Advertisement

އެއް ފަހަރާ ކޮވިޑުގެ ދެ ވޭރިއެންޓު ޖެހުނު މީހަކު މަރުވެއްޖެ

11 ޖުލައި 2021 - 10:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑަށް ޓެސްޓު ކުރަން މީހެއްގެ ސާމްޕަލް ނަގަނީ.-- ފޮޓޯ: ރޮއިޓާޒް


އެއް ފަހަރާ ކޮވިޑުގެ ދެ ވޭރިއެންޓު ޖެހުނު މީހަކު މަރުވެއްޖެ

11 ޖުލައި 2021 - 10:31 0

ޕެރިސް، ފްރާންސް (ޖުލައި 11) - އުމުރުން 90 އަހަރުގެ އަންހެނަކު މަރުވީ ކޮވިޑްގެ ދެ ވޭރިއެންޓު އެއް ފަހަރާ ޖެހުމުން ކަމަށް ބެލްޖިއަމްގެ ސައިންޓިސްޓުން ބުނެފި އެވެ.

ސައިންޓިސްޓުން ބުނީ އެ އަންހެން މީހާ ބަލިވީ އަލްފާ އަދި ބީޓާ ވޭރިއެންޓުން އެއް ފަހަރާ އިންފެކްޓުވުމުން ކަމަށެވެ. އަދި މިއީ ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ދިމާވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

މަރުވި އަންހެން މީހާއަކީ ވެކްސިން ނުޖަހާ ހުރި މީހެކެވެ. އޭނާއަކީ ގޭގައި އެކަނި ދިރިއުޅޭ މީހެކެވެ. އޭނާ ބެލުމަށް ގެޔަށް ނަރުހަކު ގޮސް ހަދަ އެވެ. ކޮވިޑް ޖެހި ބަލިވެގެން އޭނާ އެޑްމިޓު ކުރީ އާލްސްޓް ސިޓީގެ އޯއެލްވީ ހޮސްޕިޓަލުގަ އެވެ.

މާޗް މަހު ކޮވިޑަށް ޕޮޒިޓިވް އެޑްމިޓު ކުރިއިރު، އޭނާގެ އޮކްސިޖަން މިންވަރު ހުރީ ރަނގަޅަށެވެ. ނަމަވެސް ކުއްލިއަކަށް ވަރަށް އަވަހަށް ހާލު ދެރަވެ، ފަސް ދުވަސް ފަހުން މަރުވީ އެވެ.

އޭނާގެ ހަށިގަނޑުގައި އެއްވެސް ވޭރިއެންޓެއް އުޅޭތޯ ޓެސްޓުތައް ހެދިއިރު، އިނގިރޭސި ވިލާތުން ފެނުނު އަލްފާ އަދި ދެކުނު އެފްރިކާއިން ފެނުނު ބީޓާ ވޭރިއެންޓް ވެސް ފެނުނެވެ.

"އެ ދުވަސްވަރު މި ދެ ވޭރިއެންޓު ވެސް ދިޔެއީ ބެލްޖިއަމްގައި ފެތުރެމުން. އެހެންވެ، ދެ މީހެއްގެ ގައިން ދެ ވޭރިއެންޓު އަންހެން މީހާއަށް ވާސިލްވީ ކަމަށް ބެލެވޭ،" އޯއެލްވީ ހޮސްޕިޓަލުގެ މޮލެކިއުލާ ބަޔޮލޮޖިސްޓް އޭން ވެންކީބާގަން ވިދާޅުވި އެވެ.

ވެންކީބާގަން ވިދާޅުވީ އެހާ އަވަހަށް އަންހެން މީހާގެ ހާލު ދެރަވީ އެއް ފަހަރާ ދެ ވޭރިއެންޓު ޖެހުމުންކަން ޔަގީން ނުކުރެވޭ ކަމަށެވެ.

އޯއެލްވީ ހޮސްޕިޓަލުގެ ދިރާސާ މެޑިކަލް ޖާނަލްއެއްގައި މިހާތަނަށް ޝާއިއުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ދިރާސާ ވަނީ ޔޫރޮޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޮބަޔޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަޒް އަށް ހުށަހަޅާފަ އެވެ.

ވެންކީބާގަން ވިދާޅުވީ "ކޯ އިންފެކްޝަން" ނުވަތަ އެއް ފަހަރާ ދެ ވޭރިއެންޓް ޖެހިގެން ބަލިވި މީހުންގެ އެހެން ކޭސްތައް ޝާއިއުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ފުންކޮށް ދިރާސާ ނުކުރެވި އޮތް ދާއިރާއެއް ކަމަށް ފާހަގަކުރެއްވި އެވެ.

"އެއީ ވޭރިއެންޓުތަކަށް ޓެސްޓު ކުރަނީ ވަރަށް މަދުން ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު ބްރެޒިލްގެ ސައިންޓިސްޓުން ވެސް ބުނީ ދެ މީހަކު އެއް ފަހަރާ ދެ ވޭރިއެންޓް ޖެހިގެން ބަލިވެފައިވާ ކަމަށެވެ. ނަމަވެސް އެ ދިރާސާ ވެސް މިހާތަނަށް ޝާއިއުކޮށްފައެއް ނުވެ އެވެ.