16 އޮގަސްޓު 2021 - 09:54 1
އަހުމަދު ސާއިލް އަލީ
ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ސްކޭން ކުރުމަށް ޒަމާނީ މެޝިންސްތައް ބަހައްޓަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
16 އޮގަސްޓު 2021 - 09:54 1
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ބެލުމަށް ފަހު ކަސްޓަމްސްއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޓޫރިސްޓުގެ އަތުން ވަޒަން ފެނުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނެވެ. ވަޒަންތައް ފެނުނީ ފުރަން ދާ މީހުން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށެވެ. އުމުރުން 60 އަހަރުގެ އެ މީހާ, މި މައްސަލާގައި ހައްޔަރުކޮށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް "އަދަދު" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެ ވަޒަންތަކަކީ އެ ޓޫރިސްޓު މީހާ ރާއްޖެ އައިއިރު ވެސް ގެނައި އެއްޗެހިތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭނާ އެތެރެވިއިރު އޭނާގެ އަތުގައި ވަޒަން ހުރިކަން ސިސްޓަމްގެ ތެރެއިން އެނގެން ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ކަސްޓަމްސްގެ އޮފިސަރަކަށް ސިސްޓަމްގެ ތެރެއިން ވެސް އެނގުމެއް ނެތި އެ ވަޒަންތައް އެތެރެވެދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ އެތަނުގައި ބޭނުންކުރަނީ ޒަމާނީ މެޝިންތަކަކަށް ނުވުމެވެ.
"ޑުއެލް އިމޭޖް ލިބޭ ތަނެއްގައި ސިންގަލް އިމޭޖް ލިބުނީމައި އޭގައި އަޅުގަނޑުމެންނަށް އެހާ ސާފުކަމާއެކީގައި ނޭނގި ދާނެ. ހަމަ އެގޮތަށް އޭނާ ޕެކްކޮށްފައި ހުންނަ ގޮތަކުން ވެސް ނޭނގި ދާނެ،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮފިސަރަށް އެއްޗެއް ފެނިގެން އެއަށް ގޮތެއް ނިންމަން ލިބޭނީ އެންމެ ތިން ސިކުންތު ވަރު. އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް."
ޝަރީފް ވިދާޅުވީ ޕޯޓް ހިންގާ ފަރާތުން ކަސްޓަމްސްއަށް ގާނޫނުގައި ބުނާ ވަސީލަތްތައް ގާއިމު ކޮށްދޭން ޖެހޭ ކަމަށާއި އެއީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްކޭން މެޝިންތައް ފޯރުކޮށްދިނުން ހިމެނޭ ކަަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވަޒަންތައް ފެނުމުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ މެޝިންތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Comment