Advertisement

އާޖެންޓީނާގެ ފެންގަނޑެއް ފިޔާތޮށި ކުލަޔަށް ބަދަލުވެއްޖެ

26 ޖުލައި 2021 - 12:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އާޖެންޓީނާގެ ފެންގަނޑު ފިޔާތޮށި ކުލަޔަށް ބަދަލުވެފައި.-- ފޮޓޯ: އޭއެފްޕީ


އާޖެންޓީނާގެ ފެންގަނޑެއް ފިޔާތޮށި ކުލަޔަށް ބަދަލުވެއްޖެ

26 ޖުލައި 2021 - 12:15 0

ޓްރެލެވް، އާޖެންޓީނާ (ޖުލައި 26) - އާޖެންޓީނާގެ ދެކުނު ޕެޓެގޯނިއާ ސަރަހައްދުގައި އޮންނަ ފެންގަނޑެއް ތަގައްޔަރުވެ، ގަދަ ފިޔާތޮށި ކުލަޔަކަށް ބަދަލުވެއްޖެ އެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި ފެންގަނޑުގެ ކުލަ ބަދަލުވީ ޕްރޯންސް އެކްސްޕޯޓް ކުރަން ގިނަ ދުވަހު ހަލާކުނުވެ ހުންނާނެ ގޮތަށް ހެދުމަށް ބޭނުން ކުރާ ކެމިކަލެއްގެ ސަބަބުންނެވެ.

ފެންގަނޑު އެ ކުލައަށް ބަދަލުވީ މަސް ފެކްޓްރީތަކުގައި ބޭނުންކުރާ އެންޓި ބެކްޓީރިއަލް އުފެއްދުމެއް ކަމަށްވާ ސޯޑިއަމް ސްލަފައިޓުންނެވެ. ކުލަ ބަދަލުވި ކޯފޯ ލެގޫންއާ ގުޅިފައިވާ ޗުބުތް ކޯރަށް މަސް ފެކްޓީތަކުން ކުނި އަޅާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެގޮތުން ކޯރާއި ފެންގަނޑުން ނުބައި ވަސް ދުވާ ކަމަށާއި އެހެނިހެން ތިމާވެށީގެ މައްސަލަތައް ދިމާވާ ކަމަށް އާއްމުން ބުނެފައި ވެ އެވެ.

"ރައްޔިތުންނަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ކަންކަން ކޮންޓްރޯލް ކުރަން ތިބޭ މީހުން،" ތިމާވެށީގެ އެކްޓިވިސްޓުން ޕަބްލޯ ލާޑާ އޭއެފްޕީއަށް ބުންޏެވެ.

އޭނާ ބުނީ ފެންގަނޑުގެ ކުލަ ބަދަލުވީ ނިމުނު ހަފްތާގައި ކަމަށާއި އާދީއްތަ ދުވަހު ވެސް އޮތީ ފިޔާތޮށި ކުލައިގައި ކަމަށެވެ.

އެންވާރަމެންޓަލް އިންޖިނިއަރު އަދި ވައިރޮލޮޖިސްޓް ފެޑެރިކޯ ރެސްޓްރެޕޯ އޭއެފްޕީއަށް ބުނީ އެ ކުލަ އައިސްފައިވަނީ މަހުގެ ކުނީގައި ހުންނަ ސޯޑިއަމް ސަލްފައިޓުން ކަމަށާއި ގާނޫނުގެ ދަށުން އެ ކުނި އުކާލުމުގެ ކުރިން "ޓްރީޓް" ކުރަން ޖެހޭނެ ކަމަށެވެ.

އާއްމު ބޭނުންތަކަށް ބޭނުން ނުކުރާ އެ ފެންގަނޑަށް ޓްރެލެވްގެ އިންޑަސްޓްރިއަލް ޕާކުން ކުނި އަޅާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މީގެ ކުރިން ވެސް ފެންގަނޑުގެ ކުލަ މަޑު ފިޔާތޮށި ކުލަޔަކަށް ބަދަލުވި އެވެ.

ނަމަވެސް ރައްޔިތުން މިހާރު ތިބީ ހިތްހަމަނުޖެހިފަ އެވެ. އެގޮތުން ފެންގަނޑާ ކައިރި ހިސާބުތަކުގައި އުޅޭ މީހުން ދަނީ ކުނި ހިފައިގެން ދަތުރު ކުރާ އުޅަނދުތަކަށް މަގުތައް ވެސް ބަންދު ކުރަމުންނެވެ.

ޗުބުތް ޕްރޮވިންސްގެ އެންވާރަމެންޓަލް ކޮންޓްރޯލް ޗީފް ހުއާން މިޝެލޫދް ވިދާޅުވީ ފެންގަނޑު ފިޔާތޮށި ކުލަޔަށް ބަދަލުވެގެން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ކުލަ ދާނެ ކަމަށެވެ.