ވިމްބަލްޑަން ޓެނިސް މުބާރާތުގެ މެޗެއްގެ ތެރެއިން ފެޑެރާ.-- ފޮޓޯ: އޭއެފްޕީ
ޒިއުރިކް (ޖުލައި 13) - ކުރިއަށް އޮތް 10 ދުވަސް ތެރޭ ފަށަން ތާވަލުކޮށްފައިވާ ޓޮކިޔޯ އޮލިމްޕިކްސްގައި ނުކުޅެން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ނިންމައިފި އެވެ.
އުމުރުން 39 އަހަރުގެ ފެޑެރާ ވަނީ ދާދި ފަހުން ނިމުނު ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވާދަކޮށްފަ އެވެ. ފެޑެރާ އެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ޕޮލެންޑްގެ ހިއުބާޓް ހުކާޒް އަތުން ބަލިވެގެންނެވެ.
މިދިޔަ އަހަރު ކަކުލުގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ފެޑެރާ ފަހަކަށް އައިސް ގާތްގާތުގައި ގިނަ މުބާރާތްތަކެއް ނުކުޅޭ އެންމެ ބޮޑު ސަބަބަކީ އޭނާ ކަކުލަށް ތަދުވާތީ އެކަށީގެންވާ ވަރަކަށް ރިކަވަރީ އަށް ވަގުތު ދޭން ބޭނުންވާތީ އެވެ. ފެޑެރާ މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގަ އެވެ.
2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ތެރެއިން ފެޑެރާ.-- ފޮޓޯ: އޭއެފްޕީ
"ގްރާސްކޯޓުގައި އެންމެ ފަހުން މި ކުޅުނު މުބާރާތު(ވިމްބަލްޑަން) ގައި އަހަރެންގެ ކަކުލަށް ދިމާވެފައިވާ މައްސަަަލައިގެ ސަބަބުން ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި. އެހެންވެ އަހަރެން ނިންމީ އޮލިމްޕިކްސްގައި ވާދަނުކުރަން. އޮލިމްޕިކްސް ފަދަ ބޮޑު ކުޅިވަރު ހަރަކާތެއްގައި ގައުމު ތަމްސީލުކުރުމަކީ ޝަރަފެއް. ކެރިއަރުގެ މި ހިސާބުގައި އެ ފަދަ ފުރުސަތެއް ގެއްލުމަކީ ދެރައެއް،" ފެޑެރާ ބުންޏެވެ.
ފެޑެރާ ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް އިން ރަން މެޑަލާއި 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް އިން ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ހަަމަކޮށްފަ އެވެ. އެ ކާމިޔާބީއާ އެކު ޖޮކޮވިޗް ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލްގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ފެޑެރާގެ އިތުރުން އަނިޔާގެ ސަބަބުން ނަޑާލް ވެސް ކުރިއަށް އޮތް އޮލިމްޕިކްސްގައި ނުފެންނާނެ އެވެ. އަނިޔާގެ ސަބަބުން ވިމްބަލްޑަންގައި ވެސް ނަޑާލް ނުކުޅެ އެވެ.
Comment