Advertisement

ފެންފުށީ ގޯތީގެ ޝަކުވާއަށް 34 އަހަރު: ކަލޭފާނު އަދިވެސް ކޯޓުގައި

12 ސެޕްޓެންބަރު 2021 - 08:45 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ދުވަސްވީ މީހަކު ގެއެއްގެ ތެރެއަށް ވަންނަ މަންޒަރު ފެންނަ ކުރެހުމެއް: ކަލޭފާނުގެ ގޯއްޗަށް 34 އަހަރުވީިއިރު ވެސް އިމުގެ ޝަކުވާ ނުނިމޭ - ކުރެހުން: އަހުމަދު އިހުސާން (އަރަކަ) / އަދަދު


ފެންފުށީ ގޯތީގެ ޝަކުވާއަށް 34 އަހަރު: ކަލޭފާނު އަދިވެސް ކޯޓުގައި

12 ސެޕްޓެންބަރު 2021 - 08:45 1

މީގެ 34 އަހަރު ކުރި އެވެ. އދ. ފެންފުށީ "ހަވީރީނާޒް" ނަމަކަށް ކިޔާ ގޯއްޗެއް އައްބާސް އަލީކަލޭފާނުގެ ނަން މަތީ ރަޖިސްޓްރީ ކުރިއެވެ. އެކަމަކު, އެ ގޯތީގެ އިމުގެ ސަރަހައްދާ މެދު މިވީ ގިނަ އަހަރުތަކުގައި އޮތީ ދެބަސްވުން އުފެދިފައެވެ.

އެހެންވެ، އައްބާސް އަލީކަލޭފާނު, ގޯތީގެ ހައްގުގައި ކަމަށް ބުނެ 34 އަހަރުވީއިރު ވެސް އެ އިނީ ކޯޓުގައެވެ.

ހައިކޯޓުން މިދިޔަ ހަފުތާގައި ހުކުމް ނެރުނު މ. އުމާން, އައްބާސް އަލީކަލޭފާނުގެ "ހަވީރީނާޒް" ގޯތީގެ މައްސަލަ ވެގެން ދިޔައީ ހިޔާލު ތަފާތުވުމަކާ ގުޅޭ ގޮތުން، މިފަހުން ނިންމި އެންމެ ގިނަ ދުވަސްވީ މައްސަލައަށެވެ.

އދ. ފެންފުށީގެ މުހިންމު ސަރަހައްދެއްގެ ބިމާ ގުޅޭ މި މައްސަލާގައި، މިހާރު އުވާލާފައިވާ ގާނޫނުއަސާސީތަކާއި ވޯކީޓޯކީ މެސެޖްތަކާއި އިހުގެ ސިޓީބިޓީތަކަށް ރިއާޔަތް ކުރަން ޖެހުނެވެ. އަދި, އިހުގައި މިފަދަ މުއާމަލާތްތައް ހިންގާ ގޮތަށް ވަރަށް ބޮޑަށް ބަލަން ޖެހުނެވެ.

އެހެންވެ އައްބާސް އަލީކަލޭގެފާނު ޝަރީއަތްވީ ޝައުގުވެރި މައްސަލައަކަށެވެ.

1987: ދޮންއަލީކަލޭފާނުގެ ހަރުގެވަޅު ގޯއްޗަކަށް

މި މައްސަލަ ފެށުނީ މިހާ ހިސާބުންނެވެ. އައްބާސް އަލީކަލޭގެފާނުގެ ބައްޕަ ދޮންއަލީކަލޭފާނަށް ފެންފުށިން ހަރުގެވަޅެއް (އޮޑިހަރުގެ) އަޅަން ބިން ދޫކޮށްފައިވެއެވެ. އެކަމަކު އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އަޅައި, އެތަން ވިޔަފާރި ކުރުމަށް އައްބާސް އަލީކަލޭފާނު ގެންދިޔައީ ބޭނުން ކުރަމުންނެވެ.

ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމެއް އެ ބިމުން ކުރުމަކީ އޭރު ވެސް ގަވައިދާ ހިލާފު ކަމެކެވެ.

