Advertisement

އޭއެފްސީ ކަޕާ ދިމާކޮށް ބަކާ އާއި އީސަ އީގަލްސް އަށް

26 ޖުލައި 2021 - 07:46 0


އޭއެފްސީ ކަޕާ ދިމާކޮށް ބަކާ އާއި އީސަ އީގަލްސް އަށް

26 ޖުލައި 2021 - 07:46 0

އަންނަ މަހު ކުރިއަށް ގެންދަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ މެޗުތަކަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ އީގަލްސްގެ ޕްރެކްޓިހުގައި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ބައިވެރިވެއްޖެ އެވެ.

އީގަލްސް އިން ތައްޔާރުވަމުން އަންނަނީ އަންނަ މަހު 15 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށެވެ.

އިއްޔެ ބޭއްވި އީގަލްސްގެ ފަރިތަކުރުންތަކުގައި ބަކާ އާއި އީސަ ވަނީ ބައިވެރިވެފަ އެވެ. އީގަލްސް އޮފިޝަލަކު "އަދަދު" އަށް ބުނީ އީސަ އާއި ބަކާގެ އިތުރުން އެހެން ކުޅުންތެރިން ގެނެސްގެން ވެސް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅުނު އީސަ އާއި ބަކާ މީގެ ކުރިން ވެސް ވަނީ އީގަލްސް އަށް ކުޅެފަ އެވެ. އެ ގޮތުން ބަކާ ވަނީ 2012 އާއި 2017 ވަނަ އަހަރު އީގަލްސް އަށް ކުޅެފަ އެވެ. އީސަ ވަނީ 2014 އާއި 2015 ވަނަ އަހަރު އީގަލްސްގެ ކެޕްޓަންކަން ކޮށްފަ އެވެ.

އީގަލްސް އިން ވަނީ އެ ޓީމަށް ކުޅެމުން އައި ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާގެ ކޮންޓްރެކްޓް އާ ކޮށްފަ އެެވެ. އެކަމަކު، އެ ޓީމުން ވަނީ މިސްރުގެ ފޯވާޑް މުހައްމަދު އޮސާމާ ވަނީ ދޫކޮށްލައިފަ އެވެ. އީގަލްސްގެ ކޯޗަކީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

ޕްލޭއޮފާ ހަމައަށް އީގަލްސްގެ ދަތުރަށް ބަލާއިރު، އެ ޓީމު ވަނީ ކޮލިފައިން ފުރަތަމަ މެޗުގައި 2-0 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އީގަލްސް ކުޅެން ޖެހުނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އޭއެފްސީން ތަކުރާރުކޮށް ދިން އެކި ފުރުސަތުތަކުގައި އަބަހާނީ އަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އެންމެ ފަހުން އޭއެފްސީން އެ ޓީމު ވަކިކޮށް އީގަލްސް އަށް ޕްލޭއޮފްގެ ޖާގަ ދިނީ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް އޮންނާނީ މާލޭގަ އެވެ. އަންނަ މަހު އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕްގެ ފަހު ޖާގަ ލިބޭއިރު، އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެންގަލޫރުން ވެސް ވަނީ ކޭމްޕް ޖަހައި ޕްރެކްޓިސް ފަށައިފަ އެވެ. އަދި މާޒިޔާ އިން ވަނީ މީގެ އެއް ދުވަސް ކުރިން އެފްއޭއެމުން ދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ކޭމްޕް ޖަހައިފަ އެވެ.