2 އޮގަސްޓު 2021 - 09:04 0
ލިލް އިން ފްރާންސް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
2 އޮގަސްޓު 2021 - 09:04 0
ޓެލް އަވީވް، އިޒްރޭލް (އޮގަސްޓް 2) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ މެޗުން ޕީއެސްޖީ 1-0 އިން ބަލިކޮށް، ލިލް އިން ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ފްރާންސްގެ ޗެމްޕިއަންކަން ލިލް އިން ހޯދިއިރު، މިއީ 10 އަހަރު ތެރޭ އެ ޓީމުން ފްރާންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ރޭގެ މެޗުން ބަލިވުމުން ޕީއެސްޖީ އަށް މިދިޔަ ސީޒަނުގައި ލީގު ގެއްލުމުގެ މާޔޫސްކަމުން އަރައިގަންނަން އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ އެވެ.
އިޒްރޭލުގައި ކުޅުނު ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިލް އަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕޯޗުގީސް މިޑްފީލްޑަރު ޒެކާ އެވެ. ބުރަކް ޔިލްމާޒް ދިން ބޯޅައަކުން އޭރިއާބޭރުން ޒެކާ ޖެހި ބޯޅަ ޕީއެސްޖީގެ ގޯލުގައި ހުރި ކޮސްޓަ ރީކާ ގޯލު ކީޕަރު ކޭލޯ ނަވާސް އަށް މަތަކުރެވޭ ގޮތެއްނުވި އެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ކުޅުނީ އެ ޓީމުގެ ދެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ ނުލަ އެވެ. އެކަމަކު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ އާއި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް މި މެޗުގައި ކުޅުނެވެ. އެކަމަކު ސާޖިއޯ ރާމޯސް އާއި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވެސް ނުކުޅެ އެވެ.
ލިލްގެ ޔިލްމާޒް (ކ) ކައިރިން ޕީއެސްޖީގެ ހަކީމީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ކުރިން ކުރި ޓެސްޓްތަކުން ކޮވިޑަށް ޕޮޒިޓިވްވުމުން މެޗުގައި ޕީއެސްޖީގެ އިދްރީސާ ގޭއި ނުކުޅެ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ބަލިވީ މޮޅަށް ކުޅެފައި ކަމަށެވެ.
"ކުޅުމަށް ބަލާއިރު އަހަރެމެންނަށް މި މެޗުން މޮޅެއް ހައްގީ. އެކަމަކު ލަނޑެއް ނުޖަހައި މެޗަކުން މޮޅެއް ނުވެވޭނެ. އަހަރެމެންނަށް ގޯލެއް ޖެހުމުގެ ނަސީބެއް ވެސް ނެތީ،" ޕޮޗެޓީނޯ ބުންޏެވެ.
ލިލް އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ކްރިސްޓޮފް ގަލްޓިއޭ ވަނީ ލީގު ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވެފަ އެވެ. ރޭގެ މެޗަކީ ލިލްގެ އާ ކޯޗު ޔޮސޭލިން ގޫރްވެނެކް އެ ޓީމަށް އިރުޝާދުދިން ފުރަތަމަ ރަސްމީ މެޗެވެ.
ގޫރްވެނެކް ބުނީ 27،500 މީހުންގެ ކުރިމަތީގައި ލިލް އިން މި ހޯދި މޮޅަކީ ބުރަ މަސައްކަތުން ހާސިލްކުރި ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ މި މޮޅާ އެކު ސީޒަނުގައި ރަނގަޅު ކުރަން ހުރި ކަންތައްތަކަށް ފޯކަސް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.
Comment