Advertisement

ޔޫރޯ ފައިނަލް ފަސްކުރަން ނުޖެހުނީ ފުލުހުންގެ ހުށިޔާރު ކަމުން

16 ޖުލައި 2021 - 17:51 0

އިޓަލީގެ ކިއެލީނީ އާއި އިންގްލެންޑްގެ ކޭން ބޯޅައިގައި ބޮލުން ޖަހަން މަސައްކަތްކުރަނީ


ޔޫރޯ ފައިނަލް ފަސްކުރަން ނުޖެހުނީ ފުލުހުންގެ ހުށިޔާރު ކަމުން

16 ޖުލައި 2021 - 17:51 0

ލަންޑަން (ޖުލައި 16) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންގްލެންޑާއި އިޓަލީ ކުޅުނު މެޗު ފަސްކުރަން ނުޖެހި ޝެޑިއުލާ އެއްގޮތަށް ކުޅެވުނީ ލަންޑަން ފުލުހުންގެ ހުށިޔާރުކަމުން ކަމަށް ބުނެފި އެވެ.

އިޓަލީން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލިއިރު، އެ މެޗު ފެށުމުގެ ކުރިން ޓިކެޓެއް ނެތި ދަނޑަށް ވަންނަން އުޅުނު އެތައް އިނގިރޭސި ސަޕޯޓަރުންތަކެއް ވަނީ ފުލުހުންނާ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން 26 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހާދިސާތަކާ ގުޅިގެން ލަންޑަން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 55 އަަހަރަށް ފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުމަކީ ހަގީގަތުގައި ވަރަށް އުފާވެރި މާހައުލެއްގައި ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަކު ސަޕޯޓަރުންގެ ބަޔަކުގެ އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލެއްގެ ސަބަބުން 19 ފުލުހުންނަށް ވެސް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ކަމަށެވެ.

"ޓިކެޓް އޮތް މީހުންނަށް ދަނޑު ހުޅުވުމާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ތަކެއް ޓިކެޓެއް ވެސް ނެތި ގޭޓް ފަޅާލުމަށް ފަހު ދަނޑުތެރެއަށް ވަންނަން މަސައްކަތްކުރި. އެ ވަގުތު ފުލުހުންގެ ހަރަކާތްތައް އަވަސްވެ އެކަން ކުރަން އުޅުނު ގިނަ އަދަދެއްގެ ބަޔަކު ހުއްޓުވައި، މަސްތުގެ ހާލުގައި ހުރެ ފުލުހުންނަށް ހަމަލާދިން މީހުންތަކެއް ހައްޔަރުވެސް ވަނީ ކުރެވިފައި،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

"ބައެއް މީހުން މިއީ ފުލުހުންގެ ފެއިލްވުމެއްގެ ގޮތުގައި ދެކުނު ކަމުގައި ވިޔަސް އަހަރެމެން އެގޮތަކަށް ގަބޫލެއް ނުކުރަން. އެއީ ފައިނަލް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިޔައީ ފުލުހުންނާ ހެދި. ފުލުހުން އަވަހަށް އެކަން ކޮންޓްރޯލް ނުކުރިނަމަ މެޗު ފަސްކުރަން ޖެހޭނެ،"

ފައިނަލް މެޗު ބަލަން އިނގިރޭސި ވެމްބްލީ ސްޓޭޑިއަމަށް ވަން އިޓަލީގެ ގިނަ ކުޅުންތެރިންގެ އާއިލާ މެމްބަރުންގެ ގޮނޑީގައި ވެސް ތިބީ ޓިކެޓެއް ނުލައި ދަނޑަށް ވަން އިނގިރޭސި ސަޕޯޓަރުންނެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީގެ ދަރިފުޅު އަންދްރެއާ މަންޗިނީގެ ސީޓުގައި އިނގިރޭސި ސަޕޯޓަރަކު އިނުމުން އޭނާ މެޗުގެ ފުރަތަމަ ހާފު އެއްކޮށް ބަލަން ޖެހުނީ ސިޑި މަތީގައި ހުރެ އެވެ. ދެ ވަނަ ހާފުގައި ދަނޑުގެ ސެކިއުރިޓީން ވަނީ އަންރެއާ އަށް އިޓަލީ ސަޕޯޓަރުންގެ ތެރެއިން ސީޓެއް ދީފަ އެވެ.

ފައިނަލް މެޗަށް ފަހު އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އިޓަލީގެ ސަޕޯޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަތަކެއް ޔުއެފާ އިން އަންނަނީ ބަލަމުންނެވެ. އެ މައްސަލަ އިނގިރޭސި އެފްއޭ އިން ވެސް ބަލަމުން އަންނައިރު، މާރާާމާރީގައި އަނިޔާވި އިޓަލީގެ ސަޕޯޓަރުންގެ ބަޔަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާވެސް ދީފަ އެވެ.

މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ޔުއެފާ އިން ބަލައި ޔުއެފާ އިން ނިންމީ 30،000 ޔޫރޯ އިން ޖޫރިމަނާ ކުރާށެވެ. ޔުއެފާ އިން އެ ފަަހަރު އިންގްލެންޑް އެފްއޭ ޖޫރިމަނާ ކުރަން ނިންމީ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތުގައި އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކޮށްފައިވުމާއި އަލިފާން ބޯޅަ ދަނޑުތެރޭގައި ރޯކުރި މައްސަލައިގެ އިތުރުން އިންގްލެންޑުން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލައިގަ އެވެ.