Advertisement

ނޭކުރެންދޫ ޖަލު އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމުގެ އުއްމީދު އެބައޮތް

5 ސެޕްޓެންބަރު 2021 - 13:10 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ނޭކުރެންދޫ ޖަލު އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމުގެ އުއްމީދު އެބައޮތް

5 ސެޕްޓެންބަރު 2021 - 13:10 0

ރާއްޖޭގެ ޖަލުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މައްްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ގޮތުން ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް ބުނަން ދަތި ނަމަވެސް އުންމީދަކީ އަންނަ އަހަރު ތެރޭ އެ ޖަލު ބޭނުންކުރަން ފެށުން ކަމަށް ހޯމް މިނިސްޓްރީއިން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ "އަދަދު" އަށް ވިދާޅުވީ ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލާއި ގުޅޭގޮތުން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ ޖަލުގެ މަސައްކަތް މުޅިން ނުނިމުނަސް ޖަލު ބޭނުން ކުރަން ފެށުމަށް ކަމަށެވެ.

"މިނިސްޓަރުގެ ވިސްނުންވެސް ބޮޑަށް ހުރީ ޖަލު އެއްކޮށް ނުނިމުނަސް ބޭނުންކުރަން ފަށަން، ނިމޭ ވަރަކުން،" ހަފްސީ ވިދާޅުވި އެވެ.

މިހާރު ޖަލުގައި ކުރިޔަށްދާ މަސައްކަތަކީ ދެ ފިޔަވަސައްކަށް ކުރިޔަށްދާ މަސައްކަތެއްކަމަށް ހަފްސީ ވިދާޅުވި އެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ޖަލުގެ ވަށާފާރު ރޭނުމުގެ މަސައްކަތާއި ޖަލާއި އިންވެގެން އޮންނަ މަގުތައް ހެދުމުގެ މަސައްކަތެވެ. ޖަލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑާ ކުރުމާއި ހިސާބުގަ އެވެ.

ޖަލުގެ އެތެރޭ އިމާރާތްތަކުގެ މަސައްކަތް އަދި ފެށިފައިނުވާކަމަށް ހަފްސީ ވިދާޅުވި އެވެ. އެހެންކަމުން މިދިޔަ އަހަރުން ފެށިގެން ކުރިޔަށްގެންދާ އެ މަޝްރޫއު މުޅިން ނިންމާލެވޭނެ ސީދާ ތާރީހެއް ބުނަން ދަތިކަމަށް ހަފްސީ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޖަލުތަކުގައި ވަނީ ވަރަށް ބޮޑަށް ޖާގައިގެ ދަތިތަކާއި ކުރިމަތިވެފަ އެވެ. ނޭކުރެންދޫގައި އަޅާ ޖަލު ނިމުމާއެކު އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެ އެވެ.

ޖަލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފަ އެވެ.