Advertisement

ޔޫޝައު މަރުވީ އެކަކު އެއްގަމަށް އަރުވައި ދެ ވަނަ މީހާ ސަލާމަތްކުރަން އުޅެނިކޮށް

28 ޖުލައި 2021 - 13:56 3

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ޔޫޝައު އާއި އޭނާގެ އެކުވެރިން މޫދަށް އެރިއުޅުނު ސަރަހައްދު. -- ފޮޓޯ/ ކައުންސިލް


ޔޫޝައު މަރުވީ އެކަކު އެއްގަމަށް އަރުވައި ދެ ވަނަ މީހާ ސަލާމަތްކުރަން އުޅެނިކޮށް

28 ޖުލައި 2021 - 13:56 3

ބ. ފުޅަދޫ ތުނޑީކޮޅު ބީޗަށް އެރިއުޅުނު އެކުވެރިން އޮޔާގޮސް, ގެނބެމުންދާތީ ފުރާނަ ސަލާމަތްކުރަން މުހައްމަދު ޔޫޝައު ވަރަށް ހިތްވަރު ކުރި އެވެ. ފަތާފައި ގޮސް އެކަކު ސަލާމަތްކޮށްގެން އެއްގަމަށް ވެސް އެރުވި އެވެ. އަނެކަކު ސަލާމަތްކުރަން ގޮސް އޭނާއާ އަރާހަމާވަން އުޅެނިކޮށް ދެން ފެނުނީ ޔޫޝައު 36, މަޑުމަޑުން އަޑިއަށްދާ ތަނެވެ.

ކައިރީގައި ތިބި މީހުން އޭނާ މޫދުން ނެގި އިރު އޮތީ ހަރަކާތް ހުއްޓިފަ އެވެ. ފަސްޓް އެއިޑް ވެސް ދިނެވެ. އެކަމަކު ސިއްހީ މަރުކަޒާ ހިސާބަށް ގެންދެވުނު އިރު އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

މީގެ ދެ ދުވަސްކުރިން ފުޅަދު އަށް ޗުއްޓީ ހޭދަކޮށްލަން ދިޔަ ޔޫޝައު އަށް އިއްޔެ ދިމާވީ ހިތާމަވެރި ގޮތެކެވެ. ދަތުރުކުރުކޮށްލާފައި އެކުވެރިން އަންނަން ޖެހުނީ ޔޫޝައުގެ ފުރާނަ ނެތް މަސްގަނޑާ އެކުގަ އެވެ.

ކައުންސިލްގެ ރައީސް އަލީ އަޒުހަރު ސިފަކުރެއްވި ގޮތުގައި ޔޫޝައު އަކީ އޭނާގެ ހަޔާތުގައި ވެސް މިހާތަނަށް ފެނުނު ހިތްވަރު ގަދަ މީހެކެވެ. އެކަކު ސަލާމަތްކޮށް އެ ވަރުބަލި ކަމުގައި އަނެކަކު ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރި ކަމަށް އަޒުހަރު ވިދާޅުވި އެވެ.

"އެކަކު އެއްގަމަށް ގެނައީ ގާތްގަނޑަކަށް 100 ފޫޓެއްހާ ދުރުން. އޭރު ވަރަށް ވަރުބަލި ވެފައި ހުރީ. އެކަމަކު ވެސް އަނެކަކު ސަލާމަތްކުރެވޭތޯ ބެލި," އަޒުހަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މޫދަށް އެރި އުޅުނު އަންހެން ކުދިންތަކެއް އޮޔާދާ ކަން އޭނާ އަށް ގުޅާފައި އެންގީ ބ. ގޮއިދޫން ކަމަށެވެ. އެ ރަށުގެ ބަޔަކު ފުޅަދޫގެ ސަރަހައްދަކަށް ދަތުރު ދިއުމުގެ ހުއްދައަށް އެދިގެން ކުރި ކޯލެއްގެ ތެރޭގަ އެވެ.

"އެ ހިސާބުން އަހަރެން ވެސް އެ ސަރަހައްދަށް ގޮސް ބެލީ. އޭރު ކުދިންތަކެއް އޮޔާދާތަން ފެނޭ," އަޒުހަރު ވިދާޅުވި އެވެ.

އެ ސަރަހައްދުގައި އޮތް ޕެލެޓެއް ހިފައިގެން ގޮސް އޭނާ ވެސް ދެ މީހަކު ސަލާމަތްކުރި އެވެ. އޭރު ޔޫޝައު ދެ ވަނަ ފަހަރަށް އެ ކުދިންނާ ހަމައަށް ދިޔަ މަންޒަރު ފެނުނު ކަމަށް އަޒްހަރު ވިދާޅުވި އެވެ.

"ކުއްލިއަކަށް އަޑިއަށްދާ ތަން ފެނުނީ. އޭނަ ގާތުގައި ތިބި ކުދިން ނެގީ" އޭނާ ކިޔައިދެއްވި އެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލު ފުޅަދު ބީޗަކީ މާ އޮއިގަދަ ސަރަހައްދެއް ވެސް ނޫނެވެ. އެކަމަކު އެ ހާދިސާ ދިމާވީ އޮޔާ މާ ދުރަށް ދެވުމުން ކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

އަޒުހަރަށް ފާހަގަކުރެއްވުނީ އެކުވެރިން ސަލާމަތް ކުރަން ޔޫޝައު ކުރި މަސައްކަތެވެ.

"ބައެއް މީހުން ބުނޭ ޕެނިކްވީއޭ. ވީގޮތެއް މުޅިން ސާފެއް ނޫން. އެކަމަކު ވަރަށް ހިތްވަރު ކުރި އެކުވެރިންނަށްޓަކައި," އޭނާ ވިދާޅުވި އެވެ.