އެހެންވެ, އޭނާ އިމާރާތްކޮށްފައިވާ ތަންތަން ގެއްލުނަ ނުދިނުމުގެ ގޮތުން އެތަން އޭނާއަށް ގޯއްޗެއްގެ ގޮތުގައި ކަނޑައިދިނުމަށް އެދުނެވެ. ނަމަވެސް, އެ ހަރުގެވަޅަކީ އޭރު ގޯތި ދޫކުރި މިނަށްވުރެ ކުޑަ ބިމެއްކަން ރަށު އޮފީހުން އެންގިއެވެ.

"އެ ހަރުގެވަޅު އޮތް މިނަށް ގޯއްޗެއް ހަމަޖަސައިދިނަސް އެންމެ ރަނގަޅު," ރަށު އޮފީހުގެ އެންގުމަށް އައްބާސްގެ ޖަވާބަކަށްވިއެވެ.

އެފަހުން "ހަވީރީނާޒް" ރަޖިސްޓްރީވެގެން ދިޔައީއެވެ.

އެންމެ އިހުގައި އޮތް ހަރުގެވަޅު "ހަވީރީނާޒް"ގެ ގޮތުގައި ރަޖިސްޓްރީކުރިއިރު ރަށުގެ ޗާޓް އޮތް ގޮތް


ގޯތި ކުޑަވެއްޖެ, ވޯކީޓޯކީ މެސެޖުތައް

ހަރުގެވަޅު އޮތް ވަރަށް "ހަވީރީނާޒް"ގެ އިން ކަނޑައެޅި ފަހުން އައްބާސް އަލީކަލޭގެފާނަށް އެ ގޯތި ކުޑަވިއެވެ. އެހެންވެ, އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނަށް އޭނާ ޝަކުވާ ހުށަހެޅިއެވެ.

"އަޅުގަނޑަށް ދާދިމިދާކަށް ދުވަހު ފެންފުށިން ގޯތި ދެއްވިއިރު އަޅުގަނޑަށް ގޯއްޗެއް ގޮތަށް ދެއްވީ އަޅުގަނޑު މިހާރު ވިޔަފާރިގެ ރާނާފައިވާ އޮޑިހަރުގެ އެވެ. އެތަނަކީ ގޯއްޗަކަށްވުރެ ކުޑަތަންކޮޅަކަށް ވާތީ އަތޮޅުވެރިން ބުނުއްވީ ދާދި އަވަހަށް ތިޔަ އޮފީހުގައި ދަންނަވައިގެން މީހުންނަށް މިހާރު މިދޭ ގެއެއްގެ ބޮޑުމިން ހަމަޖައްސައި ދެއްވާނެ ކަމަށެވެ," 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައްބާސް ލިޔުނު ސިޓީގައިވެއެވެ.

އެ ސިޓީގައި އައްބާސް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އަށް ގެއެއް އެޅޭނެ ގޮތް ނެތުމާއި އަދި އަތްނބަކާއި ހަތަރު ކުދިން ގޮވައިގެން މީހުންގެ ގޭގޭގައި އުޅެންޖެހޭތީ އެކަންކަން ބައްލަވައި ދެއްވައި ހަމަޖައްސަވައި ދެއްވާތޯ އެދި ދެންނެވީ ކަމަށެވެ.

އެހާ ހިސާބުން މިނިސްޓްރީން، އަރިއަތޮޅު އޮފީހަށް މައްސަލަ ބަލަން އެންގިއެވެ. އެގޮތުން, އަރިއަތޮޅު އޮފީހުން ފެންފުށީ އޮފީހަށް ވޯކީޓޯކީ މެސެޖެއް ފޮނުވައި, އައްބާސްގެ ނަމުގައި ހުރި ބިންތަކުގެ ތަފްސީލު އަންގަން އެދުނެވެ.

ޖަވާބުގައި ފެންފުށީ އޮފީހުން އަރިއަތޮޅު އޮފީހަށް ވޯކީޓޯކީ މެސެޖެއް ފޮނުވާފައިވެއެވެ. އޭގައި އައްބާސްގެ "ހަވީރީނާޒް"ގެ ތަފްސީލާއި މާލޭގައި އޭނާގެ ނަމުގައި ހުރި ފިހާރައެއްގެ މައުލޫމާތާއި އޭނާގެ ބައްޕަގެ ނަމުގައި ފެންފުށީގައި އޮތް ދިވެހިގޭގެ ތަފްސީލު އޮތެވެ.

