Advertisement

ޑީއާރުޕީން އާމިރަށް ދޭންޖެހޭ ފައިސާއިން ބައެއް އުނިކުރި ހުކުމް ރަނގަޅު: ސުޕްރީމް ކޯޓު

11 އޮގަސްޓު 2021 - 12:15 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މެންބަރު އާމިރު: އޭނާއަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި ބަދަލުގެ ފައިސާއިން ބައެއް އުނިކުރީ ރަނގަޅަށް


ޑީއާރުޕީން އާމިރަށް ދޭންޖެހޭ ފައިސާއިން ބައެއް އުނިކުރި ހުކުމް ރަނގަޅު: ސުޕްރީމް ކޯޓު

11 އޮގަސްޓު 2021 - 12:15 0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށް ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ފައިސާއިން ބައެއް އުނިކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފި އެވެ.

ޑީއާރްޕީއާ ދެކޮޅަށް މެންބަރު އާމިރު ސިވިލް ކޯޓަށް ދިޔައީ އޭނާގެ ވީޑިއޯ ޕްރޮޑަކްޝަން ދެ ސްޓޯޑިއޯއަކުން 2007 ވަނަ އަަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމަޔަށް ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކެއްގެ އަގަށްވާ ފައިސާ ދައްކާފައިނުވާތީ އެވެ. އެ ހިދުމަތްތަކުގެ އަގަކީ 4.5 މިލިއަން ރުފިޔާ އެވެ. އަދި، ފައިސާ ނުދައްކާ އޮތުމުން ޖޫރިމަނާގެ ގޮތުގައި 16.3 މިލިއަން ރުފިޔާ ދައްކަން މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ.

ހިދުމަތުގެ އަގު ޖޫރިމަނާއާ އެކު އާމިރަށް ދައްކަން ސިވިލް ކޯޓުން 2015 ވަނަ އަހަރުކުރި ހުކުމުން ޑީއާރްޕީން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލާގައި ހައިކޯޓުން އެންގީ ހިދުމަތްތަކުގެ އަގަށްވާ 4.5 މިލިއަން ރުފިޔާ އާމިރަށް ދައްކާ ހަލާސްކުރުމަށެވެ.

ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުން ދައްކަން ހުކުމްކުރި ފައިސާގެ އަދަދު ހައިކޯޓުން އުނިކޮށް އެއީ ދައްކަން ނުޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅި އެވެ.

ހުކުމުން ޖޫރިމަނާގެ ބޮޑު އަދަދެއް ހައިކޯޓުން ކަނޑާލުމުން އާމިރު މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

ޖޫރިމަނާގެ ގޮތުގައި އެހާ ބޮޑު އަދަދެއް އަރާފައިވަނީ އިންވޮއިސް ހަދާފައި އޮތް ގޮތުންނެވެ. އެގޮތުން އާމިރުގެ ފަރާތުން ޑީއާރްޕީއަށް ފޮނުވި އިންވޮއިސްތަކުގައި، އެ އިންވޮއިސްތަކަށް ތިން ދުވަހުގެ ތެރޭ ފައިސާ ނުދައްކައިފި ނަމަ، ފަސް ޕަސެންޓްގެ ރޭޓުން ޖޫރިމަނާ އަރަމުންދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އިންވޮއިސްގައި އެހެން ބަޔާންކޮށްފައިވަނީ ހިދުމަތުގެ އަގު ހޯދުމުގެ ގެރެންޓީއެއްގެ ގޮތުގައި ނޫން ކަމަށާއި އެއީ އުގޫބާތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ނަގައިދެވޭނެ ބަދަލެއް ނޫން ކަމަށް ކަނޑައެޅި އެވެ.

އެންމެ ފުރަތަމަ އުފެދިގެން އައި ޕާޓީތަކުގެ ތެރޭ ހިމެނޭ ޑީއާރުޕީއަކީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ޕާޓީއެކެވެ. އެ ޕާޓީތައް ދަރަނިތައް ދެއްކުމަށް އެކި ފަހަރު މަތިން އިލެކްޝަން ކޮމިޝަނުން ވެސް އެންގި އެވެ.

ޕާޓީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވަނިކޮށް އެ ޕާޓީގެ ހިންގުމާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އޭގެ ފަހުން ޕާޓީގެ ހަރަކާތްތަކެއް ފެއްޓި ނަމަވެސް، އަނެއްކާވެސް އެ ޕާޓީގެ މަސައްކަތްތައް ވަނީ މަޑުޖެހިފަ އެވެ.