Advertisement

ޕީއެންސީއަށް އެމްޑީޕީގެ މަރުހަބާ، ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފި

21 އޭޕްރީލް 2024 - 23:25 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން. އެ ޕާޓީއަށް މިއަދުގެ އިންތިހާބުގައި ލިބުނީ ދަށް ނަތީޖާއެއް --- ފޮޓޯ: އިޔާދު/އަދަދު


ޕީއެންސީއަށް އެމްޑީޕީގެ މަރުހަބާ، ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފި

21 އޭޕްރީލް 2024 - 23:25 1

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮވެ ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑާޝިޕުން ދީފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ކަށަވަރުކޮށްފަ އެވެ. ޕީއެންސީއަށް 65 ގޮނޑި އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެނީ 15 ވަރަކަށް ގޮނޑި އެވެ.

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި ޕީއެންސީއަށް މަރުހަބާ ވިދާޅުވެ އެމްޑީޕީގެ ކެމްޕޭނުގައި ހަރަކާތްތެރިވި އެންމެނަށް ޝުކުރު އަދާކުރެއްވި އެވެ.

"މިއަދުގެ ނަތީޖާއަކީ މާޔޫސްކުރުވަނިވި ނަތީޖާއެއް ކަމުގައިވީ ނަމަވެސް، މިއީ، އަޅުގަނޑުމެންގެ އަޒުމް އާކޮށް މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިކުރަންވީ ވަގުތު. ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި ހަރުދަނާ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ތައްޔާރު. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެ," ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ގައުމަށް ބޭނުންޖެހޭ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވެސް ދެއްވި އެވެ.

"އަޅުގަނޑުމެންގެ ޑިމޮކްރެޓިކް އަސާސްތައް ހިމާޔަތްކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ," ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި 2018 ގައި ބޭއްވި އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް އެކުލަވާލި ސަރުކާރުގައި މި ދެ ބޭފުޅުން ވަޒީރުކަން ކުރެއްވި އެވެ. އެއަށްފަހު 2019 ގައި އިންތިހާބުކުރި މަޖިލީހުގައި 65 ގޮނޑިއާއެކު ސުޕަމެޖޯރިޓީ އެމްޑީޕީން ނެގި އެވެ.

ނަމަވެސް, މިދިޔަ 2023 ގެ ރިޔާސީ އިންތިހާބާއި މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ޕީޕީއެމް/ޕީއެންސީ އަތުން ވަނީ ބަލިވެފަ އެވެ.