އޭރު އައްބާސް ދިރިއުޅެމުން ދިޔައީ ދިވެހިގޭގައެވެ. އޭނާއަކީ ދިވެހިގޭ އަލިކަލޭގެފާނުގެ ހުރި ހަމައެކަނި ދަރިއެވެ.

"އޭނާގެ ބައްޕަގެ ހުރީ އޭނާ އެކަނި ކަމަށްވާތީ ދިރިއުޅޭނެ ތަނެއް ނެތިގެން ކަމަށް ބުނެ ޝަކުވާ ކުރާނޭ ތަނެއް އޮތް ކަމަށް ނުފެނޭ," 1988 ވަނަ އަހަރު އޭޕްރީލް މަހު އަރިއަތޮޅު އޮފީހުން އެޓޮލްސް މިނިސްޓްރީގެ ސަދަން ރީޖަނަލް އޮފީހަށް ފޮނުވި ސިޓީގައިވެއެވެ.

އެހެންވެ, އެ ޝަކުވާއާ ގުޅިގެން "ހަވީރީނާޒް"އަށް ބިން އިތުރުކުރަން ނިންމާފައެއް ނުވެއެވެ.

ކޯރުޅަހުއްތާއި "ހަވީރީނާޒް" އަށް ބިން އިތުރުވުން

ހަރުގެވަޅު އޮތް އެ ގޯތީގެ ދިގުމިނުގައި 63 ފޫޓު އޮތްވައި, ކުއްލިއަކަށް 1990 ވަނަ އަހަރު ގޯތީގެ އިން އިތުރުކޮށް, އެ ގޯތީގެ ދިގު މިން 83 ފޫޓަށް ހަދައިފިއެވެ.

މިކަން ހިނގައިދިޔައީ, ފެންފުށީގެ ކުރީގެ ކަތީބު އަހުމަދު އިބްރާހިމް ސޮއިކުރައްވާފައިވާ ލިޔުމެއްގައިވާ ގޮތުން, އެޓޯލް މިނިސްޓްރީގެ ފަރާތުން ފޮނުވި ޓީމަކުން އެގޮތަށް ނިންމުންނެވެ. އެކަން ކޮށްދިނީ "ހަވީރީނާޒް" ގައި ބަދިގެ އާއި ގިފިއްޔެއް ހެދުމަށް އެ ޓީމުގައި އިސްކޮށް ހުރި ކަރޯޅަހުއްތު 20 ފޫޓް އިތުރުކޮށްދީގެންނެވެ.

މި ކަރޯޅަހުއްތަކީ އޭރު ރަށްރަށުގައި އުފެެދޭ ބިމުގެ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން ފޮނުވާ ވަފުދުތަކުގައި އާންމުކޮށް ވެރިޔަކަށް ހުންނަ މީހެކެވެ. އޭގެކުރިން ކޮމާންޑަރަކަށް އުޅުނު ކަރޯޅަހުއްތަކީ އައްބާސްގެ އެކުވެރިއެކެވެ.

"ހަވީރީނާޒް"އަށް އިތުރުކުރި 20 ފޫޓާއެކު, އަތިރިއަށް އޮތް އެ ރަށުގެ މަގު ބަންދުވެއެވެ. އަދި, ރަށުގެ މަލަމަތި އޭގެ ސަބަބުން ހަރާބުވިއެވެ. އެހެންވެ, އެކަމާ ފެންފުށީ އޮފީހާއި އަތޮޅު އޮފީހުން ވެސް ސުވާލު އުފެއްދިއެވެ.

ކަރޯޅަހުއްތު, 20 ފޫޓު އިތުރުކޮށްދިން ނަމަވެސް, ފެންފުށީ ރަށު އޮފީހުގެ އެއްވެސް ލިޔުމަކުން އެ ބިން އިތުރުކުރިކަން އެނގެން ނެތެވެ.

ކަރޯޅަހުއްތު "ހަވީރީނާޒް"އަށް އިތުރުކޮާށްދިން ބައި ފެހިކުލައިން ފާހަގަކޮށްފައި


"ހަވީރީނާޒް"އަށް ބިން އިތުރުކޮށްފައިވަނީ ހަމައިން ބޭރުން ކަމަށް ފެނި, އެ ބިން އެ ގެއިން އުނިކުރަން ފެންފުށީ އޮފީހުން އަދި އަތޮޅު އޮފީހުން އެއްބަސްވިއެވެ. އެހެންވެ, އިތުރުކުރި ބިމުގައި ބަދަލު ދޭން ޖެހޭ އެއްވެސް މުދަލެއް ހުރިތޯ ނޯދަން ރީޖަނަލް އޮފީހުން ބެލިއެވެ.

