Advertisement

އެސްޓީއޯ ހޮޓާ މި އަހަރު ވިއްކާލެވޭނެ ކަމަށް ލަފާކުރެވޭ: އަމްރު

28 ޖުލައި 2021 - 15:18 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީ ކުރަން ފަށާފައިވާ ހޮޓަލުގެ މަތިން ނަގާފައިވާ ފޮޓޯއެއް. -ފޮޓޯ: އެސްޓީއޯ


އެސްޓީއޯ ހޮޓާ މި އަހަރު ވިއްކާލެވޭނެ ކަމަށް ލަފާކުރެވޭ: އަމްރު

28 ޖުލައި 2021 - 15:18 2

ސަރުކާރުގެ މައި ކުންފުނި, ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ ހޮޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް މި އަހަރު ނިމުމުގެ ކުރިން ވިއްކާލެވޭނެކަމަށް ލަފާ ކުރެއްވޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރުމުގެ އަމާޒުގައި، ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި، ހުޅުމާލޭގައި ހޮޓަލެއް ތަރައްގީ ކުރަން ނިންމާފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެއާއެކު "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓާ ތަރައްގީ ކުރަން ފެށީ 2011 ވަނަ އަހަރު އެވެ.

ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެ ހޮޓަލުގެ ސަބަބުން އެސްޓީއޯއަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

"އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ މީގެ ކުރިން އެ ހޮޓަލަށް އެސްޓީއޯއިން ބޮޑެތި ހަރަދުތައް ކޮށްފައިވާއިރު، އެތަނުގެ ނިމިފައިވަނީ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މަސައްކަތް ކަމަށެވެ.

އެތަން އެޗްޑީސީން ކުއްޔަށް ނަގާފައިވަނީ ވަރަށް ބޮޑު ކުއްޔެއް ދައްކަންޖެހޭ ގޮތަށް 25 އަހަރަށް ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.

އެގޮތުން، އެ ބިން ކުއްޔަށް ނަގާފައިވަނީ އަމްރު ވިދާޅުވި ގޮތުގައި އާންމުކޮށް ރިސޯޓުތަކަށް ދައްކަންޖެހޭ ކުއްޔަށް ވުރެ ބޮޑު ކުއްޔެއް ދައްކަންޖެހޭ ގޮތަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ އެމްޑީ އަމްރު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


"ވަރަށް ބޮޑު ހަރަދުތަކެއް ކޮށްފަ ހުރީ. ކޮންސްޓްރަކްޝަންގެ އިތުރުން ދަތުރުތަކާއި ކޮންސަލްޓަންސީ ފަދަ ސޮފްޓް ކޮސްޓުތަކެއް ވެސް އެބަހުރި ހިނގާފައި. ހިނގަން ނުޖެހޭ އެތައް ހަރަދެއް އެތަނަށް ކޮށްފަ ހުރީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެތަނުގެ އިންޓީރިއާ އާއި އައިޓީފަދަ ހިދުމަތްތައް ކޮންޓްރެކްޓުކޮށް ފައިސާ ވެސް ދައްކާފައިހުރިއިރު، 2007 ވަނަ އަހަރު އެ ހޮޓަލަށް ކުރި ޑިޒައިންތައް މިހާރު އައުޓްޑޭޓު ވެސް ވެފައިވާކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯގެ މާލީ ހިސާބުތަކުން އެފަދަ ހަރަދުތައް ހުއްޓާލުމަށްޓަކައި، އެ ހޮޓާ ވިއްކާލުމުގެ މަސައްކަތް ފަށައި 2019 ވަނަ އަހަރު އެތަން ގަންނާނެ ބޭރުގެ ފަރާތެއް ހަމަޖެހުނު ކަމަށެވެ.

އެ ފަރާތާ އެކު އެއްބަސްވުމެއް ސޮއި ކުރެވި، އެތަނުގެ އިންޓިރިއާގެ މަސައްކަތް ކުރި ފަރާތްތަކާ ތައިލެންޑުގައި ބައްދަލުކޮށް، އެތަން ވިއްކާލުމާ ވަރަށް ގާތަށް ދެވުނު ކަމަށް އަމްރު ވިދާޅުވި އެވެ.

"އެންމެ ފަހު ކަމެއްގެ ގޮތުގައި އޮތީ އެ ބިން ލިބިފައި އޮތް މުއްދަތުގެ މައްސަލަ. އޭރު އެއްބަސްވުމުގައި ބާކީ އޮތީ 10 ވަރަކަށް އަހަރު. ދެން އެހާ ބޮޑު އިންވެސްޓްމަންޓެއް ނުކުރާނެތާ އެހާ ކުރު މުއްދަތަކަށް. ދެން އަޅުގަނޑުމެން އެޗްޑީސީއާ ވާހަކަ ދައްކަން ފެށީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެސްޓީއޯއަށް މުއްދަތު އިތުރުކޮށްދީ ކުލި ކުޑަކޮށްދޭން ވެސް އެޗްޑީސީން އެއްބަހެއް ނުވި އެވެ. އެއާއެކު އެ މަޝްވަރާތައް ކުރެވެމުންދަނިކޮށް، ކޮވިޑުގެ ބަލިމަޑުކަމާއެކު ޓޫރިޒަމް ދާއިރާއަށް ދެން ވަންނަން ބޭނުންނުވާކަމަށް ބުނެ ހޮޓާ ގަތުމުގެ ޝައުގު އެ ފަރާތުން އަނބުރާ ގެންދިޔަކަމަށް އަމްރު ހާމަކުރެއްވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި މިހާރު އެސްޓީއޯއިން ނިންމާފައިވަނީ އެ ހޮޓާ އެޗްޑީސީ މެދުވެރިކޮށް ވިއްކާލުމަށެވެ.

އެކަމަށްޓަކައި ދެ ފަރާތުގެ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެޗްޑީސީއަށް އެތަން ވިއްކާލެވޭނެކަމަށް ލަފާކުރެއްވޭ ކަމަށް އަމްރު ވިދާޅުވި އެވެ.