Advertisement

އަރަމުން އަންނަ ޖީލަށް ފުރުސަތު ފަހިކޮށްދޭން ތަމޫގެ އެދުމެއް

5 އޮގަސްޓު 2021 - 13:34 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ތަމޫ އޮލިމްޕިކް ކޮމިޓީގެ މަސައްކަތެއްގެ ތެރެެއިން.


އަރަމުން އަންނަ ޖީލަށް ފުރުސަތު ފަހިކޮށްދޭން ތަމޫގެ އެދުމެއް

5 އޮގަސްޓު 2021 - 13:34 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިހާރު ފުރަމުން އަންނަ ތަމޫހު އަހުމަދު ސައީދު (ތަމޫ) އަކީ ނިއު ޒީލެންޑްގެ އޮޓާގޯ ޕޮލިޓެކްނިކް އިން ފަހިވި ފުރުސަތެއްގައި ސްޕޯޓްސް މެނޭޖްމަންޓް އެންޑް ކޯޗިން އިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އޮޓާގޯ ޕޮލިޓެކްނިކަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ތަމޫ ވަނީ މުހިއްމު ކަންތައްތަކަކަށް އަލި އަޅުވާލައިފަ އެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިސް ޒިންމާއާ ހަވާލުވުމުގެ ކުރިން ތަމޫ ވަނީ ކެރިއަރުގައި އެކި ހަރުފަތް ގިރާކޮށްފަ އެވެ. ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރި އެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަގާމުގައި ހުއްޓައި އޮޓާގޯ ޕޮލިޓެކްނިކްގެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަން ނިންމި އެވެ.

"އޮޓާގޯ ޕޮލިޓެކްނިކުން ގްރެޖުއޭޓް ވުމަށް ފަހު އެނބުރި ރާއްޖެ އަށް ގޮސް ޔޫތު މިނިސްޓްރީ އަށް އަލުން ދިޔައީ ދެން އޮލިމްޕިކް ކޮމިޓީ އަށް ބަދަލުވީ. އޭގެ ސަބަބުން އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ ޓްރެއިނިން އާއި ކޯޗިންގެ ކަންކަން ކުރަން. އެއީ އޮލިމްޕިކް ސޮލިޑާރިޓީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން މެދުވެރިކޮށް،" ތަމޫ ވިދާޅުވި އެވެ.

ތަމޫ އަކީ ފާއިތުވި އަހަރުތަކުގައި ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތަކަށް ބަލާއިރު، އޮލިމްޕިކް ކޮމިޓީގެ ފަރާތުން ގިނަ ކަންކަމުގައި އެކްޓިވްކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ ގޭމްސްތަކުގައި ރާއްޖޭން ބައިވެރިވާ ޑެލިގޭޝަންތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ އެވެ.

ތަމޫ ވަނީ މި ފަަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާ އެކު ޖަޕާނަށް ގޮސްފައި.


ޔުނިވާސިޓީ އޮފް ގްރީންވިޗް އިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވާ ތަމޫ، އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ ޗެލެންޖިން ވަޒީފާއާ ހަވާލުވެ ހުރިއިރު، އޭނާ އަށް އޮތް ޒިންމާތައް ވަރަށް ވެސް ބޮޑެވެ. ރާއްޖޭގެ ހުރިހާ ކުޅިވަރެއްގެ ވެސް އެތުލީޓުން ޝާމިލުވާ ގޮތަށް ޓްރެއިނިން ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުތަކުގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން ޑިވެލޮޕްމަންޓަށް ބޭނުންވާ ފަންޑް ހޯދުމުގެ އިތުރުން ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ ކަންކަން ވެސް އޮތީ ތަމޫ އަށެވެ.

"ކުޅިވަރަށް މި އޮތް ލޯތްބާ އެއްވަރަށް އަހަންނަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާގެ ކަންކަން އަރަމުން އަންނަ ޖީލާ ހަމައަށް ވާސިލްކޮށްދޭން ބޭނުން. މިހާރު ކިޔަވަމުން އަންނަ ކުދިންނަށް ވެސް އަހަރެން ދޭން އޮތް ނަސޭހަތަކީ ކުޅިވަރު ވިޔަސް ނޫނީ އެހެން މަސައްކަތްތައް ވިޔަސް މުޖުތަމައުއާ ގުޅިގެން ކުރުން،" އޮލިމްޕިކް ކޮމިޓީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މަގާމެއް ވެސް ފުރުއްވަމުން އަންނަ ތަމޫ ވިދާޅުވި އެވެ.

ތަމޫ ވަނީ އޮޓާގޯ ޕޮލިޓެކްނިކްގައި އޭނާ ހޭދަކުރި ދުވަސްވަރުގައި ނިއު ޒީލެންޑްގެ ޑަނީޑެން ސަރަހައްދުގެ ޕްރައިމަރީ ސްކޫލްގެ ޓީމުތަކަށް ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ކޯޗުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ޔުނިވާސިޓީ ގޭމްސްގައި އޮޓާގޯ ރަގްބީ ފުޓްބޯލް ޔޫނިއަން ޓީމުގައި ވެސް މަސައްކަތްކުރި އެވެ. ތަމޫ ވިދާޅުވީ މި ތަޖުރިބާތަކަކީ ހަގީގަތުގައި ޕްރޮފެޝަނަލް ކުޅިވަރުގެ ދާއިރާ އަށް ނުކުންނައިރު ވަރަށް ބޮޑަށް ބޭނުން ހިފުނު ކަމެއް ކަމަށެވެ.