Advertisement

ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ފުރަތަމަ ދިނީ އަގުއޭރޯ އަށް

6 ސެޕްޓެންބަރު 2021 - 11:53 0


ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ފުރަތަމަ ދިނީ އަގުއޭރޯ އަށް

6 ސެޕްޓެންބަރު 2021 - 11:53 0

ބާސެލޯނާ (ސެޕްޓެމްބަރު 6) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލުމުން އޭނާ ބޭނުންކުރަމުން އައި 10 ނަމްބަރު ޖޯޒީ ފުރަތަަމަ ހުށަހެޅީ ސާޖިއޯ އަގުއޭރޯ އަށް ކަމަށް ބުނެފި އެވެ.

ދިހަ އަހަރަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށް އަގުއެރޯ މި ފަހަރު ބާސެލޯނާ އަށް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ ކްލަބް ލެވަލްގައި މެސީއާ އެއް ޓީމަކަށް ކުޅުމަށެވެ. އެކަމަކު، މެސީ އެންމެ ފަހު ވަގުތު ބާސެލޯނާއާ އެކު އާ ކޮންޓްރެކްޓެއް ހެދެން ނެތުމުން ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ. ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، އޭގެ ފަހުން އަގުއޭރޯ ވެސް ބާސެލޯނާ ދޫކޮށްލާން އުޅޭ ކަމަށް ވާހަކަ ދެެކެވުނެވެ. އެކަމަކު، އަގުއޭރޯ ނިންމީ ބާސެލޯނާއާ އެކު ކުރިއަށްދާށެވެ.

އޮންލައިން ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުން އަގުއޭރޯ ބުނީ ބާސެލޯނާ އަށް އައީ މެސީއާ އެއް ޓީމަށް ކުޅުމަށް ކަމަށާއި އެކަން ފުރިހަމަަ ނުވިޔަސް އެ ކްލަބުން އޭނާ އަށް ދިން ފުރުސަތުގެ ބޭނުންހިފައި ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.

"ކްލަބުން (ބާސެލޯނާ އިން) ވެސް އަހަންނަށް ވަރަށް ރަނގަޅު. އަހަންނަށް ހުށަހެޅުމެއް އައި މެސީގެ 10 ނަމްބަރު ޖޯޒީގައި ކުޅެން. އެކަމަކު އަހަންނަށް އެ ގޮތެއް ކަމަކު ނުދިޔަ. ސަބަބު ވެސް ބައިވަރު އެބަހުރި،" އަގުއޭރޯ ބުންޏެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ ބާސެލޯނާގައި ބޭނުންކުރާނީ 19 ނަމްބަރު ޖޯޒީ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ އަށް ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. އޭނާ މި ވަގުތު ވެސް އަނިޔާއެއްގައި ހުރިއިރު، ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު ފަހުކޮޅުގަ އެވެ.

މެސީ ބޭނުންކުރި ޖޯޒީ ދިނީ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށެވެ. އުމުރުން 18 އަހަރުގެ ފޯވާޑް އަންނަނީ ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާ އަކުން ރަނގަޅުވެ، އެއްކޮށް ފިޓްވާން މަސައްކަތް ކުރަމުންނެވެ.

އެކާވީސް ވަނަ ގަރުނުގައި ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ބޭނުންކޮށްފައިވަނީ ރިވާލްޑޯ، ރޮނާލްޑީނިއޯގެ އިތުރުން މެސީ އެވެ.

މެސީ އަށް 10 ނަމްބަރު ޖޯޒީ ލިބުނީ 2008 ވަނަ އަހަރު ރޮނާލްޑީނިއޯ ބާސެލޯނާ ދޫކޮށްލުމުންނެވެ. އޭރު މެސީގެ އުމުރަކީ 21 އަހަރެވެ. މެސީ އަށް އޮތް ލޯތްބާއި އިހުތިރާމްގެ ބޮޑުކަމުން ބާސެލޯނާގެ ބައެއް ސަޕޯޓަރުން ވަނީ އެ ކްލަބްގެ 10 ނަމްބަރު ޖޯޒީ ރިޓަޔާކުރަން ގޮވާލައިފަ އެވެ. އެކަމަކު، އެ ކްލަބުން ސީޒަނަށް ޓީމުގެ ޖޯޒީ ނަމްބަރުތައް ފައިނަލް ކުރިއިރު، 10 ނަމްބަރު ޖޯޒީ ދިނީ ޒުވާން އުމުރުގައި ގިނަ ރެކޯޑްތަކެއް ހަދާފައިވާ ފާޓީ އަށެވެ.