Advertisement

ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެންމެ ޒުވާން، އަދި އެންމެ ދޮށީ ކެންޑިޑޭޓު

2 އޭޕްރީލް 2024 - 11:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަމްދާ މުހައްމަދު އަދި ގާސިމް އިބްރާހިމް


ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެންމެ ޒުވާން، އަދި އެންމެ ދޮށީ ކެންޑިޑޭޓު

2 އޭޕްރީލް 2024 - 11:41 0

މި މަހު 21 ގައި ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެއީ 42 އަންހެނުންނާއި 326 ފިރިހެނުންނެވެ.

މިހާތަނަށް އެއްކުރެވޭ އެންމެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ 93 ދާއިރާއަށް ޒުވާން ޖޯޝާއި، ދޮށީ ސިޔާސީންގެ ވިސްނުމާއި ތަޖުރިބާ މުހިއްމެވެ. ވާދަކުރާ ކެންޑިޑޭޓުންނަށް ބަލާއިރު، ވަރަށް ޒުވާން ކެންޑިޑޭޓުންނާއި ފަސް ވަނަ ދައުރަކަށް ވާދަކުރާ ކެންޑިޑޭޓުން އެބަ ތިއްބެވެ. ކުރިން މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަން ކުރައްވައި ތަޖުރިބާ ލިބިފައިވާ ފަރާތްތައް އެބަ ތިއްބެވެ.

އެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޒުވާން ކެންޑިޑޭޓަކީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހުޅުމާލޭ އުތުރު ދާއިރާ އަށް ވާދަކުރާ ހަމްދާ މުހައްމަދެވެ. އަދި އެންމެ ދޮށީ ކެންޑިޑޭޓަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެންބަރު ކަމަށް މި ފަހަރު ވެސް ވާދަކުރާ ގާސިމް އިބްރާހިމް އެވެ.

އިލްޔާސް ލަބީބު އަދި ހަމްދާ


ހަމްދާ މުހައްމަދު، 22 އަހަރު

އަލަށް ހޮވާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ 368 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޒުވާން ކެންޑިޑޭޓު، ހަމްދަ މުހައްމަދު، ވިދައިލީ ނިމިގެންދިޔަ އަހަރު ދަ ޑިމޮކްރެޓްސްގެ ޕޯޑިއަމުންނެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުމާލެ އުތުރަށް ހަމްދާ ވާދަކުރާ ވާދަކުރާއިރު، މިހާރު އޭނާގެ އުމުރަކީ 22 އަހަރެވެ.

ހަމްދާގެ އެންމެ ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަތީ، ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނު ޖަލްސާއެއްގައި، ދިވެހި ޒުވާނުންގެ ހާލަތާ ގުޅޭ ގޮތުން ފަރިތަކޮށް، އަސަރާއި ޖޯޝާއެކު ވިރުވައި އަޅައިލި ވާހަކަ އެވެ. އަދުގެ ޒުވާނުން ތަޖުރިބާކުރާ، ތަހައްމަލުކުރާ ހާލަތްތަކުން އެ ޒުވާނުން ތިބީ "އަވަދިވެފައި" ކަމަށް ހަމްދާ އެ ޖަލްސާގައި ބުންޏެވެ.

ގދ. ތިނަދު އާއި ރަތަފަންދުއަށް ނިސްބަތްވާ ހަމްދާ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ފެނިގެން ދިޔައީ ވަރަށް ހަރަކާތްތެރި ޒުވާނެއްގެ ގޮތުގަ އެވެ. ސިޔާސީ ދާއިރާގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، އަލަށް އުފެދުނު ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި އަންހެނުން ގޮފީގެ ރައީސް ކަމަށް ބޮޑު އަޣުލަބިއްޔަތަކުން އޭނާ ހޮވުމެވެ.

މިހާރު އޭނާ ކުރަމުން އެ ގެންދާ ކެމްޕޭނު ކާމިޔާބުވެ، ގޮނޑި ކަށަވަރުވެއްޖެ ނަމަ ވެގެންދާނީ 20 ވަނަ މަޖިލީހުގެ އެންމެ ޒުވާން މެމްބަރަށެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ޒުވާން މެމްބަރަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އޭނާ އިންތިހާބުވިއިރު، އުމުރަކީ 24 އަހަރެވެެ.

ގާސިމް އިބްރާހިމް، 77 އަހަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްއަކީ ރާއްޖެއަށް ގެނެވިފައިވާ އިސްލާހީ މަސައްކަތުގައި މުހިންމު ބޭފުޅެކެވެ. ސިޔާސީ ތަޖުރިބާއާއެކު ގާނޫނު ހަދާ މަޖިލީހަށް ވޭތުވެދިޔަ ދައުރުތަކުގައި އޭނާގެ ހިދުމަތް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އޭނާގެ އާއިލީ ދިރިއުޅުމާއި ވިޔަފާރީގެ ތަޖުރިބާ ބޮޑެވެ. މި ހުރިހާ ޓްރެކް ރެކޯޑަކާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މާމިގިލީ ދާއިރާ އަށް ގާސިމް ވާދަ ކުރާއިރު، އޭނާ ވެގެން ދަނީ އެންމެ ދޮށީ ކެންޑިޑޭޓަށެވެ.

ގާސިމް އާއި އޭނާގެ ދަރިން އަދި އާއިލާގެ ބައެއް ބޭފުޅުންނާއެކު. -- ފޮޓޯ: އަދަދު


މިހާރު އުމުރުން 77 އަހަރުގެ ގާސިމް ވަނީ މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަމާއި، މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު ކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ކުރައްވައިފަ އެވެ.

ސޯޅަ އަހަރަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާއި އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓް ކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ވެސް ގާސިމް އަދާކުރެއްވި އެވެ.

އަމިއްލަ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އުފައްދަވައި، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި 2008، 2013، އަދި 2023 ގެ ރިޔާސީ އިންތިހާބުގައިވެސް ގާސިމް ވާދަ ކުރެއްވި އެވެ. އޭގެ ތެރެއިން ފުރަތަމަ ދެ އިންތިހާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާ 'ކިންގް މޭކާ' ގެ ގޮތުގައި ދެވަނަ ބުރުގެ ނަތީޖާ އަނބުރާލީ ވެސް ގާސިމް އެވެ.