް އަލަށް އިނގޭތޯ މިހާ އަވަހަށް 5،000 މެމްބަރުންގެ ސޮއި ހަމަކޮށް ޕާޓީއެއް ރެޖިސްޓާ ކުރަން މި ހުށަހެޅީ، އެކަން އިލެކްޝަނުންވެސް ފާހަގަކުރެއްވި ހަމަ އިނގޭތޯ،" ކާނަލް ނާޒިމް މި ނޫހަށް ވިދާޅުވި އެވެ.

އެމްއެންޕީން ބުނިގޮތުގައި އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ، އީސީން ހުއްދަ ލިބުނުހާ އަވަހަކަށް ބާއްވައި، އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަކީ އެ ޕާޓީގެ އުންމީދެވެ.

އަމާޒަކީ މިއަހަރު ތެރޭ 10،000 މެމްބަރުން

ޕާޓީގެ ބަޔާނުގައި ވަނީ މިވަގުތު 5،000 މެމްބަރުންގެ ސޮޔާއެކު ޕާޓީ ރެޖިސްޓްރީކުރި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 10،000 މެމްބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް އެމްއެންޕީ ހެދުމަކީ އެ ޕާޓީގެ އުންމީދުކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ކާނަލް ނާޒިމް ވިދާޅުވީ މިހާ އަވަހަށް 5،000 މެމްބަރުންގެ ސޮއި ހޯދުނުއިރު ވަރަށް އަވަހަށް 10،000 މެމްބަރުން ހަމަކޮށް ސިޔާސީ މައިދާނުގައި ވަރުގަދަ ޕާޓީއަކަށްވުމަށް އެމްއެންޕީން މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ހަމަ ޑިސެމްބަރުގެ ނިޔަލަށް 10،000 މެމްބަރުން ހަމަކުރުން އިނގޭތޯ، އެޔަށްވުރެ ކުރިން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން އަޅުގަނޑުމެން،" ކާނަލް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދުމުގެ މަގުސަދަކީ ދިވެހިންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުންކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ވެ އެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެކަމަށްޓަކައި ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވާނޭކަމަށް ކާނަލް ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަށް ވާނީ އެ އިންތިހާބު ކާމިޔާބުކުރާ ފަރާތްކަމަށް ވެސް ކާނަލް ނާޒިމް ވިދާޅުވި އެވެ.

ޖޭފޯ އަދި މޮސްޓާ އިހަށް މަޑުކޮށްލެއްވީ

އެމްއެންޕީ އުފެއްދެވީ ކާނަލް ނާޒިމްގެ އިތުރުން އެހެން މަޖިލިސް މެމްބަރުންތަކެއް ވެސް ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތެރެއިން ރިޔާޒް އަދި ނާޒިމް އެމްއެންޕީ އުފެއްދެވީ، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ މިފަހުން އެ ދެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި މަޖިލިސް މެމްބަރުން. އެތަނުން ދެ މެމްބަރަކު އަދި ޕާޓީ އާ ގުޅިވަޑައިގެންފައެއް ނުވޭ


އެ ތިން މެމްބަރުންގެ އިތުރުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވަން އޮތީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން އަދި ޕާޓީއާ ގުޅިވަޑައިގެންފައެއް ނުވެ އެވެ،

އެކަމާ ގުޅިގެން ކާނަލް ނާޒިމް ވިދާޅުވީ، އެ ދެބޭފުޅުން ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އިހަށް ވަގުތުގެ ގޮތުން މަޑުކޮށްލެއްވީ ކަމަށެވެ.

"އެއީ ދެން ވަގުތީގޮތުން އެބޭފުޅުން އަދި މަޑުކޮށްލެއްވީ. އެއީ ޑިމޮކްރެސީގެ ހަމަތައް ދެއްތޯ، ބޭނުންފުޅުވީމަ މަޑުކޮށްލެއްވުން. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް، ޑިމޮކްރެސީގެ އަސާސުތަކާއެކު ހިންގާނޭ ޕާޓީއެއް އިރާދަކުރެއްވިއްޔާ،" ނާޒިމް ވިދާޅުވި އެވެ.