Advertisement

އީގަލްސް އަށް ވުރެ މޮޅަށް ކުޅުނީ ބެންގަލޫރު: ކޯޗު

16 އޮގަސްޓު 2021 - 09:40 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބްރެޒިލްގެ ކްލެއިޓަން (ކ) އަތުން އަކުރަމް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އީގަލްސް އަށް ވުރެ މޮޅަށް ކުޅުނީ ބެންގަލޫރު: ކޯޗު

16 އޮގަސްޓު 2021 - 09:40 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ޕްލޭއޮފް މެޗުގައި ރޭ ރާއްޖޭގެ އީގަލްސް އަތުން ބެންގަލޫރު މޮޅުވީ މޮޅަށް ކުޅެގެން ކަމަަށް އެ ޓީމުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނެފި އެވެ.

ފުރަތަމަ ހާފުގައި ޖަޔޭޝް ރާނޭ ޖެހި ގޯލުން ބެންގަލޫރުން 1-0 އިން އީގަލްސް ބަލިކުރި މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ބެންގަލޫރުގެ ބްރެޒިލް ފޯވާޑް ކްލެއިޓަން ސިލްވާ އާއި ސުނިލް ޗެތުރީ އަތުން ފުރުސަތުތައް ގެއްލުނުއިރު، އީގަލްސް އަށް ލަނޑު ޖަަހައިދޭން އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ބޯޅަތަކެއް ލިބިގެންދިޔަ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބެންގަލޫރަށް ގޯލެއް ޖެހުމުން އޭގެ ފަސޭހަތަކެއް އެ ޓީމަށް އައި ކަމަށާއި އީގަލްސް ވެސް ކުޅުމަށް ބަލާއިރު ރަނގަޅަށް ކުޅުނު ކަމަށް ބުނެފަ އެވެ. އެކަމާ ބެހޭގޮތުންް ބެންގަލޫރުގެ ކޯޗު ޕެޒޯލީ ބުނީ އީގަލްސް އަށް ވުރެ ރަނގަޅަށް މި މެޗުގައި ބެންގަލޫރު ކުޅުނުކަން މެޗުގެ ސްޓެޓްސްތަކުން ވެސް ފެންނާނެ ކަމަށެވެ.

"މޮޅަށް ކުޅުނީ އަހަރެމެން. ބޯޅަ ކުޅެގެން ފުރުސަތު ތަނަވަސްކުރީ ވެސް އަހަރެމެން. އަހަންނަށް ހީވާގޮތުގައި އަހަރެމެން ފުރުސަތު ތަނަވަސް ކުރުމުން ކުރީގައި އުޅުނީ 5-2 އިން. މިއީ އަހަރެމެންގެ 100 ޕަސެންޓެއް ނޫން. އެކަމަކު ވެސް މެޗުން މޮޅުވެވޭ ވަރަށް ކުުޅުނު. އީގަލްސް އިން ބޮޑަށް ނުރައްކާކުރީ ކޯނަރުތަކުގައި،" ޕެޒޯލީ ބުންޏެވެ.

އީގަލްސް މެޗަކީ ބެންގަލޫރު ޓީމަށް ޕެޒޯލީ ކޯޗުކޮށްދިން ރަސްމީ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އޭޕްރީލް މަހު ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް އަތުން 5-0 އިން މޮޅުވެފަ އެވެ. ޕެޒޯލީ ބުނީ ރޭގެ މެޗުގައި ވެސް ބައެއް ފަހަރު މަތިން ބޯޅަތަކެއް ކުޅެފައިވާ ކަމަށާއި އެއީ އޭނާ އެހާ ގަޔާވާ ކަމެއް ނޫން ކަމަށެެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕެޒޯލީ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ


"އެކަންކަން ރަނގަޅުކުރެވޭނީ ގިނަ މެޗުތަކެއް ކުޅެގެން. އެންމެ ފަހުން އަހަރެމެން ލީގުގައި ކުޅުނީ ފެބްރުއަރީ މަހު. ދެން ލީގު ފަށަނީ ނޮވެމްބަރުގައި. އެހެންވެ މިއީ ޕްރީ ސީޒަން މުއްދަތެއް ނޫނީ ޗުއްޓީ ދުވަސްވަރެއްގައި ކުޅޭ މުބާރާތަކަށްވީމަ މި ކަހަލަ ކަންތައްތައް ދިމާވާނެ،" ޕެޒޯލީ ބުންޏެވެ.

އޭއެފްސީ ކަޕްގައި ބެންގަލޫރުން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ފުރަތަމަ ހަތް މެޗުން މޮޅުވި ނަމަވެސް ދެން ކުޅުނު ތިން މެޗުން ބަލިވީ އެވެ. ބެންގަލޫރު ވަނީ 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އަތުން މާލޭގައި ބަލިވެފަ އެވެ. އަދި މިދިޔަ އަހަރު އޭއެފްސީ ކަޕް ޕްލޭއޮފް ބުރުގެ ދެ ލެގުން ވެސް ރާއްޖޭގެ މާޒިޔާ އަތުން ބެންގަލޫރު ވަނީ ބަލިވެފަ އެވެ.

ޕެޒޯލީ ބުނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުމަކީ އެ ކްލަބަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

"އަހަރެމެން މި މެޗަށް ނުކުތްއިރު އެންމެ ފަހުން ތިން މެޗުން ބަލިވެފައި އޮތް ނަމަވެސް ވިސްނީ ޕޮޒިޓިވްކޮށް. އެއީ ނެގެޓިވްކޮށް ވިސްނައިގެން ކުރިއަކަށް ނުދެވޭނެތީ. އަހަރެމެން މި ތިބީ (މި ވަގުތަށް) ބޭނުންވި ހިސާބުގައި. އެއީ ގްރޫޕް ސްޓޭޖުގައި،" ޕެޒޯލީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ފަހަރު ބެންގަލޫރުގެ އިތުރުން އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ސުޕަ ލީގުގައި ކުޅޭ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖު މެޗުތައް އޮތީ މި މަހު 18-24 އަށް މާލޭގަ އެވެ.

ޕެޒޯލީ ބުނީ ގްރޫޕްގައި އޮތް ހުރިހާ ޓީމެއް ވެސް ވަރަށް ވަރުގަދަ ކަމަށާއި މި ވަގުތަށް ބަލާއިރު އެންމެ ފިޓްކޮށް ފެންނަން އޮތީ މިދިޔަ ހަފްތާގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން ދިފާއުކުރި ބަޝުންދުރާ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ބެންގަލޫރު ކުޅޭނީ އިންޑިއާގެ އޭޓީކޭއާ ދެކޮޅަށެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް:

އޭޓީކޭ މޯހަން ބަގާން - ބެންގަލޫރު (18 އޮގަސްޓް، 16:00)

މާޒިޔާ - ބަޝުންދުރަ (18 އޮގަސްޓް، 21:00)

ބެންގަލޫރު - ބަޝުންދުރަ (21 އޮގަސްޓް، 16:00)

މާޒިޔާ - އޭޓީކޭ މޯހަން ބަގާން (21 އޮގަސްޓް، 21:00)

އޭޓީކޭ މޯހަން ބަގާން - ބަޝުންދުރަ (24 އޮގަސްޓް، 16:00)

މާޒިޔާ - ބެންގަލޫރު (24 އޮގަސްޓް، 21:00)