Advertisement

ނަޝީދު އެދިވަޑައިގަތުމުން ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އެމްޑީޕީން މަސައްކަތް ފަށައިފި

26 ޖުލައި 2021 - 10:37 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް


ނަޝީދު އެދިވަޑައިގަތުމުން ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އެމްޑީޕީން މަސައްކަތް ފަށައިފި

26 ޖުލައި 2021 - 10:37 0

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ ގުޅިގެން، އެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ގިނަ މައުލޫމާތުތަކެއް ފުލުހުން އާންމުކޮށްފައިވާއިރު، އެ މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް ފެންނަ ގޮތްތަކާމެދު މަޖިލީހުން ގޮތް ނިންމުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުގަ އެވެ.

އެކަމާ ގުޅިގެން އާޒިމް މިއަދު "އަދަދު"އަށް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ މެމްބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުން ތިންބައިކުޅަ އެއް ބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް މަޖިީލިހުގެ ރައީސަށް ހުށަހެޅުމުންނެވެ.

އެގޮތުން، އެ ހުށަހެޅުމަށް މަދުވެގެން 29 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމައި، އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް އިރު، ގިނަ މެމްބަރުން މިވަގުތު މާލޭގައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިން. ދެން ވާދަވެރި ޕާޓީތަކުގަ ވެސް އަޅުގަނޑު އެދިގެން މިއުޅެނީ ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދުކުރައްވާނަމަ ސޮއިކޮށް ދެއްވުމަށް،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެ އަދަދަށް މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ، އެ ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހެ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުގެ އިތުރުން، ނަޝީދު ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ރޭ އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެ ގަރާރުގައި ވަނީ "ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީ އިގްރާރުވުމަށް" އެއްބަސްވާ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި މައުލޫމާތައް ބިނާކޮށް، "ސަރުކާރުން އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީ ދެކޭ ގޮތް" ސަރުކާރަށް އެރުވުމަށެވެ.

ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ފުލުހުންނަށް ފުރުސަތު ދީފި ނަމަ ޓެރަރިސްޓުން ހައްޔަރު ކުރެވޭނެ ކަމަށެވެ. އަދި އެއީ ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ބައެއް މައުލޫމާތު ފުލުހުން ހާމަ ކުރިއިރު ބުނެފައި ވަނީ ޓެރަރިސްޓުން ނަޝީދަށް ހަމަލާދީފައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކާހުރެ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށެވެ.

އަދި ބޮން ގޮއްވުމުގެ މިޝަން ކުރިއަށް ގެންދަން ކުރި ހަރަދެއް ފިޔަވައި އެކަން ކުރީތީ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.