13 ޖުލައި 2021 - 08:53 1
13 ޖުލައި 2021 - 08:53 1
ލަންޑަން (ޖުލައި 13) - ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމަށް ކުޅުނު ކުޅުންތެރިއަކު ޕެނަލްޓީ ޖަހަން ދެކޮޅު ހެދުމުން އޭނާ މި ފަހަރުގެ ޔޫރޯ ސްކޮޑަށް ނުނަގައި ބާކީކުރި ކަމަށް މިހާރު އިޓަލީގެ ރޯމާގައި ހުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ފަހަރުގެ ޔޫރޯ ފައިނަލުން އިންގްލެންޑް ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި މެޗުގެ ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ސުވާލު އުފައްދަނީ އިންގްލެންޑުން ޕެނަލްޓީ ޖަހަން ކަނޑައެޅި ކުޅުންތެރިންނަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްތޯ އެވެ.
އެ ހުރިހާ ވާހަކައެއްގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކުރިން އިނގިރޭސި ތިން ކްލަބެއް ކަމަށްވާ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން މޮރީނިއޯ ޓޯކް ސްޕޯޓްސް ޝޯއެއްގައި ދެއްކި ވާހަކަ ތަކަށެވެ.
"އަަހަރެން ގާތުގައި ނާހާތީ ކާކުހޭ. އެއީ އަހަންނެއް ނުބުނާނަން ނަމެއް. އަހަރެން ގާތުގައި 100 ޕަސެންޓް ޔަގީންކަމާ އެކު މައުލޫމާތު އެނގޭ މީހަކު ބުނީ މި ފަހަރުގެ ޔޫރޯ ސްކޮޑުގައި ހިމެނެން ޖެހޭ އިންގްލެންޑް ކުޅުންތެރިއަކަށް ފުރުސަތު ނުދިން ސަބަބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހަން ދެކޮޅު ހެދި ކުޅުންތެރިއެއް،" މޮރީނިއޯ ބުންޏެވެ.
"ބައެއް ފަހަރު ފުޓްބޯޅައިގައި މި ކަހަލަ ކަންތައްތައް ހިނގާނެ. އިނގިރޭސި ކޯޗު ސައުތުގޭޓް ކަަހަލަ އިހުލާސްތެރި ކޯޗުން އެ ކުޅުންތެރިން ބޭޒާރެއް ނުކުރާނެ،"
އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ވަނީ ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށްފަ އެވެ. އެ މެޗުގައި އިންގްލެންޑްގެ ޕެނަލްޓީތައް ފޮނުވާލީ ހެރީ ކޭން، ޖޯޑަން ހެންޑަސަން، މާކަސް ރެޝްފޯޑް، ކިއެރަން ޓްރިޕިއޭ އަދި އެރިކް ޑަޔާ އެވެ. އެ ފަހަރު ޕެނަލްޓީ ޖަހަން ނިންމި ކުޅުންތެރިންގެ ތެރެއިން ނުޖެހީ ޖެސީ ލިންގާޑް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ، މޮރީނިއޯ އެ ފާހަގަކުރި ކުޅުންތެރިއަކީ ލިންގާޑް ކަމަށްވުން އެކަށީގެންވެ އެވެ.
އިޓަލީއާ ދެކޮޅަށް ކުޅުނު ޔޫރޯގެ ފައިނަލުގައި ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް ވަނީ ޖޭޑަން ސަންޗޯ އާއި މާކަސް ރެޝްފޯޑް ކުޅެން އަރުވައިފަ އެވެ. އެއީ ޕެނަލްޓީ އަށް ހާއްސަކޮށް ކުރި ދެ ބަދަލެވެ. އިންގްލެންޑް ބަލިވީ ފަހު ތިން ޕެނަލްޓީ ކާމިޔާބު ނުކުރެވިގެންނެވެ. ތިން ވަނަ ޕެނަލްޓީ ރެޝްފޯޑް ފޮނުވާލި ނަމަވެސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ހަތަރު ވަނަ ޕެނަލްޓީގައި ސަންޗޯ ފޮނުވާލި ބޯޅަ އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔައީ އުމުރުން 19 އަހަރުގެ ބުކާޔޯ ސަކާ އެވެ. އޭނާ ޖެހި ޕެނަލްޓީ ޑޮންނަރުންމާ މަތަކުރިއިރު، މެޗުން ވެސް އިޓަލީ މޮޅުވީ އެވެ. ސަކާ އަކީ ވެސް ބަދަލެއްގެ ގޮތުގައި އެރި ކުޅުންތެރިއެކެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި އަޔަލެންޑްގެ ކުރީގެ ކުޅުންތެރިޔާ ރޯއީ ކީން ބުނީ ސަކާ ލައްވައި ފަހު ޕެނަލްޓީ ޖެހުމުގެ ބަދަލުގައި އިންގްލެންޑުން އެކަން ކުރަން ޖެހޭނީ ޖެކް ގްރީލިޝް ނޫނީ ރަހީމް ސްޓާލިން ލައްވައި ކަމަށެވެ. އޭގެ ބަދަލުގައި ސަކާއާ ހަވާލުކުރީ އޭނާ އަށް ޕްރެޝަރު ބޮޑު ޒިންމާއެއް ކަމަށެވެ.
އެސްޓަން ވިލާގެ ކެޕްޓަންކަން ކުރަމުން އަންނަ ގްރީލިޝް ޕެނަލްޓީ ނުޖެހީ ކީއްވެތޯ ކުރިމަތިކުރާ ސުވާލުތަކަށް އޭނާ ވަނީ ޓްވީޓަކުން ޖަވާބު ދީފަ އެވެ. ގްރީލިޝް ބުނީ ޕެނަލްޓީ ޖަހަން އޭނާ ބޭނުންވި ކަމަށާއި އެކަމަކު ފުރަތަމަ ފަސް ޕެނަލްޓީގައި އޭނާ ނުހިމަނަން ކޯޗުގެ ނިންމުމަށް ވެސް އިހުތިރާމް ކުރާ ކަމަށެެވެ. އަދި ޕެނަލްޓީ ޖަހަން އޭނާ ބޭނުންވެފައި ހުއްޓައި އެކަން ނުކުރީ ގަސްދުގައޭ ކިޔާފައި ދެކެވޭ ވާހަކަ ބަލައިގަންނަން އުނދަގޫ ކަމަށް ގްރީލިޝް ބުންޏެވެ.
Comment