Advertisement

ދިވެހި ގޯލްކީޕަރުން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް

5 އޮގަސްޓު 2021 - 08:55 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ބޯޅައެއް ހިފަނީ.-- ފޮޓޯ: އެފްއޭއެމް


ދިވެހި ގޯލްކީޕަރުން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް

5 އޮގަސްޓު 2021 - 08:55 0

ފެންވަރު ރަނގަޅު ދިވެހި ގޯލްކީޕަރުން މަދުވަމުން އަންނަ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެފްއޭއެމުން ފެށި ގޯލްކީޕާސް އެކެޑަމީ އިތުރު ޕްރޮގްރާމާ އެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް އެފްއޭއެމުން ރަސްމީކޮށް ފަށައިފި އެވެ.

އެފްއޭއެމުން ގޯލްކީޕަރުންގެ އެކެޑަމީގެ ކަންކަން އިއުލާނުކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ އެކަޑަމީގެ އިސް ފަރާތަކަށް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ހަަަމަޖައްސައި، އެ އެކެޑަމީގެ ޕްރޮގްރާމްތައް ރޭވީ އޭނާގެ ބެލުމުގެ ދަށުންނެވެ.

އުމުރުފުރާގެ ކެޓަގަރީތަކަކަށް ބަހާލައިގެން އަސްލަމް ވަނީ މީގެ ކުރިން ވެސް ގޯލްކީޕަރުންގެ އެކެޑަމީގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެެވެ. އެ އެކެޑަމީގައި ތަމްރީން ހަދަމުން އަންނަ ކީޕަރުން ވަނީ އެފްއޭއެމް މުބާރާތްތަކުގައި ވާދަ ވެސް ކޮށްފަ އެވެ. އަދި އުމުރުފުރާ ގައުމީ ޓީމުތަކުގައި ވެސް ކުޅެފަ އެވެ.

ފުޅާދާއިރާއެއްގައި ގޯލްކީޕަރު އެކެޑަމީގެ ކަންކަން މިހާރު ކުރިއަށް ގެންދަމުން އަންނައިރު، އަސްލަމްއާ އެކު އެ އެެކެޑަމީގައި ފެންވަރު ރަނގަޅު ގޯލްކީޕަރު ޓްރެއިނަރުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި 17 އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދާއި ތަޖުރިބާކާރު ޓްރެއިނަރު އިބްރާހިމް ސަލީމް (މެޓާ) އަދި ގައުމީ ޓީމުގެ އިތުރުން ގިނަ ކްލަބްތަކެއްގައި މަސައްކަތް ކޮށްފައިވާ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) ހިމެނެ އެވެ.

އެފްއޭއެމުން މި ފަހަރު ހުޅުވާލި ފުރުސަތުގައި ގޯލްކީޕަރުންގެ އެކެޑަމީގެ ކަންކަން ކުރިއަށްގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް އޭ، ބީ އަދި ސީ އަށެވެ. އެ ގޮތުން ގްރޫޕް އޭ އަކީ ފުޓްބޯލް ސްކޫލް (ދަސްކުރާ ކުދިން) އަށް ހާއްސަ ގްރޫޕެކެވެ. މި ގްރޫޕްގެ ޓްރެއިނިން ކުރިއަށްދާނީ ހަފްތާ އަކު ދެ ދުވަހުގަ އެވެ.

ގްރޫޕް ބީ އަކީ ޓްރެއިނިން ޓު ޓްރެއިން ކެޓަގަރީ އެވެ. މިއީ ތަމްރީން ހަދައިގެން ކުރިއެރުން ހޯދަން މަސައްކަތްކޮށް ގިނަ ކަންކަން ދަސްކުރާ ގްރޫޕެވެ. މި ގްރޫޕްގެ ޓްރެއިނިންތައް ކުރިއަށްދާނީ 14 އާއި 15 އަހަރުން ދަށަން ހާއްސަކޮށް ހަފްތާ އަކު ހަތަރު ދުވަހު އެވެ. މިއީ ޕްރޮފެޝަނަލް ލެވަލްގައި ކުޅެން ގޯލްކީޕަރުން އަހުލުވެރިކުރާ ލެވަލެވެ.

އެންމެ ފަހު ގްރޫޕް ކަމަށްވާ ގްރޫޕް ސީގައި ހިމެނެނީ ޓްރެއިން ޓު ވިން ކެޓަގަރީ އެވެ. މި ބައިގައި 15 އަހަރުން މަތީގެ ޖޫނިއާ ކީޕަރުންނަށް ބައިވެރިވެވޭއިރު، މީގެ ތަމްރީންތައް ހަފްތާ އަކު ހަ ދުވަހު ކުރިއަށްދާނެ އެވެ. މިއީ ފެންވަރު ރަނގަޅު ތަމްރީންތަކެއް ދީ ލިބިފައި ހުރި ހުނަރު ތަރައްގީކޮށް މަތީ ލެވަލަށް ދާން ތަމްރީން ކުރާ ގްރޫޕެވެ.

އެފްއޭއެމުން ބުނީ ގޯލްކީޕަރުންގެ އެކެޑަމީގެ ތަމްރީންތައް ކުރިއަށްދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ރެޔަކު 19:00 އިން 20:30 ގެ ނިޔަލަށް ޓާފް ދަނޑުގައި ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި ދިވެހި ގޯލްކީޕަރުން މަދުވަމުން އަންނާތީ މީގެ ދެ ސީޒަން ކުރިން އެފްއޭއެމުން ވަނީ ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގަވާއިދެއް އިއުލާނުކޮށްފަ އެވެ. ފެންވަރު ރަނގަޅު ދިވެހި ގޯލްކީޕަރުން ތަމްރީން ކުރުމަށް ފަހު އެފްއޭއެމުން ގެންގުޅޭ ތަސައްވުރަކީ ބިދޭސީ ގޯލްކީޕަރުން ރާއްޖެ ނުގެނެވޭ ގޮތަށް ހަދާފައިވާ ގަވާއިދަށް އަމަލުކުރަން ފެށުމެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކީޕަރު ޓްރެއިނަރު އަސްލަމް ބުނީ ރާއްޖޭގައި ވަރަށް ބައިވަރު ރަނގަޅު ޒުވާން ގޯލްކީޕަރުން އެބަތިބި ކަމަށެވެ. އެކަމަކު، ފުރުސަތު ނުލިބޭތީވެ، އެ ގޯލްކީޕަރުންނަށް ފެންވަރު ސާބިތު ނުކޮށްދެވެނީ ކަމަށާއި މިހާރު ރަނގަޅު ފުރުސަތު ލިބޭ ކީޕަރުން އެކަން ކުރަމުން އަންނަކަން އަސްލަމް ވަނީ ފާހަގަކޮށްފަ އެވެ.