Advertisement

އަލީ ވަހީދު ހައްޔަރުކުރިއަސް ގެނެވިދާނެތަ؟ އޮތީ އެސައިލަމަށް އެދިފައި!

26 އޮގަސްޓު 2021 - 13:16 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ


އަލީ ވަހީދު ހައްޔަރުކުރިއަސް ގެނެވިދާނެތަ؟ އޮތީ އެސައިލަމަށް އެދިފައި!

26 އޮގަސްޓު 2021 - 13:16 1

ކޯޓުތަކަށް ފިލައިގެން އުޅުއްވައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ތައްޔާރުވީ ފްރޭމްކުރީ ކަމަށް ވިދާޅުވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ "ހަގީގަތް" ހާމަކުރާށެވެ. ރާއްޖެ ގަޑިން ހަވީރު ހަތަރެއް ޖަހާއިރު ބާއްވަން އޮތް ބައްދަލުވުމަށް ދުރާލައި ދިވެހި ނޫސްވެރިންނަށް އޮތީ ދައުވަތު ދީފަ އެވެ.

އެކަމަކު އޮންލައިންކޮށް ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ނުފެށެނީސް ޔޫކޭގެ ފުލުހުން އޭނާ އަތުލައިގަތީ އެވެ. އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު"އަށް ކަށަވަރުކޮށްދިން ގޮތުުގައި އޭނާ ހައްޔަރުކުރީ ދިރިއުޅުއްވާ ގެއަށް ހަތް ފުލުހުން ވަދެ އެވެ. އޭރު އިންނެވީ، ޓައީ އަޅުއްވައި ޕްރެސް ކޮންފަރެންސަށް ތައްޔާރުވެވަޑައިގެންނެވެ.

ރާއްޖެ ނުގެނެވިގެން އުޅުނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކޮށްފި އެވެ. މިވީ ކިހިނެއް ހެއްޔެވެ؟

މިކަން ސާފުކޮށްދޭން ދިވެހި ފުލުހުން އަދި ބޭނުމެއް ނުވެ އެވެ.

ފުލުހުން މިއަދުގެ ހެނދުނާ ހަމައަށް ދެމުން އަންނަ ޖަވާބަކީ އަލީ ވަހީދު ހައްޔަރުކުރި ކަމެއް އެނގިފައި ނެތް ކަމަށެވެ. އެކަމަކު އަލީ ވަހީދު ހޯދައި ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހިން ފުލުހުން ގެންދިޔައީ، އިނގިރޭސިވިލާތުގެ ފުލުހުންނާއި އިންޓަޕޯލްއާ އެެކު ކުރަމުންނެވެ.

އެއީ، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން އޭނާގެ މައްޗަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކުރަން އޭނާ ގެނެސްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދުމުންނެވެ. އޭނާ ޖަލަށް ލާން ހުކުމްކުރީ، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމަށް ހާޒިރުވާން އެންގުމުން ވެސް އަމަލުކޮށްފައި ނުވާތީ އެވެ.

އެސައިލަމަށް އެދިފައި، "ނުގެނެވޭނެ"

އަލީ ވަހީދު އިއްޔެ ހައްޔަރުކުރީ, އެއް ބަޔަކު ކަށަވަރުކޮށްދޭ ގޮތުގައި ވިސާ އޯވާ ސްޓޭވެގެންނެވެ.

އެކަމަކު މިއީ ހަގީގަތެއް ނޫން ކަން ކަށަވަރުކޮށްދޭން ވާހަކަ ދެއްކެވި އިތުބާރު ހިފޭ ބޭފުޅަކު ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން އޭނާ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން އެމްބަސީ މެދުވެރިވެގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލީ ވަހީދު އަނެއްކާވެސް ވަނީ އެސައިލަމަށް އެދިފަ އެވެ. އެހެން ކަމުން އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް އަދި ނެތް ކަމަށް "އަދަދު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"އޭނާ [އަލީ ވަހީދު] ދޫކޮށްލާނެ، ޑޮކިއުމެންޓް އެބަހުރި،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އަލީ ވަހީދު ކުރިން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވީ، ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޭޑޭ މުޒާހަރާއާ ގުޅިގެން ހިންގި ތަހުގީގާއި ކުރަން އުޅުނު ދައުވާތަކުން ސަލާމަތްވާން 2016 ގަ އެވެ. އަލީ ވަހީދާއި އޭނާގެ އާއިލާއަށް އޭރު ހިމާޔަތް ލިބުނީ 1951ގެ ރެފިއުޖީ ކޮންވެންޝަންގެ ދަށުންނެވެ.

ހިމާޔަތަށް އެދިފައި އޮތް ނަމަ އެކަމާ މެދު ވަކިގޮތެއް ނުނިމެނީސް، އޯވާ ސްޓޭވިއަސް އިނގިރޭސިވިލާތުން ޑިޕޯޓެއް ނުކުރެ އެވެ.

ސިޔާސީ ހިމާޔަތަށް އެދިފައި އޮތް ކަން މި އެނގުނީ، ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ގެނެވިދާނެތޯ ސުވާލު އުފެދިފައި އޮއްވަ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނީ ގޮތުން ރެޑް ނޯޓިސްގައި މީހަކު ގެނެވޭނީ ރާއްޖެ އާއި އެ ގައުމަކާ އެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ބަދަލުކުރެވޭނެ އެއްބަސްވުމެއް އޮތް ނަމަ އެވެ. ރާއްޖެއާ އާއި އިނގިރޭސިވިލާތާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތެވެ.

މޭ 1، 2015 ގައި ބޭއްވި "މޭޑޭ މުޒާހަރާ"އާ ގުޅިގެން ނުހައްގު ދައުވާއަކުން ޖަލަށް ލާން އުޅުމުގެ ސަބަބުތައް ދައްކަވައި ހިމާޔަތް ހޯއްދެވި ނަމަވެސް ޖިންސީ ކުށުގެ ތުހުމަތުކުރެވޭ ނަމަ ޔޫކޭގައި ދިރިއުޅުއްވުން ފަސޭހައެއް ނުވާނެ އެވެ. އަދި ސިޔާސީ ހިމާޔަތް ހޯދާކަށް ވެސް ފަސޭހައެއް ނުވާނެ އެވެ.

އެއީ އޭނާއާ ދެކޮޅަށް ދައުލަތުން ބޮޑު ކުށްތަކެއްގައި ދައުވާ އުފުލާފައި އޮތުމެވެ. ސިޔާސީ ފްރޭމްކުރުމެއްގެ ގޮތުގައި ހިމާޔަތް ލިބުނަސް މިފަދަ ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަކަށް ރެފިއުޖީކަން ލިބުން ދުރެވެ.

އޭނާ ރާއްޖެ ގެނައުމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ހުއްޓަސް ގެނެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނަށް އެބައޮތެވެ. ފުލުހުން ކުރަމުން އަންނަނީ އެ މަސައްކަތެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ. އޭނާ ވިދާޅުވަނީ ސިޔާސީ ގޮތުން ފްރޭމްކުރީ ކަމަށެވެ. އެކަމަކު، ޕްރޮސިކިއުޓަ ޖެނެރަލް ވެސް ހުންނެވީ ސީރިއަސް ދައުވާތަކުގައި، އިންސާފަށް ވާސިލްވުމުގައި ދޫދެއްވާ ގޮތަކަށް ނޫނެވެ.