Advertisement

ބޭރު މީހުން ވަޒީފާތަކަށް ގެނައުން މަދު ކުރުމުގެ މިސްރާބަށް

9 ސެޕްޓެންބަރު 2021 - 12:34 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރ. އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް


ބޭރު މީހުން ވަޒީފާތަކަށް ގެނައުން މަދު ކުރުމުގެ މިސްރާބަށް

9 ސެޕްޓެންބަރު 2021 - 12:34 1

ވަޒީފާތަކަށް ބޭރުން މީހުން ގެންނަ މިންވަރު މަދުކޮށް، އެ ދާއިރާތަކަށް ދިވެހިން ނެރުމުގެ މަސައްކަތް ކާމިޔާބު ކުރުމުގެ މިސްރާބަށް ދަތުރުކުރެވެމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަގުބަލުގައި ދަށްކުރުން ކަމަށެވެ.

އެގޮތުން ވަޒީފާތަކަށް ބޭރުމީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެެއް ހޯދިފައިވާކަން ފާހަގަކުރައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56،000 މީހުންނަށް ރާއްޖޭގައި ވޯކް ޕާމިޓް ދީފައިވާ ކަމަށާއި ނަމަވެސް މިއަހަރުގެ ފުރަތަމަ ހަތްމަސް ނިމުނުއިރު ސަރުކާރުން ވޯކް ޕާމިޓް ހުއްދަދީފައި ވަނީ 8،900 ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތީ ވަޒީފާ ބޭނުންވެ ނުލިބިވާ ފަރާތްތަކާއި ވަޒީފާ ދޭން ބޭނުންވެ އެކަށީގެންވާ މީހުން ނުލިބުމުގެ މައްސަލަ އެވެ.

އެހެންކަމުން، ދޭތެރެ މެދުގައިވާ މައްސަލަ ހައްލުކުރެވޭނީ ބޭނުންވާ ދާއިރާތަކަށް ދިވެހިން ތަމްރީން ކުރެވޭ މިންވަރު އިތުރު ކުރެވިގެން ކަމަށާއި އެކަމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން، އަލިފުށީގައި ގާއިމުކުރެވޭ ޖޮބް ސެންޓަރުގެ ޑެސްކެއް ކޮންމެ ރަށެއްގައި ގާއިމުކުރުމުގެ އިތުރުން މީހުން ތަމްރީން ކުރަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ގާއިމުކުރައްވާނެކަން ވެސް އެމަނިކުފާނު ރޭ އިއުލާނުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުސްތަގުބަލުގައި ބޭރުން ގެންނަ މީހުން މަދުކުރުން. ދިވެހިންނަށް އެ ފުރުސަތު ހޯދައި ދިނުން. ކުރިއަށްއޮތް ތަނުގައި ވަޒީފާ ބޭނުންވެ އެކަށީގެންވާ ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުސަތު އެމްއީޑީއަކުން [އިކޮނޮމިކް މިނިސްޓްރީ] ނުދޭނެ،" ރައީސް ވިދާޅުވި އެވެ.

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލް މަހު ގައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ހިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ.

ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތަޢާރަފްކޮށް އިކޮނޮމިކް މިނިސްޓްރީން އެހެން ބައެއް ހިދުމަތްތައްވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަޤްބަލުގައި ފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.

ޒުވާނުން ވަޒީފާ އަދާ ނުކުރާ މައްސަލަ ބޮޑު

މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ތިބި ޒުވާނުންގެ ތެރެއިން 56 ޕަސަންޓު އެއްވެސް ވަޒީފާއަދާ ނުކުރެ އެވެ.

ހިސާބުތަކުން ދައްކާގޮތުގައި ތައުލީމް، ވަޒީފާ އަދި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުންނުދާ ޒުވާނުންގެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އަންހެނުންނެވެ. އެއީ ވަޒީފާ އަދާނުކުރާ މުޅި ޖުމްލައިގެ 41 ޕަސަންޓެވެ.

އަދި އޭގެ ތެރޭގައި ތެރޭގައި ތައުލީމް ހާސިލްކުރަމުން ނުދާ ޒުވާނުންނާއި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުން ނުދާ ޒުވާނުންވެސް ހިމެނެއެވެ.