އެ ބިމުގައި ހުރީ ބޮޑު ގާފުންޏެއް އެކަންޏެވެ. އެއްބައި އޮތީ ގިރައިގެން ވެސް ގޮސްފައެވެ.

ބަދަލެއް ދޭން ނެތުމުން، އިތުރުކުރި 20 ފޫޓް އިމުގެ ގޮތުގައި އޮތް "ހަވީރީނާޒް"ގެ ރަޖިސްޓްރީ ބާތިލްކޮށް, ކުރިން ވެސް އޮތް އިމަށް ގޯތި ރަޖިސްޓްރީކުރަން އަލުން ހުށަހަޅަން އައްބާސްއަށް އެންގިއެވެ.

އެކަމަކު, އައްބާސް އަލީކަލޭފާނު ދުލެއް ނުކުރިއެވެ. އޭނާ ބޭނުންވީ އުނިކުރި ބިމަށް ބަދަލު ހޯދުމެވެ. އެގޮތުން, ޝަކުވާގެ ސިޓީތައް އޮފީސްތަކަށް ފޮނުވަން ފެށިއެވެ.

1996 ން 2013 އަށް; ކަލޭފާނުގެ ސިޓީތައް ހުއްޓުމެއް ނެތް

ރެކޯޑްތައް ދައްކާ ގޮތުން, 1996 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު, އަދުލުވެރި ބަދަލެއް ހޯދައިދިނުމަށް އެދި އޭނާ ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި 2000 ވަނަ އަހަރު ވަނީ ބަދަލުގެ ގޮތުގައި, ގޯތީގެ ހުޅަނގު ފަރާތުން ބައެއް ގޯއްޗަށް އިތުރު ކޮށްދިނުމަށް އެދިފައެވެ. އެއީ, އެ ފަޅިއަށް އޮތް މަގުގެ ބައެއް ގޯތީގެ އިމުގެ ތެރެއަށް ވެއްދުމަށެވެ.

އެކަމަށް އެދި އެ އަހަރުން ފެށިގެން އައްބާސް ގެންދަނީ ތަކުރާރުކޮށް ސިޓީތައް ހުށަހަޅަމުންނެވެ. ރެކޯޑްތަކުން 2006, 2007, 2009, 2011 އަދި 2013 ގައި އައްބާސް ފޮނުވި ސިޓީތައް ފެންނަން އެބަ ހުއްޓެވެ.

މިހާ ގިނަ އަހަރުތަކެއް ވީއިރު ވެސް ބަދަލެއް ނުލިބެއެވެ. އަދި ހަވީރީނާޒު ގޯއްޗަށް ބައެއް އިތުރުކޮށް ދޭން ފެންފުށީ އޮފީހުން ދެކޮޅު ހަދަމުންދިޔައެވެ.

ނަމަވެސް، 2011 ވަަނަ އަހަރު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުން ހޮވި ފެންފުށީ ކައުންސިލުން މި މައްސަލައިގައި، ރަށު އޮފީހުގެ ނިންމުމާ ފުށުއަރާ ގޮތަށް ނިންމުމެއް ނިންމާފައި އެބަ އޮތެވެ.

އެއީ, އައްބާސްގެ ގޯއްޗަށް ބިން އިތުރުކޮށްދޭން ފެންނަ ހާލަތެއް އޮތްނަމަ, އެކަން ކުރުމަށް އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމެވެ. އެގޮތުގެ މަތިން އަތޮޅު ކައުންސިލަށް އެކަން އަންގާފައިވީ ނަމަވެސް, އެ އޮފީހުން އެ މަޝްވަރާ ހިނގާފައި ނެތެވެ.

އެކަން ލަސްވެގެން ވެސް އައްބާސް ސިޓީ ވެސް ލިޔެ 2013 ގައި ފޮނުވާފައި އެބަ ހުއްޓެވެ.

