Advertisement

މެސީ އެކޭ އެއްގޮތަށް ޓީމު ދޫކޮށްލަން ޖެހުމުން އަހަންނަށް ވެސް އަސަރުކުރި: ގްރީލިޝް

10 އޮގަސްޓު 2021 - 00:36 0


މެސީ އެކޭ އެއްގޮތަށް ޓީމު ދޫކޮށްލަން ޖެހުމުން އަހަންނަށް ވެސް އަސަރުކުރި: ގްރީލިޝް

10 އޮގަސްޓު 2021 - 00:36 0

މެންޗެސްޓާ (އޮގަސްޓް 10) - ބާސެލޯނާ ދޫކޮށް ދާން ޖެހުމުން ލިއޮނަލް މެސީ އަށް ރޮވުނު ގޮތަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެސްޓަން ވިލާ ދޫކޮށްލަން ޖެހުމުން އޭނާ އަށް ވެސް އަސަރުކުރި ކަމަށް އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ބުނެފި އެވެ.

ވިއްސަކަަށް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ ބާސެލޯނާ ދޫކޮށްލީ އެ ކްލަބްގެ މާލީ ހާލަތުގެ ސަބަބުން އާ ކޮންޓްރެކްޓެއް ހެދޭނެ ގޮތެއް ނެތިގެންނެވެ. މެސީއާ އެކު ބާސެލޯނާ އިން އާ އެއްބަސްވުމެއް ހަދަން ހުރިހާ ކަމެއް ހަމަޖެހިގެން ދިޔަ ނަމަވެސް ފަހު ވަގުތު ލަލީގާގެ ގަވާއިދު ތަންނުދޭތީ މެސީ އަށް ބާސެލޯނާގައި މަޑުނުކުރެވި ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ. މެސީ ބަދަލުވާނީ ޕީއެސްޖީ އަށް ކަމަށް ވާހަކަ ދެކެވެ އެވެ.

ގްރީލިޝް، 25، އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އެސްޓަން ވިލާގައި އުޅެ ބޮޑުވިއިރު، އޭނާ ވަނީ އެ ކްލަބްގެ ކެޕްޓަނެއްގެ ގޮތުގައި ފުރަތަމަ އަދި ދެ ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގްރީލިޝް ސިޓީ އަށް ބަދަލުވީ އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ސިޓީން ގްރީލިޝް ގަތީ 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު)ގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ.

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގްރީލިޝް ބުނީ މި ފަހަރު އެންމެ ފުރަތަމަ އެސްޓަން ވިލާ ޕްރީ ސީޒަން ޕެރްކްޓިހަށް ނުކުތީ އެ ޓީމުގައި މަޑުކުރުމަކީ ވެސް އޮތްގޮތެއް ކަމަށް ވިސްނައިގެން ކަމަށެވެ. އެކަމަކު ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވީ ކަމަށް ގްރީލިޝް ވަނީ ބުނެފަ އެވެ.

"އެންމެނަށް ވެސް ފެނިއްޖެ ބާސެލޯނާގައި މެސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުން. އެ ބައްދަލުވުމުގައި މެސީ އަށް ކުރަމުން ދިޔަ އަސަރަކީ އަހަރެން އެސްޓަން ވިލާ ދޫކޮށްލަން ޖެހުމުން ވެސް ކުރަމުން ދިޔަ އިހުސާސް،" ގްރީލިޝް ބުންޏެވެ.

"ސިޓީ އަށް އައުމުގެ ކުރިން އަހަރެން އެސްޓަން ވިލާގެ ސްޓާފުންނާއި ހުރިހާ ކުޅުންތެރިންނާ ބައްދަލުކުރިން. އެ ބައްދަލުވުމުގައި އަހަންނަށް ވެސް ހުރީ ރޮވިފައި،"

އެސްޓަން ވިލާއާ އެކު ޕްރީ ސީޒަނަށް ނުކުތުމަށް ފަހު ގްރީލިޝް އެ ކްލަބަށް އެންގީ ޕްރިމިއާ ލީގު ފެށުމުުގެ ކުރިން އޭނާގެ ޓްރާންސްފާގެ ކަންތައްތަކުގައި ގޮތެއް ނުނިމިއްޖެނަމަ ޓީމުގައި މަޑުކުރާނެ ކަމަށެވެ. އެކަމަކު، ސިޓީން ވަނީ ބޮޑު ޓްރާންސްފާ ފީއެއް ދައްކައި ވަރަށް އަވަހަށް ގްރީލިޝްގެ ޓްރާންސްފާ ކަންތައްތައް ނިންމާލައިފަ އެވެ.

ގްރީލިޝް ބުނީ ސިޓީ އަށް އޭނާ ބަދަލުވީ ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ކަމަށް ވިޔަސް އޭގެއިން މާ ބޮޑު ޕްރެޝަރެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ސިޓީ ވަނީ ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ގްރީލިޝް ވަނީ ދެ ވަަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ.