Advertisement

އެމްޑީޕީ ގައުމީ މަޖިލީހުގެ ނިންމުން ސަރުކާރަށް އެނގޭނެ، ރަސްމީކޮށް ނާންގާނެ: ހަސަން ލަތީފް

27 ޖުލައި 2021 - 20:30 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އެމްޑީޕީ ގައުމީ މަޖިލީހުގެ ނިންމުން ސަރުކާރަށް އެނގޭނެ، ރަސްމީކޮށް ނާންގާނެ: ހަސަން ލަތީފް

27 ޖުލައި 2021 - 20:30 0

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާކަން ސަރުކާރަށް އެނގެންވާނެ ކަމަށާއި، އެފަދަ ނިންމުންތަކަކީ އެއްވެސް އިރެއްގައި ސަރުކާރަށް ރަސްމީކޮށް ފޮނުވާ ނިންމުންތަކެއް ނޫންކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާ އެ ޕާޓީގެ ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިދިޔަ އާދީއްތަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާއަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވީ 39 މެމްބަރުންގެ ވޯޓުންނެވެ. ގަރާރެއް ފާސްކުވުމަށް ބޭނުންވާ ކޯރަމަކީ 37 ވޯޓެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގައުމީ މަޖިލީހުގައި 100 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި، ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ "ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީ އިގްރާރުވުމަށް" އެއްބަސްވާ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި މައުލޫމާތައް ބިނާކޮށް، "ސަރުކާރުން އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީ ދެކޭ ގޮތް" ސަރުކާރަށް އެރުވުމަށެވެ.

އެކަމާ ގުޅޭގޮތުން ހަސަން ލަތީފް "އަދަދު"އަށް ވިދާޅުވީ އެމްޑީޕީ އިސްވެ އޮތް ސަރުކާރަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައް އެނގެންވާނެ ކަމަށެވެ.

އަދި ގައުމީ މަޖިލީހުން ނިންމާ ކަންކަން ސަރުކާރަށް ރަސްމީކޮށް ފޮނުވުމަކީ އެ ޕާޓީން އާންމުކޮށް އަމަލުކުރާ އުސޫލެއް ނޫން ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

"އެފަދަ ގަރާރުތައް އަނެއްކާ ރަސްމީކޮށް ސަރުކާރަށް ފޮނުވުމަކީ އާންމުކޮށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. އެކަމަކު ގައުމީ މަޖިލީހުން އެގޮތަށް އެދިއްޖެނަމަ، އެކަން ޕާޓީގެ އިދާރާގެ ފަރާތުން ހަމަޖައްސައިދޭނެ،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރު ގައުމީ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، އެކަމާމެދު ދެކޭ ގޮތެއް ނުވަތަ އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޓެރަރިސްޓުން ހައްޔަރު ކުރުމަށް ގޮވާލާ ރައީސް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައި މި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި 6، ގައި ބަޔަކު ދިން ބޮމުގެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ފިކުރު ތަފާތު ކަމަށް ވެސް ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްއާއެކު ކޯލިޝަނެއް ހެދުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަށްވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ބައެއް މައުލޫމާތު ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ހާމަ ކުރިއިރު ބުނެފައި ވަނީ ޓެރަރިސްޓުން ނަޝީދަށް ހަމަލާދީފައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކާހުރެ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށެވެ.

އަދި ބޮން ގޮއްވުމުގެ މިޝަން ކުރިއަށް ގެންދަން ކުރި ހަރަދެއް ފިޔަވައި އެކަން ކުރީތީ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށް ވެސް ފުލުހުން އެ ރޭ ބުންޏެވެ.