Advertisement

ނަޝީދު ވަޑައިގަތުމަށް އެދެނީ ހުށަހެޅި ކަންކަމާ މެދު އަމަލުކުރާނެ ގޮތެއް އެނގުމުން: ހަސަން

5 އޮގަސްޓު 2021 - 17:37 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މީގެ ދެ އަހަރު ކުރިން ބޭއްވި އެމްޑީޕީ ކައުންސިލަރުންގެ މަހާސިންތާގައި ހަސަން ލަތީފާއި ރައީސް ސޯލިހު އަދި ރައީސް ނަޝީދު. -ފައިލް ފޮޓޯ: ރައީސް އޮފީސް


ނަޝީދު ވަޑައިގަތުމަށް އެދެނީ ހުށަހެޅި ކަންކަމާ މެދު އަމަލުކުރާނެ ގޮތެއް އެނގުމުން: ހަސަން

5 އޮގަސްޓު 2021 - 17:37 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރެކޮމެންޑޭޝަންސްތަކަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ ރުހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތުމަށް ފަހު މިވަގުތު ޔޫކޭގައި ހުންނެވި ނަޝީދު މިދިޔަ އަންގާރަ ދުވަހު "އަދަދު"އަށް ވިދާޅުވީ ހަމަލާގައި ލިބުނު ޒަހަމްތައް ފަސޭހަވަމުން އަންނަ ކަމަށާއި އުއްމީދަކީ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖޭގައި ހުންނެވުން ކަަމަށެވެ.

ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގަތުން އެހާ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަަމަށް ދެންނެވީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުން ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ކުރިން ބަޔަކު ފާރަލައި ނުރައްކާ ބޮޑުވެފައި އޮތް ކަން އެނގޭއިރު ވެސް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި އޮތް ކަންބޮޑުވުމަށް ކަމަށް ބެލެވެ އެވެ.

އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ޖުމްލަ 45 ކަމެއް މުއައްސަސާތަކަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މުއައްސަސާތަކުން ފާހަގަވި ކަންބޮޑުވުންތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތައް ދިނެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ހަމަލާގެ ރިޕޯޓުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި މައްސަލަތައް ހައްލުކުރާނެ ކަމަށެވެ. އޭގެ ފަހުން މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

ހަސަން ލަތީފްގެ ވާހަކަތަކަށް ބާރު ދެެއްވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އެދިވަޑައިގަންނަވާ ގޮތަކީ އަބަދުވެސް ވިސްނަވާނެ ގޮތެއް ކަމަށެވެ. އެމްޑީޕީން ދެކޭ ގޮތާ ގުޅޭ ގޮތުން ސަރުކާރުން ވެސް ވިސްނަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މީގެ ކުރިން ވަނީ ރިޕޯޓުގައި ހުރި ކަންކަން ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ގޮވާލައްވައިފަ އެވެ. އެކަމަށް ފަސްޖެހިވަޑައިގެންފި ނަމަ، ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި, ގައުމީ ސަލާމަތާބެހޭ ގާނޫނެއް ވުޖޫދުކުރުމާއި ހަނގުރާމަވެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ހަމަލާއެއް ދިނުމާގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލުމާއި އެމްއެންޑީއެފްގެ ތެރޭގައި ހެދިފައި ހުރި އެސްއޯޕީތައް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.

ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.

އެގޮތުން، ރާއްޖޭގައި ތިބި އެފަދަ ފިކުރުގެ މީހުން ކަމާގުޅޭ އިދާރާތަކަށް ފާހަގަވެ، އެ މީހުންނަށް ހުކުމްކޮށް ބަންދުގައި ތިބޭއިރު، އެފަދަ މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.