13 ޖުލައި 2021 - 22:18 1
13 ޖުލައި 2021 - 22:18 1
ލަންޑަން (ޖުލައި 13) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗަށް ފަހު އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އިޓަލީގެ ސަޕޯޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަތަކެއް ޔުއެފާ އިން ބަލަން ފަށައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ޕެނަލްޓީ ޖަހައިގެން އިޓަލީން އިންގްލެންޑް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދި މެޗަށް ފަހު އިޓަލީ ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމްގެ ގޭޓުން ނުކުތް ވަގުތު އިނގިރޭސި ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ އިޓަލީ ސަޕޯޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގައިފަ އެވެ.
އިޓަލީގެ ގިނަ ސަޕޯޓަރުންނަށް އަނިޔާވިއިރު، ބައެއް ސަޕޯޓަރުންނަށް ވަނީ ހޮސްޕިޓަލްގައި ވެސް ފަރުވާދީފަ އެވެ. މާރާމާރީ ކޮންޓްރޯލް ކުރެވުނީ ގިނަ އަދަދެއްގެ ސެކިއުރިޓީން ގެނެސްގެންނެވެ.
ޔުއެފާ އިން މިހާރު މި ވަނީ ޑިސިޕްލިނަރީ ކޮމިޓީގެ ހާއްސަ ޓީމެއް އެކުލަވާލައި ހިނގާދިޔަ ހާދިސާއާ ބެހޭ ފުރިހަމަ ތަހުގީގެއް ފަށައިފަ އެވެ. އިނގިރޭސި ސަޕޯޓަރުންގެ ފަރާތުން މި ފެނުނު މުޑުދާރު އަމަލުގެ ސަބަބުން ޔުއެފާ އިން އިނގިރޭސި އެފްއޭގެ މައްޗަށް ހަތަރު ދައުވާއެއް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކްޓިވް މާކް ބުލިންހަމް ވަނީ އިނގިރޭސި ސަޕޯޓަރުންގެ ކިބައިން އެ ފެނުނު ދަށު ދަރަޖައިގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ. އިނގިރޭސި އެފްއޭ އިން ވަނީ މަސްތުގެ ހާލަތުގައި ތިބި ސަޕޯޓަރުންގެ ބަޔަކު ހިންގި މާރާމާރީގެ މި މައްސަލަ ބަލަން ނިންމައިފަ އެވެ. އަދި މިކަމުގައި ބައިވެރިވި ވަކިވަކި ސަޕޯޓަރުން ފާހަގަކޮށް އަދަބުދޭން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ފައިނަލް މެޗު ފެށުމުގެ ކުރިން ވެމްބްލީގެ ގޭޓް ސެކިއުރިޓީ އަށް ހަަމަލާދީ ޓިކެޓް ނުލައި ދަނޑަށް ވަންނަން އުޅުނު އިނގިރޭސި ގިނަ ސަޕޯޓަރުންގެ މައްސަލަތަކެެއް ވެސް އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ.
މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ޔުއެފާ އިން ބަލައި ޔުއެފާ އިން ނިންމީ 30،000 ޔޫރޯ އިން ޖޫރިމަނާ ކުރާށެވެ.
ޔުއެފާ އިން އެ ފަަހަރު އިންގްލެންޑް އެފްއޭ ޖޫރިމަނާ ކުރަން ނިންމީ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތުގައި އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކޮށްފައިވުމާއި އަލިފާން ބޯޅަ ދަނޑުތެރޭގައި ރޯކުރި މައްސަލައިގެ އިތުރުން އިންގްލެންޑުން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލައިގަ އެވެ.
މާރާމާރީގެ މައްސަލައިގައި އިނގިރޭސި ޓީމު ކުރިއަށް އޮތް ހޯމް މެޗުތަކުގައި ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހޭ ގޮތަށް އަދަބު ދިނުމުގެ އިތުރުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު ބޮޑެވެ.
Comment