Advertisement

ސިޓީ އަށް ގްރީލިޝް ވިއްކާލަން އެސްޓަން ވިލާ އިން އެއްބަސްވެއްޖެ

5 އޮގަސްޓު 2021 - 09:50 0

އެސްޓަން ވިލާގެ މެޗެއްގެ ތެރެއިން ގްރީލިޝް: އޭނާ ސިޓީ އަށް ވިއްކާލަން ވަނީ އެއްބަސްވެފައި.


ސިޓީ އަށް ގްރީލިޝް ވިއްކާލަން އެސްޓަން ވިލާ އިން އެއްބަސްވެއްޖެ

5 އޮގަސްޓު 2021 - 09:50 0

ބާމިންހަމް (އޮގަސްޓް 5) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ހުށަހަޅާފައިވާ ރެކޯޑް ބިޑް ބަލައިގަނެ، އެ ޓީމަށް ޖެކް ގްރީލިޝް ވިއްކާލަން އެސްޓަން ވިލާ އިން ނިންމައިފި އެވެ.

ގްރީލިޝް، 25، ގަންނަން ސިޓީން ހުށަހެޅީ 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު) އެވެ. އެ ޑީލަށް އެސްޓަން ވިލާ އިން އެއްބަސްވެ، ގްރީލިޝް ސިޓީއާ އެކު މެޑިކަލް ޓެސްޓްތަކުގައި ބައިވެރިވާން ހުއްދަދީފައިވާ ކަމަށް ރޭ ސްކައި ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަސްވެގެން ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ގްރީލިޝް ސިޓީއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިިކުރާނެ އެވެ.

ސިޓީން ރެކޯޑް ބިޑް ހުށަހެޅި ފަހުން ގްރީލިޝް ވަނީ އެސްޓަން ވިލާގެ ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުމެފަ އެވެ. ޕްރެކްޓިހަށް ނުކުތުމަށް ފަހު ގްރީލިޝް ވަނީ ސިޓީގެ ހުށަހެޅުމާ މެދު ގޮތެއް ނިންމަން އެސްޓަން ވިލާ އަށް ހަފްތާއެއްގެ މުހުލަތެއް ދީފަ އެވެ. ދެ ކްލަބަށް ގޮތަކަށް އެއްބަސްނުވެވިއްޖެނަމަ ގްރީލިޝް ވިސްނައިގެން ހުރީ އިތުރު ސީޒަނަކަށް އެސްޓަން ވިލާގައި މަޑުކުރާގޮތަށެވެ. އެކަމަކު، މިހާރު ގްރީލިޝް ސިޓީ ކުޅުންތެރިއެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގްރީލިޝް ސިޓީ އަށް ސޮއިކޮށްފިނަމަ އެ ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ. ޕްރިމިއާ ލީގުގެ ކްލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރު އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިިލިއަން ޕައުންޑް (123 މިލިއަން ޑޮލަރު) ދީފައި ޔުވެންޓަސް އިން ޕައުލް ޕޮގްބާ ގަތް ޑީލެވެ.

އެސްޓަން ވިލާ އިން ޑިމާންޑްކުރި އެއް ކަމަކީ ގްރީލިޝް އަށް ސިޓީން ކުރާ ބިޑްގެ ފައިސާ އެއް ފަހަރުން ދެއްކުމަށެވެ. އެއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން އިންވެސްޓްކުރުމުގެ ގޮތުންނެވެ.

ގްރީލިޝްގެ ޑީލް އެއްބަސްވުމަށް ފަހު އެސްޓަން ވިލާ އިން ވަނީ ބަޔާ ލެވަކޫސަންގެ ލެއޯން ބެއިލީ އާއި ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް ގަންނަން ރަސްމީކޮށް ނިންމައިފަ އެވެ. ދެން އެސްޓަން ވިލާ އިން ބިޑްކުރާނީ ނޯވިޗް ސިޓީގެ ޓޮޑް ކާންޓްވެލް ހޯދާށެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެސްޓަން ވިލާ އިން ވަނީ ނޯވިޗްގެ އާޖެންޓީނާ މިޑްފީލްޑަރު އެމީ ބުއެންޑީއާ ގަނެފަ އެވެ.