ބަދަލުގެ ގޮތުގައި ކަލޭފާނު ބޭނުންވާ ބިން ރަތްކުލައިން ފާހަަގަކޮށްފައި


އެންމެ ފަހުން ޝަރީއަތަށް; ބޭނުންވީ އިހުގެ ގާނޫނުއަސާސީން ހައްގު ކަށަވަރުކުރަން

އައްބާސްގެ ޝަކުވާގެ ސިޓީތަކާއެކު, 2009 ވަނަ އަހަރު އަރިއަތޮޅު ދެކުނުބުރީ ކައުންސިލުން ވަނީ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.

ނަމަވެސް, މައްސަލަ ހިފައިގެން އައްބާސް އަލީކަލޭގެފާނަށް ކޯޓާ ހަމައަށް ދެވުނީ 2014 ވަނަ އަހަރުއެވެ.

އުނިކުރި ބިމަށް ބަދަލު ހޯދަން އެދި ފެންފުށީ މެޖިސްޓްރޭޓް ކޯޓަށް އައްބާސް ހުށަހެޅި މައްސަލަ ނިންމާފައި އޮތީ އޭނާއާ ދެކޮޅަށެވެ. އެހެންވެ, އެކަމާ ހިތްހަމަނުޖެހިގެން ހައިކޯޓާ ހަމައަށް އައީއެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެންމެ ނުކުތާއެއްގެ މައްޗަށެވެ. އެ ނުކުތާ ބިނާކޮށްފައިވަނީ 1968 ވަނަ އަހަރުގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ މައްޗަށެވެ.

އިސްލާހުތަކާއެކު, 1975 ވަނަ އަހަރު ޗާޕްކުރި 1968ގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާ;


...ގާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އެއްޗަކަށް އަދުލުވެރި ގޮތަށް ބަދަލު ދީފައިމެނުވީ ހަމަ އެކަކުގެ ކިބައިން ވެސް އެމީހާގެ އެއްވެސް މިލްކުވެރި ކަމެއް ނިގުޅައި ނުގަނެވޭނެ

އެ ގާނޫނުއަސާސީ އުވާލުމަށްފަހު, 1998 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގައި ވެސް އެ ހައްގު ކަށަވަރުކުރި އެވެ. އެގޮތުން, އެ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައިވެއެވެ;

"މީހުންގެ މިލްކުތަކަކީ، ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ، ޝަރީއަތުގައި ނުވަތަ ގާނޫނުގައިވާ ގޮތެއްގެ މަތިން މެނުވީ، ހަމަ އެކަކުގެ ކިބައިންވެސް އެމީހެއްގެ މިލްކުވެރި ކަމެއް ނިގުޅައި ނުގަނެވޭނެ"

މިހާރު އަމަލު ކުރަމުންދާ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީގައި އޮތީ މިހެންނެވެ;

"ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެ އެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ."

މި މާއްދާތަކުގެ ހަވާލުގައި އައްބާސް އަލީކަލޭފާނު ހުށަހެޅި މައިގަނޑު ނުކުތާއަކީ، އާންމުވެގެންވާ ފައިދާއަކަށް ގާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އަދުލުވެރި ބަދަލު ދީފައި މެނުވީ މީހެއްގެ މިލްކެއް ނިގުޅައިގަނެގެން ނުވާނެކަމެވެ.

ނަމަވެސް, މައްސަލާގައި ހައިކޯޓުން އައްބާސްއާ ދެކޮޅަށް ނެރުނީ އެސްޓޮޕެލްގެ އުސޫލެވެ.

"އައްބާސްގެ އެދުމުގެ މަތިން ގޯއްޗެއްގެ ގޮތުގައި ބިން އޭރު އޮތް މިންތަކަށް އޭނާއަށް ލިބިދިނުމުން, އަލުން އަނބުރި އައިސް އެ ބިން ކުޑަވެގެން ޝަކުވާ ކުރުމުގެ ދޮރު ގާނޫނީ އަދި އަދާލަތުގެ ހަމައިން ވަނީ ބަންދުވެފައި," ހައިކޯޓުގެ ހުކުމްގައިވެއެވެ.

އެއީ, ހުކުމްގައިވާ ގޮތުން ހަރުގެވަޅު އޮތް މިންތަކަށް ގެވަޅު ރަނގަޅު ކަމަށް އޭނާ އެއްބަސްވެފައިވުމާއި އެކަމަށް އޭނާ އަމިއްލައަށް އެދިފައިވުމުންނެވެ.

