Advertisement

ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފި

24 އޮގަސްޓު 2021 - 00:12 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް (ވ) ޗެމްޕިއަންކަން ހޯދި ބުރު އަށް ތަށި ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފި

24 އޮގަސްޓު 2021 - 00:12 0

ފައިނަލުގައި މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބް ކޮޅަށް 11 ގޯލު ޖަހައި ބުރު ސްޕޯޓްސް ކްލަބުން މެޗަކުން ބަލިނުވެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.

ބިސް ބުރު އަތުން 11-0 އިން މިރޭ ފައިނަލުގައި ބުރު މޮޅުވިއިރު، މިއީ ތިން ވަނަ ޑިވިޝަން ފައިނަލެއްގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު އެއް ނަތީޖާ އެވެ. ބުރުން މި ފަހަރުގެ މުބާރާތަށް ތަފާތު މޮޅު ޓީމަކާ އެކު ނުކުތްއިރު، އެ ޓީމުން ވަނީ ކުއާޓާ ފައިނަލުގައި ކެޕިޓަލް ސިޓީ އަތުން ވެސް 11-0 އިން މޮޅުވެފަ އެެވެ. އަދި ސެމީ ފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އަތުން 7-1 އިން މޮޅުވި އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ބުރުން ޖެހި ގޯލުތަކުގެ ތެރެއިން ފަސް ގޯލު ޖެހީ ޔޫކްރެއިންގެ ފޯވާޑް ޕެޓްރޯވް ވަޑީމް އެވެ. އަބްދުﷲ ޝާފިއު އާއި މުހައްމަދު ތަޝްމީން (ތައްތި) ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަދި އެ ޓީމުގެ ޔޫކްރެއިން މިޑްފީލްޑަރު ސޮބޯލް އިލިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އިލިއާ އަކީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

ބުރު ސްޕޯޓްސް ކްލަބުން ތިން ވަނަ ޑިވިޝަންގައި ވާދަކުރީ ކްލަބް އީގަލްސްގެ ތަޖުރިބާކާރު އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް ބުރެވެ.

ބުރުގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ނިމާ އުރާލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ކްލަބް އީގަލްސް އާއި ވިކްޓްރީ އަށް ވެސް ކުޅުނު ތައްތި އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ފައިނަލާ ހަމައަށް ބިސް ބުރު ގެނެސްދިނުމުގައި އިސް ރޯލެއް ކުޅުނު ވިސާމް އަބްދުﷲ އެވެ.

ބުރާއި ބިސް ބުރުގެ އިތުރުން ސެމީ ފައިނަލުން ޖާގަ ހޯދައިގެން ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމުތަކަކީ ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އާއި ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އެވެ.

މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ މިދިޔަ ސީޒަނުގައި ބާއްވަން ޖެހޭ މުބާރާތެވެ. އެކަމަކު، ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ކެންސަލްކުރަން ޖެހުނީ އެވެ.

ތިން ވަނަ ޑިވިޝަނަކީ ލަސްވެގެން ވެސް އާންމުކޮށް ދޮޅު މަސް ތެރޭ ނިމޭ މުބާރާތެއް ނަމަވެސް މި ފަހަރުގެ ތިން ވަނަ ޑިވިޝަން ނިންމާލެވޭނީ ހަތް ވަރަކަށް މަސް ދުވަހުންނެވެ. އެއީ ކޮވިޑް-19ގެ ސަަބަބުން ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދެ ފަހަރެއްގެ މަތިން މުބާރާތް ހުއްޓާލަން ޖެހުމުންނެވެ. އެ ގޮތުން މެއި މަހު ދެ ވަނަ ފަހަރަށް މުބާރާތް މެދުކަނޑާލިއިރު، އަލުން ފެށީ ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މި މަހު ހަ ވަނަ ދުވަހު އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަަހަރުގެ ތިން ވަނަ ޑިވިޝަންގައި ބައިވެރިވެވުނީ އެފްއޭއެމުން ކަނޑައަޅާ މިންގަނޑަށް ކްލަބް ލައިސަންސިންގެ ކަންކަން ފުރިހަމަކުރި ޓީމުތަކަށެވެ.