Advertisement

ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ޖޭޕީ އަލުން ސިޔާސީ ހަރަކާތްތަކަށް ނުކުމެއްޖެ

17 އޮގަސްޓު 2021 - 10:57 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީން ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ގާސިމް ރޭ ބަލަހައްޓަވަނީ. -- ފޮޓޯ/ޖޭޕީ


ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ޖޭޕީ އަލުން ސިޔާސީ ހަރަކާތްތަކަށް ނުކުމެއްޖެ

17 އޮގަސްޓު 2021 - 10:57 1

އެއްވެސް ހަރަކާތެއް ނުހިންގައި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ޖުމްހޫރީ ޕާޓީ ހުއްޓިފައި އޮތީ ކޮވިޑުގެ ބަލި މަޑުކަމާ ހެދި ކަމަށާއި އެކަމަކު "އާ ހިތްވަރަކާ އެކު ދެން އޮތީ ޕާޓީ ބާރަށް ކުރިއެރުވުން" ކަމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިއްސާ އޮންނަ ޖުމްހޫރީ ޕާޓީން ރޭ ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ 142 ވަނަ ކައުންސިލް ބައްދަލުވުން ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ގާސިމް އެވެ.

މަޖިލީހުގައި މާމިގިލީ ދާއިރާ ތަމްސީލް ކުރައްވާ ގާސިމް ވޭތުވެދިޔަ ދޮޅު އަހަރު މަޖިލީހުގެ މަސައްކަތްތަކާ ވެސް ދުރުގައި ހުންނެވުމަށް ފަހު އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން ރޭ އެ ޕާޓީގެ ހިންގާ ކޮމިޓީ ބާއްވަވައި ޕާޓީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.


ގާސިމް ވިދާޅުވީ ދުނިޔެ ހުއްޓުވާލި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ހަރަކާތް ވެސް މަޑުޖެހުނީ ކަމަށާއި އެ ހާލަތުގައި ތެޅިގެން ކަންކަން ކުރަން ބޭނުން ނުވީ ކަމަށެވެ. އެ ޕާޓީ ފަހަތަށް ޖެހުނީ ކަމަށް ނުވަތަ ސައިޒުން ކުޑަވީ ކަމުގެ ވާހަކަ ދައްކަނީ ކިހާ ވަރެއްގެ ޕާޓީއެއްކަން އެނގޭތީ ކަަމަށް ވެސް ވިދާޅުވި އެވެ.

"އިސްވެ ދިޔަ ތަނުގައި މަސައްކަތްކުރި ހެން ހިތްވަރާ އެކު މަސައްކަތް ކުރަން މިތިބީ،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ ހުންނަވައި މޯލްޑިވްސް ނެޝަނަލް ޕާޓީ އުފައްދާތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އުފާކުރަނީ ޕާޓީން ނުކުމެގެންދާ ބަޔަކަށް އެފަދަ ހިތްވަރާއި ޖޯޝު ހުރެގެން ކަމެއް ކުރުމުގެ ޓްރޭނިން އަޅުގަނޑުމެންގެ ތެރެއިން ލިބިގެންދިޔަ ކަމަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.

"ބައްލަވާލައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ވެސް މި ހުންނެވީ ޕާޓީގެ ބޭފުޅެއް. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޔާމީނަށް އެންމެ ކަމުދިޔައީ އަޅުގަނޑުމެންގެ ޕާޓީން ނުކުމެގެން ދިޔަ މީހުން."

އޭނާ ވިދާޅުވި ގޮތުގައި އޭގެ މާނައަކީ "ގާސިމްގެ އިންސްޓިޓިއުޝަންގެ ތެެރެއިން ނުކުމެގެންދާނީ ކޮލިޓީ ބޭފުޅުން"ނެވެ.

ޖުމްހޫރީ ޕާޓީން އަބަދުވެސް އިސްކަންދެނީ ގައުމީ މަސްލަހަތަށް ކަމަށާއި ޕާޓީން ކަންކަން ކުރާނީ ގައުމުގެ އަމާންކަމާއި ސުލްހައަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީއަށް ވުރެން ވެސް ގައުމު ބޮޑުވާނެ ކަމަށް ބަލަންވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރު ކޯލިޝަންގައި ގޮތުގައި އޮވެގެން ވެސް ބުންނަވާ ވާހަކަތައް ބުނަން. ގޮތެއް ފޮތެއް ނެތިގެން ހަޅޭއްލަވާ މީހުންގެ ތެރޭގައި ހިމެނޭކަށް ބޭނުމެއް ނޫން. މަސައްކަތްކޮށްފައި ހުންނާނީ ހަރުދަނާ ކަމާ އެކުގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ރަސްމީ ކަންކަން ކޮންމެ ހަފުތާއަކު ވެސް ދެން ކުރިއަށް ދާނެ އެވެ. އެއާއެކު އަތޮޅުތަކަށް ވެސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.