އިހަށް ދުވަހު ހައިކޯޓުން ކުރި ހުކުމްގައިވާ ގޮތުން "ހަވީރީނާޒް"ގެ ބިން ބޮޑުކުރުމުގެ ގޮތުން 1987 ން ފެށިގެން 2014 އަށް އައްބާސް އަލީކަލޭފާނު ކުރަމުންދިޔަ ޝަކުވާތަކަކީ އެ ޝަކުވާކުރުމުގެ ފުރުސަތު ގާނޫނީ އަދި އަދާލަތުގެ ހަމައިން ވެސް ކުރެވެން ނެތް ޝަކުވާތަކެކެވެ.

ބަދަލު ހޯދުމުގެ ދައުވާއެއް ނުކުރެވޭނެ

"ހަވީރީނާޒް"ގެ ބިން އިތުރުކޮށް ހެދި ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައެވެ. އެ ނިންމުމުގެ ސައްހަ ކަމާ ގުޅޭ ގޮތުން ޝަރީއަތަށް ހުށަހަޅައިގެން ބަލާފައެއް ނެތެވެ. އެހެންވެ, އެ ނިންމުން ދެމި އޮތީއެވެ.

އައްބާސް ހައިކޯޓާ ހަމައަށް އައިރު އޭނާ ބަޔާންކުރާ ބިމުގެ މައްޗަށް އޮތް ސައްހަ ރަޖިސްޓްރީއެއް ނެތެވެ. އޮތީ ހުސޫމާތް އުފެދިފައިވާ އަދި ބާތިލުކޮށްފައިވާ ރަޖިސްޓްރީއެކެވެ.

"ވީމާ، ދައުވާކުރާ "ހަވީރީނާޒް" އަށް އިތުރުކޮށްދިން ބިމުގެ ބަޔަކީ އައްބާސްގެ މިލްކުގެ ތެރޭގައި އޮތް އެއްޗެއްތޯ ނުވަތަ ނޫންކަން އެ ރަޖިސްޓްރީގެ މައްޗަށް ބުރަވެ ސާފު ކުރެވޭކަށް ނެތެވެ. އެކަން ސާފުވެގެން މެނުވީ އެތަނުގެ ބަދަލު ހޯދުމަށް ދައުވާއެއް ނުކުރެވޭނެ," ހައިކޯޓުން ބުންޏެވެ.

އިސްތިއުނާފުކުރުމަށް އައްބާސް އަލީކަލޭފާނު ހުށަހަޅާ ނުކުތާއަކީ ގާނޫނުއަސާސީން ލިބިދޭ އަދުލުވެރި ބަދަލު ހޯދުމެވެ. އެހެންވެ, ހައިކޯޓުން ވަނީ އެކަމާ ގުޅޭ ގޮތުން ވެސް ހުކުމްގައި ވާހަކަ ދައްކާފައެވެ.

ހައިކޯޓުން ބުނި ގޮތުގައި, މި ހާލަތުގައި ބަދަލު ދެނީ، ބިމުގެ ބަދަލުގައި އެހެން ބިމެއް، ނުވަތަ ރުފިޔާއިން އަގުކޮށް އެއަގު ދީގެންނެވެ. މި އުސޫލުން، ބަލާއިރު، ރުފިޔާއިން އަގުކޮށް އަގުދެނީ، ބަންޑާރަ ބިމާ ގުޅިފައިވާ ނުއުފުލޭ މުދަލަށާއި އަދި ބައެއް ހާލަތުގައި އުފުލޭ މުދަލަށެވެ.

"މި އުސޫލުން ބަލާއިރު، ވަކިކުރެވޭ ބަންޑާރަ ގޯތީގެ ބަޔަކާ ގުޅިގެންވެސް ޝަރީއަތް މެދުވެރިކޮށް ބަދަލު ދޭންޖެހޭނީ، ވަކިކުރެވޭ ބިމުގައި ބިންގަލެއް އަޅައި، ތަންކޮޅެއް ރާނާ ނުވަތަ ދަނޑިފަނުން ނަމަވެސް ގެއެއް އަޅައި ނުވަތަ ތަނެއް ހަދައި ނުވަތަ ވަޅެއް ބަހައްޓާފައިވާނަމަ ކަމަށް ބުރަވާން ޖެހެ," ހުކުމްގައިވެއެވެ.

