Advertisement

ބެންގަލޫރާ އެއްވަރުވެ ބަޝުންދަރާ އަށް އުނދަގޫތަކެއް

21 އޮގަސްޓު 2021 - 17:50 0


ބެންގަލޫރާ އެއްވަރުވެ ބަޝުންދަރާ އަށް އުނދަގޫތަކެއް

21 އޮގަސްޓު 2021 - 17:50 0

އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުން އިންޑިއާގެ ބެންގަލޫރާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ދެ ވަނަ ބުރުގެ އުއްމީދުގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ބަޝުންދަރާ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާން އަށް އެއް މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މިރޭ މާޒިޔާ ބަލިކޮށްފިނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. އަނެއް ބުރަށް ހޮވޭނީ ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ. ގްރޫޕްގައި ބަޝުންދަރާ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އޭޓީކޭއާ ދެކޮޅަށެވެ. ބަޝުންދަރާ އަށް ދެން ފުރުސަތެއް އޮތީ އެ މެޗުން އޭޓީކޭ ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުން އެއްވަރުވެ، ތިން ވަނައިގައި އޮތް ބެންގަލޫރަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ. މި މެޗުން މޮޅުނުވުމުން ބެންގަލޫރު ވަނީ ކަޓައިފަ އެވެ. އެންމެ ފުލުގައި އޮތް މާޒިޔާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިރޭ އޭޓީކޭ ބަލިކޮށް ފަހު މެޗުގައި ބެންގަލޫރުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ބަޝުންދަރާ އިން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި މާޒިޔާ އަތުން މޮޅުވިއިރު ވެސް ބޭނުންކުރި ފުރަތަމަ އެގާރައާ އެކު އެވެ. އެކަމަކު، ބެންގަލޫރުން ވަނީ ކުރިއަށް ކުޅޭ އުދަންތާ ސިންހްގެ ބަދަލުގައި ބިދްޔާޝަގަރު ސިންހަށް ފުރުސަތު ދީފަ އެވެ. އަދި ދާނިޝް ފާރޫގު ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުުޅުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގަިއ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި ދެ ޓީމުން ދިޔައީ ލިބޭ ކޮންމެ ފުރުސަތެއްގައި ޖާގައެއް ލިބުމާ އެކު އެޓޭކްކުރަން މަސައްކަތްކުރަމުންނެވެ. އެހެންވެ، ދެ ޓީމުގެ މެދުތެރެއިން ވެސް ގިނަ ބޯޅަތަކެއް ދިޔައީ ގެއްލެމުންނެވެ.

ބަޝުންދަރާގެ ރޮބީނިއޯ (ކ) ބެންގަލޫރުގެ އޮގަސްޓިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ


ބަޝުންދަރާ އިން ވަރަށް ކުރިއަށް ޖެހިގެން ޑިފެންސްކުރަމުން ދިޔައިރު، މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމުގެ އޮފްސައިޑް މަަޅިން ސަލާމަތްވެ، ބެންގަލޫރުގެ ބްރެޒިލް ފޯވާޑް ކްލޭޓަން ސިލްވާ އަށް ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ. އެ ބޯޅަ އަވަސްކޮށްލައިގެން ކައުންޓަ އެޓޭކެއްގައި ބަޝުންދަރާގެ ބްރެޒިލް ވިންގް ރޮބީނިއޯ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅުނު ވަގުތު އޭނާ ހިފެހެއްޓީ ފައުލު ކޮށްގެންނެވެ. އޭރިއާ ރޮނގުކައިރިން ކުރި އެ ފައުލަށް ލިބުނު ހިލޭ ޖެހުމުން ރޮބީނިއޯ ޖެހި ބޯޅަ ބެންގަލޫރު ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ޖަޔޭޝް ރާނޭ އަށް ކޮންޓްރޯލް ނުކުރެވުނެވެ.

ދެ ވަނަ ހާފް ފެށިގެން ބަޝުންދަރާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި 10 މިނިޓް ތެރޭ ލަނޑު ޖެހުމާ ވަރަށް ގާތަށް ޖެހިލި އެވެ. މެޗުގެ 55 ވަަނަ މިނިޓްގައި އޭރިއާތެެރެއިން ރޮބީނިއޯ ޖެހި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ސިންހް ސާންދޫ ފައިން މަތަކުރިއިރުއިރު، އެ ބޯޅަ ގޯލަށް ވަންނަން ދިއުމުން ފަހަތަށް ކުޅޭ ރޯޝަން ވަނީ ސަލާމަތްކޮށްފަ އެވެ.

ބެންގަލޫރުން ވަނީ ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓަށް ފަހު އެއް ފަހަރާ ތިން ބަދަލު ގެނެސްފަ އެވެ. ބަދަލުތަކާ އެކު ބެންގަލޫރުގެ ކުޅުން ރަނގަޅުވި އެވެ. މެޗުގެ 71 ވަނަ މިނިޓްގައި ޗެތުރީ ޖެހި ޝޮޓެއް ބަޝުންދަރާގެ ކީޕަރު އަނީސުރް ރަހްމާން ވަނީ މަތަކޮށްފަ އެވެ. އަދި ދެ މިނިޓް ފަހުން ބެންގަލޫރުގެ ބްރެޒިލް ޑިފެންޑަރު އެލަން ކޮސްޓާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ފުލުފުލުގައި ބެންގަލޫރުގެ އެޓޭކްތައް ފެނިގެންދިޔަ މި ވަގުތު މެޗުގެ 81 ވަނަ މިނިޓްގައި ބެންގަލޫރުގެ ކްލޭޓަން އާއި ޖަޔޭޝް ޖެހި ބޯޅަތައް ކީޕަރު އަނީސުރް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ގޯލު ކުރިމަތިން ޗެތުރީ މުޅިން ހުސްކޮށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ވެސް ބެންގަލޫރުގެ ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

މުބާރާތުގައި މިރޭ މާޒިޔާ އާއި އޭޓީކޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.