Advertisement

ޝެވްޗެންކޯ، ޔޫކްރެއިން ކޯޗުކަން ދޫކޮށްލައިފި

2 އޮގަސްޓު 2021 - 09:26 0


ޝެވްޗެންކޯ، ޔޫކްރެއިން ކޯޗުކަން ދޫކޮށްލައިފި

2 އޮގަސްޓު 2021 - 09:26 0

ކިއޭވް، ޔޫކްރެއިން (އޮގަސްޓް 2) - ޔޫކްރެއިންގެ ކޯޗުކަމުން އެ ޓީމުގެ މަޝްހޫރު ތަރި އަންދްރޭ ޝެވްޗެންކޯ އަމިއްލަ އަށް ވަކިވެއްޖެ އެވެ.

ޝެވްޗެންކޯ, ގައުމީ ޓީމާ ވަކިވިކަން އިއުލާނުކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ފަސް އަހަރަށް ފަހު ޝެވްޗެންކޯ ގައުމީ ޓީމުގެ ވަޒީފާ ދޫކޮށްލި ސަބަބާ ބެހޭގޮތުން ޔޫކްރެއިންގެ ފުޓްބޯޅަ އިދާރާއިން ރަސްމީކޮށް އަދި ބަހެއް ނުބުނެ އެވެ.

"އެކުގައި އަހަރެމެން ކުރި ބުރަ މަސައްކަތުން (ޔޫކްރެއިން) ފުޓްބޯޅަ އަކީ ވާދަވެރި، ޕްރޮޑަކްޓިވް އަދި ގަޔާވާ ކަމަކަށް ހެދިއްޖެ. އަހަރެން މި ޓީމާ އެކު ހޭދަ ކުރެވުނު މި ފަސް އަހަރު މަތިން އަބަދު ވެސް ހަނދާން ކުރާނަން. ސަޕޯޓަރުން ދިން ސަޕޯޓާއި ފާޑުކިޔާ މީހުންގެ ވާހަކަތައް ވެސް ބަލައިގަންނަން،" ޝެވްޗެންކޯ، 44، ބުންޏެވެ.

ޔޫކްރެއިން ގައުމީ ޓީމަށް 111 މެޗުން 48 ގޯލު ޖެހި ޝެވްޗެންކޯ ގައުމީ ޓީމަށް ކުޅުމުން ރިޓަޔާކުރީ 2012 ވަނަ އަހަރު އެވެ.

ޝެވްޗެންކޯ އެންމެ ފުރަތަމަ ޔޫކްރެއިން ޓީމުގައި އަދާކުރީ އެސިސްޓަންޓް ކޯޗެއްގެ މަގާމެވެ. އެ މަގާމާ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުވެ، އެ ފަހަރު ފްރާންސްގައި ބޭއްވި ޔޫރޯގެ ނިޔަލަށް އެ ޒިންމާ އަދާކުރި އެވެ. އެ ފަހަރުގެ ޔޫރޯ އަށް ފަހު ޝެވްޗެންކޯ ވަނީ ޔޫކްރެއިންގެ ހެޑްކޯޗުގެ މަގާމާ ހަވާލުވެފަ އެވެ.

ޔޫކްރެއިން ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައި ޝެވްޗެންކޯގެ އަލަތު ތަޖުރިބާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އެވެ. ކޮލިފައިން ގްރޫޕްގެ ތިން ވަނަ އަށް ދިއުމުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ނަސީބެއް ނުލިބުނެވެ. ޔޫކްރެއިން އޮތް ގްރޫޕުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އައިސްލެންޑާއި ކްރޮއޭޝިއާ އެވެ. އެ ދެ ޓީމަށް ވުރެ ޔޫކްރެއިންގެ މަދުވީ ހަތަރު ޕޮއިންޓެވެ.

މި ފަހަރުގެ ޔޫރޯ ކުއާޓާ ފައިނަލުން ޔޫކްރެއިން ފުރުސަތު ހޯދިއިރު، މިއީ ޔޫރޯއެއްގައި އެ ޓީމުގެ އެންމެ ރަނގަޅު ނަތީޖާ އެވެ. ކުއާޓާ ފައިނަލުން ޔޫކްރެއިން ކެޓީ އިންގްލެންޑް އަތުންނެވެ.