އެހެންވެ, "ހަވީރީނާޒް" އަށް އިތުރު ކުރި ކަމަށް ބުނާ ބިމުގައި ބަދަލު ދޭންޖެހޭ ބާވަތުގެ އެއްވެސް އެއްޗެއް ހުރިތޯ ކޯޓުން ބެލިއެވެ.

"އެ ބިމުގައި، ބަދަލު ދޭންޖެހޭ އެއްވެސް އެއްޗެއް ނެތްކަމާއި އަދި އެތަނަކީ އިން ވަކި ކުރެވިފައި ނެތް ތަނެއް ކަމާއި އަދި އިތުރު ކޮށްދިން ބިމުން ބައެއް އޭރު ގިރައިގެން ގޮސްފައިވާކަން އެނގޭ," ހުކުމްގައިވެއެވެ.

"އެހެންކަމުން، އެތަނުގައި ޝަރީއަތަށް ހުށަހަޅައިގެން ބަދަލުދޭންޖެހޭ ނުއުފުލޭ މުދަލެއް އޭރު ނެތްކަން އެނގެން އޮވޭ. އިދާރީ ގޮތުން އަގެއް ކިޔުއްވައިގެން އަގުދޭނެ އެއްޗެއް ނެތްކަން އެނގޭ,"

އެތަނުގައި ހުރި ހަމައެކަނި ގާފުންޏަކީ އައްބާސްއަށް އަމިއްލައަށް ނަގައިގެން ގެންދެވޭނެ އެއްޗެއްކަން ހުކުމްގައި ފާހަގަކުރިއެވެ.

އޭގެ އިތުރުން, އައްބާސް އެދޭ ގޮތަށް ގޯތީގެ ހުޅަނގު ފަރާތުން ވެސް ބިން އިތުރުކޮށް ނުދެވޭނެ ކަމަށް ހުކުމްގައި ބަޔާންކުރިއެވެ.

"...ސަބަބަކީ، ކަލޭފާނަށް ގޯއްޗެއްގެ ހަރުގެވަޅު ހުޅަނގުން މަގެއް އޮވެފައި، އެ މަގަކީ އެ ރަށުގެ އިސްކޫލަށް އެކަށައަޅާފައިވާ ބިމަކަށްވެފައި އެ ދެމެދުގައި އޮތް މަގު ހަނިކުރަން ބޭނުން ނުވުމެވެ. އެ މަގަކީ ފުޅާ ބޮޑު މަގެއް ނަމަވެސް، އެ މަގު ހަނިކޮށް ވަކި ފަރުދެއްގެ ގޯތީގެ ބަޔަކަށް ބިން އިތުރުކޮށް ދިނުމަކީ ރަށު އޮފީހަށް ކުރެވިދާނެ ކަމެއް ނޫނެވެ," ހުކުމްގައިވެއެވެ.

އެހެންވެ, ހައިކޯޓުން ވެސް ތާއިދުކުރީ ފެންފުށީ ކޯޓުގެ ނިންމުމަށެވެ. އެގޮތުން ހައިކޯޓު ނިންމުމުގައި ބުނީ ހަރުގެވަޅަށް އިތުރުކޮށްދިން ކަމަށް ބުނާ ބިން ސަރުކާރަށް ނެގުމުން، އެ ބިމުގެ ބަދަލުގައި ބިމުން ބަދަލު ދިނުން ގާނޫނުން ލާޒިމު ނޫން ކަމަށެވެ. އަދި އެއީ ގާނޫނުން ކަލޭފަނަށް ލިބިދޭ ހައްގެއް ނޫންކަން ވެސް ސާފު ކަމަށް ބުނެފައިވެއެވެ.

މި ހުކުމް ނެރުއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އަދި ތާއިދު ކުރައްވާފައިވަނީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

"ހަވީރީނާޒް" ގޯތީގެ މައްސަލައިގެ ޝަކުވާތަކަށް 34 އަހަރުވެގެން ގޮސްފައިވާއިރު, މި މައްސަލަ އެންމެ މަތީ ކޯޓާ ހަމައަށް ދިޔުމަކީ ވެސް ގާތް ކަމެކެވެ. އެހެންވެއްޖެނަމަ, އެ ކޯޓުން ވެސް ޝައުގުވެރި ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.