27 ނޮވެންބަރު 2023 - 21:13 0
27 ނޮވެންބަރު 2023 - 21:13 0
ފަހު ވަގުތު ދެ ގޯލު ޖަހައި، ފަހަތުން އަރައި، 2-1 އިން، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ކުރިހޯދައިފި އެވެ.
އޭއެފްސީ ކަޕްގައި މިރޭ ބަޝުންދަރާ އަތުން ބަލިވުމުން ބާކީ މެޗެއް އޮއްވައި، މާޒިޔާ އަށް ވަނީ ކުރިއަށް ދިއުމުގެ ހުރިހާ ދޮރެއް ބަންދުވެފަ އެވެ. ބަޝުންދަރާ އިން މި މޮޅު ހޯދައިގެން ވަނީ ގްރޫޕްގެ އެއް ވަނަ ދިފާއުކޮށްފަ އެވެ.
އެއް ޓީމަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު، މާޒިޔާ ތާވަލުގެ ކުރީގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯހަން ބަގާން ސުޕަ ޖަޔަންޓްސް އާއި ތިން ވަނައިގައި އޮތް އޮޑިޝާ އެފްސީ މިރޭ ބައްދަލުކުރާނެ އެވެ. މޯހަން ބަގާން، މި ވަގުތު ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. އޮޑިޝާ އަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެއީ ގްރޫޕްގެ ފުރަތަމަ މެޗުގައި މާލޭގައި ބަޝުންދަރާ އަތުން މޮޅުވެގެން ހޯދި ތިން ޕޮއިންޓެވެ. އެ މެޗުގެ ފަހުން، މާޒިޔާ އިން އޭއެފްސީ ކަޕްގައި ދެން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ބަޝުންދަރާ އެރީނާގައި މިރޭ ކުޅުނު މެޗުގެ ބޮޑުބައި ލީޑުކުރީ މާޒިޔާ އިންނެވެ. އެއީ މެޗުގެ 10 ވަނަ މިނިޓްގައި ޖެހި ގޯލާ އެކު އެވެ. މި ލަނޑު ޖަހައިިދިނީ މާޒިޔާ މެދުތެރެއަށް ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު، އޮބެން ރޭގަން އެވެ. މިއީ ބަޝުންދަރާގެ ކީޕަރު، މެހެދީ ހަސަން ހެދި ގޯހަކަށް ފަހު، ރޭގަން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ބަޝުންދަރާ އަށް ގޯލެއް ޖަހަން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު، އޭއެފްސީ ކަޕްގައި މި ފަހަރު ޖެހިޖެހިގެން ހަތަރު ވަނަ މެޗުގައި ބަޝުންދަރާ އިން ވަނީ ފަހަތުން އަރަައި، ނަތީޖާއެއް ހޯދައިފަ އެވެ.
ޓީމުގެ ކެޕްޓަން، ބްރެޒިލްގެ ފޯވާޑް، ރޮބްސަން ޑަ ސިލްވާ (ރޮބީނިއޯ) ނުލައި ކުޅެން ޖެހުނު ބަޝުންދަރާ އަށް މާޒިޔާ ކޮޅަށް ގޯލެއް ޖެހޭ ގޮތެއްވީ މެޗުގެ 80 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ އުޒްބެކިސްތާންގެ ބޮބުރްބެކް ޔުދާޝޯފް އެވެ. އޭނާ މި ލަނޑު ޖެހީ ޝެއިހް މޮރްސަލީން ނެގި ކޯނަރެއްގައި ބޮލުންނެވެ. ނަތީޖާ ހަމަހަމަކުރިތާ އަށް މިނިޓް ފަހުން، ބަޝުންދަރާ މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު، މިގޭލް ފިގޭރާ އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާބޭރުން މާޒިޔާ ކީޕަރު ހުސެއިން ޝަރީފް އަށް ފުރުސަތެއް ނުދީ އެވެ.
ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް މިހާތަނަށް ބަޝުންދަރާ އިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ބަޝުންދަރާގެ ކޯޗަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އޮސްކާ ބްރުޒޮން އެވެ.
Comment