ޕޯޗުގަލް ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނުމަށް ފަހު ރެނާޓޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބާސެލޯނާ (ޖުލައި 19) - މި ފަހަރުގެ ޔޫރޯގައި ވިދާލި ޕޯޗުގީސް މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމުގެ ރޭހަށް ބާސެލޯނާ އިން ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ފަސް އަހަރު ކުރިން ޕޯޗުގަލް އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ވިދާލި ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންވެ، ފްރާންސްގެ ލިލް އަށް ކުޅޭ ރެނާޓޯގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 23 އަހަރުގެ ރެނާޓޯ ގަންނަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ ލިވަޕޫލާއި އާސެނަލުންނެވެ. އެކަމަކު، ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން ވެސް ވަނީ ރެނާޓޯ ހޯދުމުގެ ރޭހުގައި ބައިވެރިވެފަ އެވެ.
އެލްމުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާގޮތުގައި ބާސެލޯނާ އިން ރެނާޓޯގެ ސޮއި ހޯދުމުގައި ސީރިއަސްކޮށް މަސައްކަތް ކުރަން ފަށާނީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ހޯދަން ކުރާ މަސައްކަތް ފެއިލްވެއްޖެނަމަ އެވެ.
ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމަށް ކުޅޭ އެންޓޮއިން ގްރީޒްމަން އާއި ސައުލް ބަދަލުކުރާށެވެ. އެކަމަކު އެތުލެޓިކޯ އިން ސައުލްގެ ޑީލްގެ ތެރެއިން ކޮންމެ ވެސް ވަރެއްގެ ފީ އަކަށް ޑިމާންޑްކުރާތީ އެ ޓްރާންސްފާގެ ވާހަކަތައް އޮތީ ހުއްޓިފަ އެވެ.
ސަައުލް ހޯދުމުގެ މަސައްކަތް ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެނަމަ އެ ޓީމުން ރެނާޓޯ ގެންނަން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ދެ އަހަރު ތެރޭ 50 މިލިއަން ޑޮލަރު ދޭ އެއްބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ޓްރާންސްފާ ފީ ދައްކަން ފަށާނީ ފުރަތަމަ ސީޒަން ނިމުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެނާޓޯގެ ޑީލްގެ ޓްރާންސްފާ ފީއެއް މި ފަހަރު ނަގަން ލިލް އިން ބޭނުންނަމަ ބާސެލޯނާ އަށް މި ވަގުތު އެ ޓްރާންސްފާ ކުރިއަށް ނުގެންދެވޭނެ އެވެ.
ބެންފީކާ ޓީމުން ފާހަގަވި ރެނާޓޯ 2016 ވަަަނަ އަހަރުގެ ކާމިޔާބު ޔޫރޯ އަށް ފަހު ބަދަލުވީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ. އެ ޓީމުގައި ތިން އަހަރު މަޑުކުރިއިރު، އޭގެ ތެރެއިން އެއް ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އަށް ކުޅުނެވެ.
ރެނާޓޯ، ލިލް އަށް ބަދަލުވީ 2019 ވަނަަ އަހަރު 30 މިލިއަން ޑޮލަރަށެވެ. އޭނާ އަކީ ލިލްގެ ތާރީހުގައި އެ ޓީމަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިލް އިން ފްރެންޗް ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
Comment