Advertisement

ރެކަމެންޑޭޝަންތަކާގުޅޭ މަސައްކަތުގެ މައުލޫމާތު 241 ކޮމިޓީއާ ހިއްސާކޮށްފި

7 ސެޕްޓެންބަރު 2021 - 15:13 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި ޕާލިމަންޓް އިންކުއަރީގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރެވެނުއިރު، އެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ. --ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ރެކަމެންޑޭޝަންތަކާގުޅޭ މަސައްކަތުގެ މައުލޫމާތު 241 ކޮމިޓީއާ ހިއްސާކޮށްފި

7 ސެޕްޓެންބަރު 2021 - 15:13 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނެރުނު ރިޕޯޓުގައި މުއައްސަސާތަކުން އަމަލުކުރަން ލަފާދިން ރެކަމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފި އެވެ.

މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކަމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައި ވެ އެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ 45 ރެކަމެންޑޭޝަންގެ ތެރެއިން 38 ކަމަކީ "މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތް" ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ. މި ކަންކަމުގެ ތަފްސީލް ހާމަނުކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ރެކަމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން އަދާހަމަ ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ، އެކަމާގުޅޭ ގޮތުން ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ބްރީފިންއެއް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް، އެ ކަރުދާހުގައިވާ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތަކީ ހަމައެކަނި ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތުކަމަށް ރައީސް އޮފީހުން ބުނެފައިވާކަން އަސްލަމް ފާހަގަކުރެއްވި އެވެ.

އެއާއެކު އެ ކަރުދާހާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށް މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.