Advertisement

ނަޝީދު ހުންނެވީ ނިޒާމު ބަދަލުކުރާ ވޯޓު އަންނަ އަހަރު ނެގޭނެކަމުގެ ޔަގީންކަންމަތީ

5 ސެޕްޓެންބަރު 2021 - 14:16 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ނަޝީދު ހުންނެވީ ނިޒާމު ބަދަލުކުރާ ވޯޓު އަންނަ އަހަރު ނެގޭނެކަމުގެ ޔަގީންކަންމަތީ

5 ސެޕްޓެންބަރު 2021 - 14:16 1

ރާއްޖޭގެ ވެރިކަމުގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އަންނަ އަހަރު ނެގޭނެ ކަމަށާއި، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންކާރު ނުކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފި އެވެ.

މެއި 6 ގައި ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބުތައް ތަކުރާރުކުރައްވައިފަ އެވެ.

އެގޮތުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދި އެއީ އެމްޑީޕީގެ ގިނަ މެމްބަރުން ވެސް އިންތިޒާރުކޮށްގެން ތިބި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ނުކުތް ކެނޑިޑޭޓަށް ކޯލިޝަނުގެ އެހެން ޕާޓީތަކުން ތާއީދުކުރީ އެ މެނިފެސްޓޯއަށް ބަދަލުތަކެއް ގެނެސްގެން ކަމަށާއި، ނަމަވެސް، ފެންނަ ނުފެންނަ ވޯޓަކަށް ދާން ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ފިޔަވައި، އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް އެއްބަސްވި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެންނަ ނުފެންނަ ވޯޓު އަންނަ އަހަރު ނެގޭނެ. އެކަމަށް ރައީސް ސޯލިހު ވެސް އިންކާރު ނުކުރައްވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހްގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގެންގައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އެކަމަކު ނިޒާމުގެ ބަހުސް އަލުން ހުޅުވާލަައި ގޮތެއް ނިންމަން އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެކަމަށް ގޮވާލައި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންތަކެއް ދަނީ ޕެޓިޝަނެއް ހުށަހެޅުމަށް މުޅި ރާއްޖޭން ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕްރައިމަރީއަކުން ބައްޔެއް ނުވާނެ

އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ނަޝީދު މީގެ ކުރިން އިއުލާނުކުރައްވާފައިވާއިރު، އެ ނިންމުން ބަދަލުނުކުރައްވާކަން އެމަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ވެސް ނުސީދާކޮށް ފާޅުކުރައްވާފައިވާއިރު، ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދެވޭނެ ގޮތެއް ޕާޓީގެ ތެރޭގައި ނޯންނަ ކަމަށެވެ.

އަދި 2018 ގައި ރައީސް ސޯލިހު ކެނޑިޑޭޓަކަށް އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ނެރުނީ، ރިޔާސީ ޓިކެޓް ލިބި، ވާދަކުރުމުގެ ފުރުސަތު ނުލިބުމުންކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ޕްރައިމަރީ އަކުން ބައްޔެއް ނުވާނެ. އަޅުގަނޑަކީ އަބަދުވެސް ގަދަވުމަށް އިންތިހާބުތަކުގައި ވާދަކުރާ މީހެއް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދި، އެމްޑީޕީގެ ތެރޭގައި ވެސް ރެނދުލާފައި ވާހަކަތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ނަޝީދު މިއަދު ދެއްވީ ވަރަށް ފިނި ޖަވާބުތަކެކެވެ.

އެގޮތުން، ދެ ރައީސުންގެ ދެމެދު ސުލްހަ ކުރަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިސްނަންގަވާފައިވާއިރު، އެ ވާހަކަތައް ދެކެވެމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، އޭގެ ތަފްސީލަށް އެމަނިކުފާނު ވަޑައިނުގަންނަވަ އެވެ.