Advertisement

ގުޅީފަޅުން ފްލެޓު ގަތް މީހަކު ބަދަލު ހޯދަން ކޯޓަށް ދިޔުމުން ނާކާމިޔާބު

10 ސެޕްޓެންބަރު 2021 - 18:14 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ގުޅީފަޅުގައި 2010 ވަނަ އަހަރު އަޅަން ފެށި ފްލެޓުތައް. -ފައިލް ފޮޓޯ: މިނިވަންނިއުސް


ގުޅީފަޅުން ފްލެޓު ގަތް މީހަކު ބަދަލު ހޯދަން ކޯޓަށް ދިޔުމުން ނާކާމިޔާބު

10 ސެޕްޓެންބަރު 2021 - 18:14 1

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅިފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ދެ ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ މީހަކަށް އެ ފްލެޓު ނުލިބި އެތައް އަހަރެއްވުމާ ގުޅިގެން، ކުލީގެ ގޮތުގައި ދައްކަންޖެހުނު ފައިސާއަށް ބަދަލު ހޯދަން ކުރި ދައުވާ އޭނާއާ ދެކޮޅަށް ނިންމައިފި އެވެ.

އޭރުގެ ސަރުކާރުން ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކޮށްގެން ހިންގި މަޝްރޫއުގެ ދަށުން މުހައްމަދު އަފީފް، ޅ. ކުރެންދޫ މާޖެހިގެ ދެ ފްލެޓެއް ގަންނަން ޖުމްލަ 980،000ރ. ދެއްކި އެވެ.

އޭގެ ފަހުން 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ގަތް ފްލެޓުތަކުގެ ބަދަލުގައި ހުޅުމާލޭން ފްލެޓެއް ދޭނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން 2016 ވަނަ އަހަރު ލިޔުމެއް ދީފައިވީނަމަވެސް، މިހާތަނަށް ފްލެޓު ހަވާލުކޮށްފައިނުވާތީ އޭނާ ވަނީ މިދިޔަ އަހަރު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި އޭނާ އެދިފައިވަނީ، ފްލެޓު ނުލިބު ހޭދަވި އަހަރުތަކަށް ކުލީގެ ގޮތުގައި ހޭދަވީ ފައިސާގެ ބަދަލެއްގެ ގޮތުން 4.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނުމަށެވެ.

އަދި ގުޅިފަޅުން ފެލްޓު ގަތް މީހުންނަށް ހުޅުމާލޭން ދެ ފްލެޓު ނޫނީ ބިމެއް ސަރުކާރުން ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން، ބަދަލު ނުދީ ލަސްވާ ކޮންމެ މަހަކަށް އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅެން ދެ ތަނެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.

އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ބުނީ، އެ ދައުވާއަށް މުޅީން އިންކާރު ނުކުރި ނަމަވެސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދިނުމަށް އެދިފައިވާ އެދުމަށް އިންކާރު ކުރާ ކަމަށެވެ.

އަދި ގުޅިފަޅުން ފްލެޓުގަތް މީހުންނަށް ހުޅުމާލޭގައި ސޯޝަލް ހައުސިން މަޝްރޫއުއަކުން ފްލެޓު ދޭން ނިންމާފައިވާ ނިންމުމަކީ އަދުލުވެރި ބަދަލެއްކަން ދެކޭ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތުން، ގުޅިފަޅުން ފްލެޓުގަތް ޖުމްލަ 140 ފަރާތަކަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓެއް ދޭން ހުށަހަޅާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

އަދި ހުޅުމާލޭން ހިޔާރުކުރާ ފްލެޓާއި ބިމުގެ އަގުން، ގުޅިފަޅުން ފެލްޓު ގަތުމަށް ދެއްކި ފައިސާ އުނިކުރެވޭނެކަމަށް ވެސް ބުނެފައި ވެ އެވެ.

އެ މައްސަލަ ބެއްލެވުމަށް ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ބުނެފައިވަނީ ދައުވާކުރި ފަރާތަށް ހުޅުމާލޭން މިހާތަނަށް ފްލެޓެއް ލިބިފައިނުވަނީ ސަރުކާރުން ހުށަހެޅި އެއްވެސް އޮޕްޝަނެއް އޭނާ ހިޔާރުކޮށްފައިނުވާތީ ކަމަށެވެ.

އަދި ހުޅުމާލޭން ސަރުކާރުން ދޭން ބުނާ ފްލެޓަކީ ގުޅިފަޅުގެ ފްލެޓާ އަޅާބަލާއިރު ވެލިއު މަތި ފްލެޓުތަކެއް ކަމަށާއި، ދައުވާ ކުރި ފަރާތުން އެދުނު ގޮތަށް ހުޅުމާލޭން ދެ ފްލެޓު ނޫނީ ބިމެއް ދިނުމަށް ދައުލަތަށް އަންގާނެތަނެއް ނެތް ކަމަށް އެ ހުކުމްގައި ބުންޏެވެ.

އޭގެ އިތުރުން ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ގާނޫނީ ހަމައެއްނެތް ކަމަށް ނަސީރު ކުރެއްވި ހުކުމުގައި ބުނެފައި ވެ އެވެ.

ގުޅީފަޅު މައްސަލަ ކުރުކޮށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓު އެޅުމުގެ މަސައްކަތް ފެށީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭގެ ފަހުން ގިނަ ބަޔަކު އެ ފްލެޓުތަކަށް ފައިސާ ދައްކާފައިވަނިކޮށް، ދެން އައި ސަރުކާރުން ވަނީ ގުޅީފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ، އެ މަޝްރޫއު ނިމުނުފަހުން އެތަނަށް މީހުން ބަދަލުވުން ވަނީ ހުއްޓުވައިފަ އެވެ.

އެއާއެކު، އެކި ފަހަރު މަތިން ގުޅީފަޅުން ފްލެޓުގަތް މީހުންނަށް ބަދަލުގައި ފްލެޓު ދިނުމުގެ ވާހަކަ ދައްކަމުން އައިސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ގުޅީފަޅުން ފްލެޓުގަތް މީހުންނަށް ބަދަލުގައި ހުޅުމާލޭން ފްލެޓު ދިނުމަށް އޮތީ ނިންމައިފަ އެވެ.

މި ސަރުކާރުން މިހާރު ނިންމާފައިއޮތީ ގުޅީފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމަށެވެ.

ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭން ހާމަކުރުމާއެކު ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އެތަނުން ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕޯޓު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

އެތަން ހިއްކުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާއިރު، ލޯނު ހަމަޖެހުމުން ދެވަނަ ފިޔަވަހި ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޕްލޭނިން އަދި ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެެވެ.