Advertisement

ކޯރަމް ހަމަނުވެގެން އެމްޑީޕީގެ ގައުމީ މަޖިލިސް ނުބޭއްވުނު

8 ސެޕްޓެންބަރު 2021 - 22:53 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކޯރަމް ހަމަނުވެގެން މިރޭ ބައްދަލުވުން ނުބޭއްވުނު


ކޯރަމް ހަމަނުވެގެން އެމްޑީޕީގެ ގައުމީ މަޖިލިސް ނުބޭއްވުނު

8 ސެޕްޓެންބަރު 2021 - 22:53 0

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ, އެމްޑީޕީން މިރޭ ބާއްވަން ތާވަލުކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވުނެވެ.

އެ ޕާޓީގެ މައި ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ޖުމްލަ 146 މެމްބަރުން ތިބެ އެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންނާއި 87 ދާއިރާ ތަމްސީލުވާ ގޮތަށް، ރާއްޖޭގައި އޮތް އެންމެ ބިޔަ ގައުމީ މަޖިލީހެވެ.

ނަމަވެސް، އެ ޕާޓީގެ އެންމެ އިސްކޮށް ތިއްބެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސަރު ގައުމީ މަޖިލީހުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން މިދިޔަ މެއި މަހުުގެ ހަ ވަނަ ދުވަހުގެ ރޭ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަށް ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ "މެއި6"ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފަ އެވެ.

ހަފްތާއެކު އެއް ފަހަރު އެ ކޮމިޓީން ހޯދުނު މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާކުރާ ގޮތަށް ގަރާރެއް ފާސްކުރި ނަމަވެސް، އެ ބައްދަލުވުންތަކުގެ ބައިވެރިވުން ކުޑަ އެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު، އެ ބައްދަލުވުން ބުދަ ދުވަހަށް ބަދަލުކުރީ މެމްބަރުން އެދިގެންނެވެ.

އެގޮތުން، ކޮވިޑާ ގުޅިގެން އޮންލައިންކޮށް ބާއްވަމުން އައިސް، މިރޭގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެއްސީ މިރޭ 9.15 ގައި ޖަމާލުއްދީން ސްކޫލް ހޯލްގަ އެވެ.

ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުން ކެންސަލް ކުރިކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "އަދަދު"އަށް މިރޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ 65 މެމްބަރުން ތިއްބެވި ނަމަވެސް، އެ ބައްދުވުންތަކުން ގިނަ މެމްބަރުން ނުފެނެ އެވެ.

އެ ބިޔަ މަޖިލީހުގެ ކޯރަމް ހަމަވާން އެންމެ 37 މެމްބަރުން ބޭނުންވި ނަމަވެސް، އެ އަދަދު ފަހަކަށް އައިސް ހަމަވަނީ ކިރިޔާ އެވެ.